ކ. މާލެ
|
20 ޖެނުއަރީ 2018 | ހޮނިހިރު 22:00
ޔުނިސެފްގެ އެގްޒެކެޓިވް ޑިރެކްޓަރ ހެެންރިއޭޓާ ފޮރޭ ދެކުނު ސޫދާނުގެ ކޭމްޕަކަށް ޒިޔާރަތްކޮށް، ހާލުގައި ޖެހިފައިވާ އާއިލާތަކާއި ބައްދަލު ކުރައްވަނީ
ޔުނިސެފްގެ އެގްޒެކެޓިވް ޑިރެކްޓަރ ހެެންރިއޭޓާ ފޮރޭ ދެކުނު ސޫދާނުގެ ކޭމްޕަކަށް ޒިޔާރަތްކޮށް، ހާލުގައި ޖެހިފައިވާ އާއިލާތަކާއި ބައްދަލު ކުރައްވަނީ
އޭޕީ
ދެކުނު ސޫދާނުގެ ހަނގުރާމަ
ހަނގުރާމައިގެ ސަބަބުން ދެކުނު ސޫދާނުގެ ދެލައްކައަށް ވުރެ ގިނަ ކުޑަކުދިން، ޖުލައި މަހުގެ ކުރިން މަރުވުމުގެ ބިރު އެބައޮޮތް: ޔުނިސެފް
މިއީ ދެކުނު ސޫދާނުގެ ދާޚިލީ ހަނގުރާމަ ފެށުނު ފަހުން 5 ވަނަ އަހަރު
ހަމަނުޖެހުންތަކުގެ އަސަރު އެގައުމުގެ ކުޑަކުދިންގެ އާބާދީގެ ބޮޑުބަޔަކަށް ކޮށްފައިވޭ
ދެކުނު ސޫދާނަށް ކުއްލި އެހީ ބޭނުންވޭ: ޔުނިސެފް

ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ދެކުނު ސޫދާނުގައި ދެލައްކަ އަށްވުރެ ގިނަ ކުޑަކުދިން ޖުލައި މަހުގެ ކުރިން މަރުވުމުގެ ބިރު އެބައޮތް ކަމަށް ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔުނިސެފް) އިން ބުނެފި އެވެ.

ދެކުނު ސޫދާނުގެ ބައެއް ސަރަހައްދުތަކަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅުގައި، ވެރިރަށް ޖޫބާގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޔުނިސެފްގެ އެގްޒެކެޓިވް ޑިރެކްޓަރ ހެންރިއޭޓާ އެޗް ފޮރޭ ވިދާޅުވީ، ދެކުނު ސޫދާނުގެ ހާލަތު ވަރަށް ސީރިއަސް ކަމަށެވެ.

އަނާން ވިދާޅުވީ ދާޚިލީ ހަނގުރާމަ އާ ގުޅިގެން ދެކުނު ސޫދާނުގެ ރައްޔިތުންނަށް ރަނގަޅު ކާނާ ލިބުން ދަތިވެފައިވާ ކަމަށާއި، ފައިދާ ހުރި ކާނާ ނުލިބުމުގެ ސަބަބުން ގިނަ އަދަދެއްގެ ކުޑަކުދިންގެ ހަށިގަނޑު އަނަރޫފަވެފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން، އަންނަ ޖުލައި މަހުގެ ކުރިން ދެލައްކަ ފަންސާސް ހާހަށްވުރެ ގިނަ ކުޑަކުދިން މަރުވުމުގެ ބިރު އެބައޮތް ކަމަށާއި، އެކަމާއި ނުހަނު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

ދެކުނު ސޫދާނުގައި ދާޚިލީ ހަނގުރާމައެއް ފެށިފައިވަނީ އެގައުމުގެ ރައީސް ސަލްވާ ކީރްގެ ވެރިކަން ވައްޓާލުމަށް އޭނާގެ ނާއިބު ރިއެކް މަޗާރް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތު ކުރެއްވުމާއި ގުޅިގެންނެވެ.  2013 ވަނަ އަހަރު ފެށުނު މިހަނގުރާމަ ފަސްވަނަ އަހަރަކަށް ދެމިގެން ގޮސްފައިވާއިރު، ހަނގުރާމައިގެ ތެރޭގައި އެގައުމުގެ އިރުމަތީގައި ދަނޑުވެރިކަން ކުރާ ސަރަހައްދު އެކުގައި ސުންނާފަތިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފޮރޭ ވިދާޅުވީ. ހަމަނުޖެހުމުގެ ސަބަބުން ގިނަ އަދަދެއްގެ ދަނޑުވެރިން އެމީހުންގެ ދަނޑުބިންތައް ދޫކޮށް ގޮސްފައިވާ ކަމަށާއި، ދަނޑުވެރިކަމުގެ މަސައްކަތްތައް ހުއްޓިފައިވުމުން އެގައުމުގެ ބާޒާރުން ކާބޯތަކެތި ހުސްވެފައިވާ ކަމަށެވެ.

ކުރިއަށް އޮތީ ހޫނު މޫސުމް ކަމަށްވެފައި ހަނަފަސްކަމާއެކު ކާބޯތަކެއްޗާއި ފެން ލިބޭ މިންވަރު މަދުވެގެންދާނެތީ، ދެކުނު ސޫދާނަށް ކާބޯތަކެތީގެ ރައްކާތެރިކަން އިތުރު ކުރުމަށް ކުއްލި އެހީ ފޯރުކޮށްދިނުމަށް އެކަމަނާ ގޮވާލެއްވި އެވެ.

ދެކުނު ސޫދާނުގެ ހަމަނުޖެހުމުގެ ސަބަބުން އެތަކެއް ހާސް މީހުން މަރުވެފައިވާއިރު، 12 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ދެކުނު ސޫދާނުގެ ހަތަރު ބައިކުޅަ އެއްބައި މީހުންގެ ގެދޮރު ގެއްލިފައިވެއެވެ. އަދި މިހަމަނުޖެހުންތަކުގެ އަސަރު އެގައުމުގެ ކުޑަކުދިންގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ކޮށްފައިވާ ކަމަށް ޔުނިސެފުން ބުނެއެވެ.

އެގޮތުން 2.4 މިލިއަނަށް ވުރެ ގިނަ ކުޑަކުދިން، ގެދޮރު ދޫކޮށް ދާން ޖެހިފައިވާ ކަމަށާއި، 2300 އަށް ވުރެ ގިނަ ކުޑަކުދިން މަރުވެފައިވާ ކަމަށް ޔުނިސެފްގެ ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ އިތުރުން ހަތިޔާރު އެޅި ގްރޫޕްތަކުން 19 ހާހަށް ވުރެ ގިނަ ކުޑަކުދިން ހަނގުރާމައިގެ މައިދާނަށް ނެރުމަށް ތަމްރީންކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިހަނގުރާމައިގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ބާރަ ސަތޭކަ އަށް ވުރެ ގިނަ މައްސަލަ ފެންމަތިވެފައިވާ ކަމަށް ޔުނިސެފުން ބުނެއެވެ.

އަދި ހަމަނުޖެހުންތަކާއި ގުޅިގެން ދެކުނު ސޫދާނުގެ ކޮންމެ ތިން ސްކޫލަކުން އެއް ސްކޫލެއް ހަލާކުވެ ނުވަތަ ބަންދުކޮށްފައިވާއިރު، އެކަމުގެ ސަބަބުން 70 އިންސައްތަ އަށްވުރެ ގިނަ ކުޑަކުދިން ތައުލީމް ލިބުމުން މަޙުރޫމްވެފައިވާ ކަމަށް ޔުނިސެފުން ބުނެއެވެ.

ދެކުނު ސޫދާނުގެ އިންސާނީ ހާލަތު ކަންބޮޑުވާ މިންވަރަށް ދަށަށް ގޮސްފައިވީ ނަމަވެސް، އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ފަރާތްތަކާއި ދެކޮޅަށް ދޭ ހަމަލާތައް އިތުރުވުމާއި ގުޅިގެން އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ އޭޖެންސީތަކަށް އެމަސައްކަތް ކުރިއަށް ގެންދިޔުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ. މިދިޔަ އަހަރު އެކަނިވެސް، ދެކުނު ސޫދާނުގައި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތުގައި އުޅުނު 28 އޮފިޝަލަކު މަރާލާފައިވެއެވެ.

- ކޮމެންޓް