ޔަމަނުގެ ހަނގުރާމައިގައި ބައިވެރިވާ ގައުމުތަކަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށް ޖަރުމަނުވިލާތުން ބުނެފި އެވެ.
ސެޕްޓެމްބަރު މަހު ބޭއްވި އާއްމު އިންތިޚާބަށް ފަހު ޖަރުމަނުގެ ޗާންސެލަރ އެންޖެލާ މާކެލްގެ ކްރިސްޓިއަން ޑިމޮކްރެޓިކް ޔޫނިއަން (ސީޑީޔޫ) އިން ދަނީ ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެސްޑީޕީ) އާއެކު ކޯލިޝަން ސަރުކާރެއް އެކުލަވާލުމުގެ މަޝްވަރާތައް ބާއްވަމުންނެވެ.
މާކެލްގެ ތަރުޖަމާނު ސްޓެފަން ސެއިބަރޓް ހުކުރު ދުވަހު ވިދާޅުވީ، ހަތިޔާރު ވިއްކުމުގެ މުއާމަލާތްތަކާއި ގުޅޭ ނިންމުންތައް ނިންމުން ހުއްޓުމަކަށް އައިސްފައިވާ ކަމަށާއި، އެހެން ނަމަވެސް އެއީ ސިޔާސީ ޕާޓީތަކާއެކު ބާއްވާ މަޝްވަރާތަކާއި ގުޅުން ހުރި ނިންމުމެއް ނޫން ކަމަށެވެ.
މިނިންމުމުގެ ސަބަބުން ސައުދީ އަރަބިއްޔާ އަށް ޖަރުމަނުން ހަތިޔާރު ވިއްކުން ހުއްޓުމަކަށް އަންނާނެ އެވެ. ޖަރުމަނުގެ ގައުމީ ޓީވީ ޑީޑަބްލިއު އިން ރިޕޯޓްކޮށްފައިވާ ގޮތުގައި 2017 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރގައި އެކަނި ވެސް 550 މިލިއަން ޑޮލަރުގެ ހަތިޔާރު ޖަރުމަނުން ސައުދީ އަރަބިއްޔާ އަށް ވިއްކާފައިވެއެވެ.
ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ސައުދީ އަރަބިއްޔާ ވަދެފައިވަނީ 2015 ވަނަ އަހަރުގެ މާޗް މަހު އެވެ. ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ހަނގުރާމަވެރިންނާއި ދެކޮޅަށް ސައުދީ އިސްވެއޮވެ އުފެއްދި އިއްތިހާދުގެ ފައުޖުތަކުން ވައިގެ މަގުންދޭ ހަމަލާތަކުގައި ގިނަ އަދަދެއްގެ އާއްމުން މަރުވަމުންދާތީ އެކަމަށް ބައިނަލްއަޤްވާމީ މުޖުތަމައުގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ.
އެމްނެސްޓީ އިންޓަނޭޝަނަލްގެ ގަލްފްގެ ގޮފިން ވަނީ، ޔަމަނުގެ ހަނގުރާމާގައި ބައިވެރިވާ ގައުމުތަކަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ޖަރުމަނުވިލާތުން ނިންމި ނިންމުމަށް މަރުހަބާ ކިޔާފައެވެ. އަދި އެމެރިކާ، އިނގިރޭސިވިލާތް އަދި ފްރާންސް އާއި އެހެން ގައުމުތަކުން ވެސް ޔަމަނުގެ ހަނގުރާމާގައި ބައިވެރިވާ ސައުދީ ކޯލީޝަނަށް ނިސްބަތްވާ ގައުމުތަކަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް އެމްނެސްޓީ ގަލްފުން ގޮވާލާފައިވެއެވެ.
އިނގިރޭސިވިލާތުގެ ކެމްޕެއިން އެގެއިންސްޓް އާމްސް ޓްރޭޑް (ސީއޭއޭޓީ)ގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ޔަމަނުގެ ހަނގުރާމަ ފެށުނު ފަހުން އިނގިރޭސިވިލާތުން އެކަނިވެސް 6.3 ބިލިއަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ސައުދީ އަރަބިއްޔާ އަށް ވިއްކާފައިވެއެވެ.
ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވަދެފައިވާ ބޭރު ގައުމުތަކުގެ އިއްތިހާދުގެ އަމަލުތަކާއި ގުޅޭ ގޮތުން ދާދި ދަހުން އދ. އިން އެކުލަވާލި އިންސާނީ ހައްގުތަކާއިބެހޭ ރިޕޯޓްގައި ވަނީ، ސައުދީ ކޯލިޝަނުގެ ހަމަލާތަކުގައި ގިނަ އަދަދެއްގެ އާއްމުން މަރުވެފައިވާކަން ހާމަކޮށްފައެވެ.
މިދިޔަ އަހަރު ސައުދީ ކޯލިޝަނުން ދިން ވައިގެ 10 ހަމަލާއެއްގައި އެކަނިވެސް 149 މީހަކު މަރުވެފައިވާ ކަމަށް އދ.ގެ ރިޕޯޓްގައިވެއެވެ. އެގޮތުން ސައުދީ ކޯލިޝަނުގެ ބައެއް ހަމަލާތައް އާއްމުން ހިޖުރަކުރުމަށް ބޭނުންކުރި ބޯޓަކަށާއި، އާއްމުން ދިރިއުޅޭ އިމާރާތްތަކަކަށް އަމާޒުވެފައިވާ ކަމަށް އެރިޕޯޓާއި ހަވާލާދީ އަލްޖަޒީރާއިން ބުނެއެވެ.
ސްވިޓްޒަލެންޑްގެ ޖެނީވާ އަށް ނިސްބަތްވާ އެސްއޭއެމް އޯގަނައިޒޭޝަން ފޯ ރައިޓްސް އެންޑް ލިބަޓީސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެ ސައުދީ ކޯލިޝަނުން ޔަމަނުގައި ދިން ހަމަލާތަކުގައި އެކަނިވެސް އާއްމުންގެ 450 މީހަކު މަރުވެފައިވެއެވެ.
މީގެ އިތުރުން، ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ތެރޭގައި ޑިސެމްބަރު މަހުގެ ތެރޭގައި ހިންގާފައިވާ އިންސާނީ ހައްގުތަކާއި ޚިލާފް ޖަރީމާތަކުގެ އަދަދު 1937 އަށް އަރާ ކަމަށް އެޖަމިއްޔާގެ ރިޕޯޓްގައިވެއެވެ. ހޫތީ ހަނގުރާމަވެރިންނާއި ސައުދީ ކޯލިޝަނާއި ޔަމަނުގެ އަސްކަރިއްޔާ އަދި ޔަމަނުގެ ސަރުކާރަށް ވާގިވެރިވާ ހަނގުރާމަވެރި ގްރޫޕްތަކުން ހިންގާފައިވާ މިފަދަ ޖަރީމާތަކުގެ ތެރޭގައި އާއްމުން މެރުމުގެ އިތުރުން، ޖިސްމާނީ އަދި ލާއިންސާނީ އަނިޔާ ދިނުމާއި، މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅުމާއި ކުށެއްނެތި ބަންދުކުރުން ހިމެނޭ ކަމަށް އެރިޕޯޓުގައިވެއެވެ.
ޔަމަނުގެ ހަނގުރާމައިގެ ތެރޭގައި މިހާތަނަށް 10 ހާހަށް ވުރެ ގިނަ މީހުން މަރުވެ، ދެ މިލިއަނަށް ވުރެ މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށް އދ. އިން ބުނެއެވެ.