އިދިކޮޅު އިސް ވަފުދެއް ސްރީލަންކާގައި ތިބި އދގެ އިސް އޮފިޝަލުނާއި ބައްދަލުކުރައްވައިފިއެވެ.
ލަންކާއަށް މިވަގުތު ވަޑައިގެން އުޅުއްވާ ސިޔާސީ ޕާޓީތަކުގެ އިސް އޮފިޝަލުންގެ ވަފުދުން އދގެ އޮފިޝަލުންނާއި ބައްދަލުކުރައްވާފައިވަނީ އާދިއްތަ ދުވަހުއެވެ. އިދިކޮޅު ފަރާތްތަކުން ބައްދަލުކުރި އދގެ އޮފިޝަލުންގެ ތެރޭގައި އޭޝިއާ ޕެސިފިކް ރީޖަންގައި ހުންނަވާ އދގެ އެންމެ އިސް ވެރިޔާ، މޭރީ ޔަމާޝިތާ އާއި އެހެނިހެން ބައެއް އޮފިޝަލުން ހިމެނެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މި ބައްދަލުވުމުގައި ބައިވެރި ވަޑައިގެންނެވި، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވީ، މި ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ މަޝްރަހާއި ގުޅޭ ވަރަށް މުހިއްމު ކަންކަމާއިމެދު މަޝްވަރާކުރެވުނުކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލިސް ހިޞާރުކުރެވިފައި އޮތް އޮތުން ހުއްޓުމަކަށް ގެނައުމާއި، ސިޔާސީ އިސް ފަރާތްތަކަށް ޖަލުގައި ނުހައްގުން ދެމުންގެންދާ އަނިޔާގެ ވާހަކަތައް އެބޭފުޅުންނާއި ހިއްސާކުރެއްވިކަމަށް އަމީތު ވިދާޅުވިއެވެ. މީގެ އިތުރުން މި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަޤުވާމީ ގޮތުން ކުޅެވިދާނެ ރޯލަކީ ކޮބައިތޯ މި ބައްދަލުވުމުގައި މަޝްްވަރާކުރެވުނުކަމަށް އޭނާ ވިދާޅުވިއެވެ.
އިދިކޮޅު ވަފުދުގެ ބޭފުޅުންގެ ތެރެއިން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި އެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މިހާރުގެ މެންބަރު ޢަބްދުﷲ ޝާހިދު ވިދާޅުވީ، މި ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ ހާލަތާއި، ގެއްލުވާލަމުންދާ އިންސާނީ ޙައްގުތަކުގެ ވާހަކަތައް އދގެ ބޭފުޅުންނާއި ހިއްސާކުރެއްވި ކަމަށެވެ. އަދިމި އަހަރު ބާއްވާ ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބެއްކަން ކަށަވަރުކުރުމުގައި އދ. ގެ އެހީތެރިކަން ބޭނުންވާކަމަށް، އދގެ އޮފިޝަލުންގެ އަރިހުގައި ދެންނެވިކަމަށް ޝާހިދު ވިދާޅުވިއެވެ.
އިދިކޮޅު އިއްތިހާދުގެ ވަފުދު ލަންކާގައި ހަރަކާތްތެރިވަމުންދާއިރު، ނޫސްވެރިންނާއި މުހިއްމު ވާހަކަތަކެއް ހިއްސާކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އާދިއްތަ ދުވަހު ވަނީ ލަންކާއަށް ވަޑައިގަންނަވާފައެވެ.