ޕެޓްރޯލް އަޅާފައި ހުރި ކޮތަޅުތަކެއް އެމްޑީޕީ ހަރުގެއަށް އުކި މައްސަލަ ތަހުގީގު ކުރަމުން ނުދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް އާދިއްތަ ދުވަހު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އެމްޑީޕީގެ ހަރުގެއަށް ޕެޓްރޯލް ކޮތަޅުތަކެއް އުކިކަމަށް ބުނާ މައްސަލައެއް އެ އިދާރާއަށް ހުށަހެޅި، ރެކޯޑް ކުރެވިފައި ނުވާކަމަށެވެ.
އެމްޑީޕީން މާލޭގެ އާރޓިފިޝަލް ބީޗާ ދިމާލުގައި ހަދާފައިވާ ހަރުގެއަށް ޕެޓްރޯލް ކޮތަޅުތަކެއް އުކާފައި ވަނީ މިމަހުގެ 12 ވީ ހުކުރު ދުވަހު އެވެ.
އެމްޑީޕީގެ ހަރުގެއަށް ޕެޓްރޯލް އުކި ރޭ، އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވެފައި ވަނީ އެ ޕެޓްރޯލް ކޮތަޅުތައް އުކާފައިވަނީ އިރުއޮއްސި 6 ޖަހަން ކައިރިވެފައިވަނިކޮށް ކަމަށާއި އެމީހުން ފަސް ވަރަކަށް ޖޫސްޕެޓީ ކޮތަޅު ހަރުގެއާ ދިމާލަށް އުކާފައިވާ ކަމަށެވެ.
އަނަސް ވިދާޅުވެފައި ވަނީ އެކަން ކުރިކަމަށް ބޮޑަށް ލަފާކުރެވެނީ ސައިކަލެއްގައި ދިޔަ ބަޔަކު ކަމަށެވެ. އަދި އެމީހުން ޕެޓްރޯލް އުކި ވަގުތުގައި އެމްޑީޕީ ހަރުގޭގައި ހުރި މީހެއްގެ ގައިގައި ޖެހުނު ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.
މި މައްސަލަ އެމްޑީޕީގެ ފަރާތުން ފުލުހުންނަށް ހުށަހެޅިކަމެއް ނުވަތަ ހުށަނާޅާކަން އެނގިފައެއް ނުވެއެވެ. ނަމަވެސް އެ ރޭ އަނަސް ވިދާޅުވެފައި ވަނީ މިމައްސަލަ ފުލުހުންނަށް ހުށަހަޅުއްވާނެ ކަމަށެވެ.