ޖޫން މަހުގެ ހަތަރު ވަނަ ދުވަހު ޑިންގީއެއްގައި މަހަށް ނިކުމެ އުޅެނިކޮށް ގެއްލުނު މުހައްމަދު ސުމައިދުގެ ބޭބެއެއް މަރުވެފައި އޮތްވާ ފެނުނުއިރު އޭނާގެ އަނގައިންނާއި، ނޭފަތުން ލޭ އައިސްފައި ހުރިކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.
މަހަށް ނިކުމެ އުޅެނިކޮށް ގެއްލުނު ޕޮލިސް ކޯޕްރަލް މުހައްމަދު ސުމައިދުގެ ބޮޑު ބޭބެ އަބްދުﷲ މުޞްދިޤު މަރުވެފައި އޮތްވާ ފެނުނީ ޖެނުއަރީ 18 ވަނަ ދުވަހު، އެނާ ދިރިއުޅޭ ކޮޓަރީގެ ތެރެއިނެވެ. އުމުރުން 37 އަހަރުގެ މުޞްދިޤު އަކީ ސުމައިދު ހޯދުމަށް ކުރި މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެ އާއިލާގެ މެމްބަރެއެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ މުޞްދިޤު ހޮސްޕިޓަލަށް ގެނައި އިރު ވެސް އޮތީ މަރުވެފައި ކަމަށެވެ. ޑޮކްޓަރުން ބެލި ބެލުމުން އޭނާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ބެލެވޭ ކަމަށް އެ ހޮސްޕިޓަލުން ބުންޏެއެވެ. އެހެންމަވެސް މުޞްދިޤު އަނގައިންނާއި ނޭފަތުން ލޭ އައިސްފައިވާކަން ފާހަގަކޮށް ހޮސްޕިޓަލުން ބުނީ އާންމުކޮށް ހާޓްއެޓޭކް ޖެހިގެން މީހުން މަރުވާއިރު ނުވަތަ ހާޓްއެޓޭކް ޖެހުމުން އަނގައިންނާއި ނޭފަތުން ލޭ ނާންނަ ކަމަށެވެ.
މުޞްދިޤުގެ މަރުގެ މައްސަލަ ފުލުހުން ދަނީ ތަހްގީގް ކުރަމުނެވެ. މުޞްދިޤު ބެލި ޑޮކްޓަރުންނާއި ހަވާލާދީ ހޮސްޕިޓަލުން ބުނީ އޭނާގެ ހަށިގަނޑުން އެއްވެސް އާދަޔާއި ހިލާފް އެއްވެސް ކަމެއް ފެނިފައި ނުވާ ކަމަށެވެ. މުޞްދިޤުގެ މަރާ ގުޅެގޮތުން އާއިލާއިން އެއްވެސް އެއްޗެއް މިހާތަނަން ބުނެފައެއް ނުވެއެވެ. އަދި މަރާ ގުޅޭގޮތުން ސުވާލު އުފައްދާފައެއް ވެސް ނުވެއެވެ.
މުޞްދިޤުގެ ކޮއްކޮ ސުމައިދު ހޯދުމުގެ މަސައްކަތް ފުލުހުންގެ އެހީތެރިކަމާއި އެކު އެމްއެންޑީއެފުން މިހާރު ވެސް ދަނީ ކުރަމުނެވެ. ސުމައިދު ގެއްލުނު ސަރަޙައްދުގެ ބޮޑުބައެއް މިހާތަނަށް ބަލާފައިވާ އިރު، މިހާތަނަށް ބެލިބެލުމުން އޭނާގެ ފޯނު ފެނުން ނޫން އިތުރު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.
މި މައްސަލަ ތަހުގީގުކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓީމެއް އައްޑުއަށް ގޮސްފައިވާއިރު ސުމައިދުގެ ފޯނު ފެނުނީ، ޝަންގްރިއްލާ ރިސޯޓް ކައިރީ އޮންނަ "މަޑިހެރާ" ކިޔާ ފަޅުރަށުގެ ކައިރިން، ހަ މީޓަރު އަޑިންނެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ކުރުމަށްޓަކައި ފުލުހުން ގެންދަނީ ފަޅު ރަށްތައް ވެސް ބަލަމުންނެވެ.
މިމައްސަލާގައި ސުވާލު ކުރަން ޖެހޭ މީހުންނާ ސުވާލު ކުރަމުން އަންނަ ކަމަށާއި ތަހުގީގު ކުރިއަށް ދާތީ މި ހާދިސާއާ ގުޅޭ އިތުރު ތަފުސީލެއް އަދި ދެވެން ނެތް ކަމަށް ފުލުހުން ބުންޏެވެ.