ވިލާ ގުރޫޕުން ހިންގާ ރިސޯޓްތަކަށް ކަސްޓަމްސްއާއި ފުލުހުން އަރައިގެން ސަރުކާރުން ހިންގަމުންދާ އަމަލުތަކަކީ "ވަރަށް ޖާހިލު ވިސްނުމެއްގައި ތިބެ" ހިންގާ އަމަލުތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ވިލާ ގުރޫޕުން ހިންގާ ރިސޯޓުތަކަށް ކަސްޓަމްސްއާއި ފުލުހުން އަރައި ހިންގަމުންދާ އޮޕަރޭޝަންތަކާއި ގުޅިގެން ރާއްޖެ ޓީވީ އިން ގެނެސްދިން ހާއްސަ ކަވަރޭޖުގައި ފައިސަލް ވިދާޅުވީ، ސަރުކާރުން އަމަލު ކުރަމުންދަނީ "ޖަނަވާރުންވެސް އަމަލު ނުކުރާނެހާ ގޯސްކޮށް" ކަމަށެވެ.
"ސަރުކާރުން ކުރާ މިއީ ވަރަށް ލަދުވެތިކަމެއް. މިއީ ވަރަށް ޖާހިލުންގެ ވިސްނުމުގެ ތެރެއިން ކޮށްފައި އޮންނަ ވަރަށް ތަންދޮރު ނޭނގޭ، އަޅުގަނޑު ދެކޭ ގޮތުގައި ޖަނަވާރުންގެ އުސޫލަށްވުރެ ވެސް ގޯސް ގޮތަކަށް ކަންތައް ފެނިގެން މިދަނީ،" ގާސިމް އިބްރާހިމް ހިންގަވާ ރިސޯޓުތަކަށް ކަސްޓަމްސްއިން އަރައި ހިންގަމުންދާ ކަންތައްތަކަށް އިޝާރާތް ކުރައްވައި، އޭނާ ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ސަރުކާރުން ގާސިމަށް ޝުކުރު ވެރިވާން ޖެހޭނެ ކަމަށާއި ސަރުކާރުން ކޮށްދޭން ޖެހޭ އެތައް ކަމެއް ގާސިމް ފަސޭހަ ކޮށްދެއްވާފައިވާ ކަމަށެވެ.
"ބަނދަރު ހެދުން ކަމުގައިވިއަސް، މިސްކިތްތައް ބިނާ ކުރުން ކަމުގައިވިއަސް، ސުކޫލުތައް އެޅުން ކަމުގައިވީ ނަމަވެސް، ދިވެހި ރައްޔިތުންނަށް ބޭސް ފަރުވާ ކަމުގައިވީ ނަމަވެސް، އެތައް ސްކޮލަޝިޕެއް ދޭން ކަމުގައިވިއަސް ގާސިމް އެވަނީ ކޮށްދެއްވާފައި،" އޭނާ ވިދާޅުވި އެވެ.
ވިލާ ކުންފުންޏަށް ދޫކޮށްފައިވާ ބައެއް ރަށްތަކާ ގުޅޭ ގޮތުން ސިވިލް ކޯޓުގައި ހިނގި މައްސަލަތައް ގާސިމާ އެއްކޮޅަށް ނިންމުމަށްފަހު އެ މައްސަލަތައް ގާސިމާ ދެކޮޅަށް ހައިކޯޓުން ނިމިގެން ދިޔައީ ގާސިމްގެ ސިޔާސީ ފިކުރު ސަރުކާރާ ދެކޮޅުވުމުން ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި އޭނާ ވަނީ އިންސާފުވެރިކަމާއެކު ސިޔާސީ ފިކުރެއް ނެތި ނިންމުންތައް ނިންމުމަށް ޝަރުއީ ދާއިރާއަށް ގޮވާލައްވާފަ އެވެ.
ފައިސަލް ވިދާޅުވީ ގާސިމަށް ގެއްލުންދިނުމުގެ ބޭނުމުގައި ހިންގަމުންދާ ކަންތައްތަކުގެ ސަބަބުން އޭގެ ގެއްލުން ދިވެހި ހުރިހާ ރައްޔިތުންނަށް ވެސް ލިބިގެންދާ ކަމަށެވެ. އަދި ގާސިމްގެ ރިސޯޓްތަކަށް އަރައިގެން ހިންގަމުންދާ އަމަލުތަކުގެ ސަބަބުން ސަރުކާރާ ދެކޮޅުވާ މީހުންގެ އަދަދު އިތުރުވެގެންދާ ކަމަށްވެސް އޭނާ ފާހަގަ ކުރެއްވި އެވެ. ހަމަ އެހެންމެ އާންމު ރައްޔިތުންގެ މުދަލުގެ އެއްވެސް ރައްކާތެރިކަމެއް މިއަދު ނެތް ކަމަށާއި ރައްޔިތުންގެ މުދަލައް ރައްކާތެރިކަން ދޭން ވެރިއެއް ބޭނުންވާކަން ސޯޝަލް މީޑިޔާގައި އާންމުން ފާޅުކޮށްފައިވާ ޝުއޫރުތަކަށް ބެލުމުން އެނގޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އަދި މި ސަރުކާރުން ކުރާ ކޮންމެ ކަމެއް ކުރަނީ އެއިން ލިބޭނެ ގެއްލުމަކަށް ނުބަލައި، ވަގުތީ މަންފާއެއް ލިބިދާނެ ކަމަށް ބަލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ވިލާއިން ހިންގަމުންދާ ރިސޯޓުތަކަށް އަރައި ސަރުކާރުން ހިންގަމުންދާ ކަންތައް ތަކުގެ ސަބަބުން އިގުތިސާދަށް ފޫނުބެއްދޭނެހާ ބޮޑެތި ގެއްލުން ލިބޭނެ ކަމަށް ފައިސަލް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވިލާ ކުންފުނީގެ ރިސޯޓުތައް ހިންގުމުން ދިއުމުގައި މައްސަލަތަކެއް ހުރިނަމަ، އެކަން ވާހަކަ ދައްކައިގެން ހައްލު ކުރެވެން ޖެހޭނެ ކަމަށާއި ރިސޯޓްތަކަށް އަރައިގެން ހިންގަމުންދާ ކަންތައް ތަކަކީ ގާނޫނީ އެއްވެސް ސަބަބެއް އޮވެގެން ކުރާ ކަންތައްތަކެއް ނޫން ކަމަށް ތަކުރާރުކޮށް ފައިސަލް ވިދާޅުވި އެވެ.