މާލޭގައި އުޅޭ ޗައިނާ މީހުން ރެޖިސްޓްރީ ނުކޮށް، ސައިކަލް ދުއްވާކަން އެނގިފައި ނުވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ.
މާލެތެރޭގައި ޗައިނާ ބަޔަކު ރެޖިސްޓްރީ ނުކޮށް ދުއްވާ "ޓްރައި ސައިކަލް" ދުއްވާތަން ފޮޓޯނެގުމަށް ފަހު ސޯސަލް މީޑިއާއަށް ޝެއާރކޮށް ބައެއް މީހުން އެކަމުގެ ޝަކުވާތައް ކުރަމުންދާތީ، ރާއްޖެޓީވީ "ފަށާއިރު" ޕްރޮގްރާމުގައި ޓްރާންސްޕޯޓް އޮތޯރިޓީއަށް ގުޅާ، އެއީ ހުއްދަ ކަމެއްތޯ އެހުމުން ޓްރާންސްޕޯޓް އޮތޯރިޓީގެ އޮފިޝަލަކު ވިދާޅުވީ އެއީ މަނާ ކަމެއް ކަމަށެވެ. ނަމަވެސް ރެޖިސްޓްރީ ނުކޮށް ބަޔަކު ސައިކަލް ދުއްވާކަން އެނގިފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަމުގެ ޝަކުވާއެއް އެ އޮތޯރިޓީއަށް ހުށަހެޅިފައިނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
މީގެއިތުރުން ޓްރާންސްޕޯޓް އޮތޯރިޓީގެ އޮފިޝަލް ވިދާޅުވީ އެފަދަ މައްސަލަތައް ނުވަތަ ޝަކުވާތައް ހުށަހެޅުމަށް އެ އޮތޯރިޓީގައި ފޯމެއް ހުންނާނެ ކަމަށާއި ހުށަހެޅުމުން އެ މައްސަލައެއް ނުވަތަ ޝަކުވާއެއް ބަލާނެ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ރެޖިސްޓްރީ ނުކޮށް ސައިކަލް ދުއްވުން ފަދަ ކަންކަން ބަލަހައްޓާނީ ޓްރާންޕޯޓް އޮތޯރިޓީގެ ގާނޫނާއި ގަވާއިދުތަކުގެ ދަށުން ފުލުހުން ކަމަށެވެ.
އެނގިފައިވާ ގޮތުގައި ރެޖިސްޓްރީ ނުކޮށް މާލޭގައި ސައިކަލް ދުއްވަނީ ސަރުކާރުން ހިންގާ މަޝްރޫއުތަކުގައި އުޅޭ ޗައިނާ މީހުންނެވެ.
މިމަކާ ގުޅިގެން ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.