ވިލާގެ ރިސޯޓްތައް ހުއްޓުވުމަށް ސަރުކާރުން މަސައްކަތްކުރާތީވެ އެކަމާ ދެކޮޅަށް އެ ރިސޯޓްތަކުގައި މުޒާހަރާ ފަށައިފި އެވެ.
ވިލާ ގްރޫޕްގެ ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމު ވިދާޅުވީ ޕެރަޑައިސްގައި މިއަދު މުޒާހަރާކުރިއިރު، މިއަދު މެންދުރު ފަހު ސަން އައިލެންޑް ރިސޯޓްގައި މުޒާހަރާކުރަމުންދާ ކަމަށާއި ހޮލިޑޭ އައިލެންޑާއި ރޯޔަލް އައިލެންޑްގެ މުވައްޒަފުން ވެސް މިއަދު މުޒާހަރާ ފަށާނެ ކަމަށެވެ. ފަން އައިލެންޑްގެ ރާ ގުދަނުގައި ހުރި ރާތައް ކަސްޓްމްސްއިން ގެންގޮސްފައި ވާއިރު، އިއްޔެ އާއި ރޭގައި އެ ރިސޯޓްގެ މުވައްޒަފުން ވަނީ މުޒާހަރާކޮށްފަ އެވެ.
ސަރުކާރާ ދެކޮޅު ޝުއޫރު ލިޔެފައިވާ ބޯޑުތަކާއެކު ރިސޯޓްތަކުގައި މުޒާހަރާ ކުރަމުންދާއިރު، އެ ރިސޯޓްތަކުގައި ގިނަ އަދަދެއްގެ ޓޫރިސްޓުން ވެސް އެބަ ތިއްބެ އެވެ.
ގައިސަރު ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ވިލާގެ ރިސޯޓްތައް ހުއްޓުމަކަށް ގެނައުމަށް ކަމަށާއި އެހެން ނޫންނަމަ ގާނޫނާ އެއްގޮތަށް އެތެރެކޮށްފައި ހުރި ބަނގުރަލެއް ނުގެންދާނެ ކަމަށެވެ. އަދި ރޯޔަލް އައިލެންޑާއި ޕެރަޑައިސް އައިލެންޑަށް ދޫކޮށްފައިވާ ރާ އެތެރެކޮށް ވިއްކުމުގެ ހުއްދަ ބާތިލްކޮށްފައިވާއިރު، އެކަމުގެ ސަބަބުން ރިސޯޓްތައް ހުއްޓުމަކަށް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީރާއިން ވިލާގެ އެކައުންޓްތައް ފްރީޒްކުރުމާއި ގުޅިގެން ކަސްޓަމްސްއިން އެ ކުންފުންޏަށް ދޭ ހިދުމަތްތައް މިދިޔަ އަހަރު މާޗް މަހުން ފެށިގެން ހުއްޓާލުމާ ގުޅިގެން، ރޯޔަލް އައިލެންޑް ފިޔަވައި ގާސިމްގެ އެހެން ރިސޯޓްތަކަށް ރަލާއި އޫރުމަސް ފޮނުވަނީ ރޯޔަލް އައިލެންޑަށް ގެންދާ ރަލާއި އޫރުމަހުގެ ސްޓޮކުންނެވެ. ނަމަވެސް ރޯޔަލަށް ބަނގުރާ އެތެރެކުރުމުގެ ހުއްދަ ބާތިލްކުރުމާއެކު މުޅި ރިސޯޓްތަކަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ގައިސަރު ވިދާޅުވި އެވެ.