ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ރިސޯޓުތަކަށް ފުލުހުންނާއި އަދި ދައުލަތުގެ އެހެނިހެން މުއްސަސާތަކުން އަރާ ހިންގާ އޮޕަރޭޝަން ކުރީގެ ރައީސް މުހަންމަދު ނަޝީދު ކުށްވެރި ކުރައްވައިފިއެވެ.
މިކަމާ ބެހޭގޮތުން ކުރީގެ ރައީސް ނަޝީދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ, ފުލުހުން ރިސޯޓުތަކަށް އަރާ ހިންގާ އޮޕަރޭޝަންތަކަކީ ވިލާ ގްރޫޕަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި އަދި ދައުލަތުގެ މުއައްސަސާތަކުން ރިސޯޓުތަކަށް މިގޮތަށް އަރާ ހިންގާ އޮޕަރޭޝަންތަކުން މުޅި ފަތުރުވެރިކަމުގެ ސިނާޢަތަށްވެސް ވަރަށް ބޮޑު ގެއްލުމެއް ލިބިގެންދާނެ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ މިއަހަރު އޮންނަ ރިޔާސީ އިންތިޚާބު ރައީސް އަބްދުﷲ ޔާމިނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށާއި، ސަބަބަކީ އެމަނިކުފާނަށް ރައްޔިތުންގެ ތާއިދު ނެތުމުން ކަމަށެވެ. އަދި ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެއްވޭނެތީ އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަނީ "ކޮންމެފަދަ ގޭމެއް ކުޅުއްވައިގެންވެސް" ރިޔާސީ އިންތިޚާބު ނުހައްގުން ކާމިޔާބު ކުރުމަށްޓަކައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ފުލުހުންނާއި، ކަސްޓަމްސް އަދި މީރާގެ އޮފިޝަލުން ވަނީ ގާސިމް އިބްރާހިމްގެ ފަސް ރިސޯޓަށް އަރާ އޮޕަރޭޝަން ހިންގާފައެވެ.
ރައީސް ނަޝީދު ނެރުއްވި ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކުން ޓުއަރިސްޓް ރިސޯޓުތަކަކަށް އަރާ ރެއިޑް ކުރަމުންދަނީ އެއްވެސް ހައްގަކާ ނުލާ ކަމަށާއި، ރައީސް ޔާމިންގެ ނުފޫޒުން މުއައްސަސާތައް ލައްވާ މިކަން ކުރުވަނީ މިއަހަރު އޮންނަ ރިޔާސީ އިންތިޚާބާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ޕްރެޝަރު ކުރެއްވުމަށްޓަކައި ކަމަށެވެ.
މީގެ އިތުރަށް ރައީސް ނަޝީދު ވިދާޅުވީ ދީނީ ހައްދުފަހަނައެޅި ފަރާތްތަކުން ފުލުހުންނާއި އަދި ސަރުކާރަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. އަދި މިކަމުގެ ސަބަބުންވެސް ރާއްޖޭގެ ނާޒުކު ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ލޮޅުން އަންނާނެ ކަންވެސް ފާހަގަ ކުރެއްވިއެވެ.
ގާސިމް އިބްރާހިމްގެ ރިސޯޓުތަކަށް ދައުލަތުގެ މުއައްސަސާތަކުން އަރާ އޮޕަރޭޝަންތައް ހިންގަމުން ދަނީ ގާސިމްގެ ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާ އަށް ގެންދާ ރަލާއި އޫރުމަސް، އެހެން ރިސޯޓުތަކަށް ގެންގޮސް ބޭނުން ކުރަމުން އަންނަ ކަމަށް ބުނެ އެވެ. އެކަމަކު ވިލާގެ ވަކީލުން ތަކުރާރުކޮށް ބުނަމުން އަންނަނީ ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް މުދަލެއް ރިސޯޓުތަކަށް އެތެރެކޮށްފައި ނުވާނެ ކަމަށެވެ.
ގާސިމްގެ ހަތަރު ރިސޯޓަކަށް ރަލާއި އޫރުމަސް އެތެރެ ކުރުމުގެ ހުއްދަ މިދިޔަ އަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހުން ފެށިގެން ބާތިލްކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެއެވެ. ކަސްޓަމުން ބުނި ގޮތުގައި ހިދުމަތް ދިނުން ހުއްޓާލީ މީރާ އަށް ދައްކަންޖެހޭ ފައިސާ ގަވާއިދާ އެއްގޮތަށް ނުދައްކާތީ ކަމަށެވެ. އެ ހަތަރު ރިސޯޓަކީ ސަން އައިލެންޑް ރިސޯޓު، ޕެރެޑައިސް އައިލެންޑް ރިސޯޓު، ފަން އައިލެންޑް އަދި ހޮލިޑޭ އައިލެންޑް ރިސޯޓެވެ.