އަންހެނަކު ރޭޕް ކުރި މައްސަލައެއްގައި ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، ރ. ދުވާފަރުން އަންހެނަކު ރޭފް ކުރި މައްސަލައެއް ހުށަހެޅުމާ އެކު އެ މައްސަލަ ބަލަމުންދާ ކަމަށެވެ.
ފަސް މީހުން ހައްޔަރުކޮށްފައިވާ އިރު މިހާދިސާއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުުހުން ހާމަކޮށްފައެއް ނުވެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާގައި ހައްޔަރު ކުރި ފަސް މީހުންގެ ތެރޭގައި 18 އަހަރުން ދަށުގެ ކުއްޖަކު ވެސް ހިމެނެއެވެ. ގްރޫޕަކުން ވެގެން ރޭޕްކޮއްލާފައި ވަނީ އުމުރުން 25 އަހަރުގެ އަންހެނެކެވެ.
ދުވާފަރުގައި އަންހެނަކު ރޭޕް ކުރުމުގެ ހާދިސާއެއް ހިނގާފައިވާ އިރު މާލޭގައި ވެސް އަންހެނަކު ރޭޕް ކުރުމުގެ ހާދިސާއެއް މިދިޔަ ހަފްތާގައި ވަނީ ފެންމަތިވެފައެވެ. މީގެ އިތުރުން ލ. ކަލައިދޫގައި ކުޑަކުއްޖަކު ރޭޕް ކުރުމަށް ފަހު ބްލެކްމެއިލް ކުރި މައްސަލައެއްގައި ފުލުހުން ވަނީ މީހަކު ހައްޔަރުކޮށްފައެވެ.
ރ. ދުވާފަރު ކައުންސިލުން ބުނީ މިހާދިސާ ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އެހެން ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ނޭނގޭ ކަމަށް ކައުންސިލުން ބުނެއެވެ.