ޤަތަރާއި ދެކޮޅަށް އެޤައުމުގެ އަވަށްޓެރި ގަލްފުގެ ޤައުމުތަކުގެ ފިޔަވަޅު އަޅައި، ގުޅުން ކަނޑާލީ ޤަތަރުގެ މުއްސަނދިކަން ފޭރިގަތުމުގެ ބޭނުމުގައިކަމަށް ދާދި ފަހަކާއި ޖެހެންދެން ޤަތަރާއި ދެކޮޅަށް އެޅި ފިޔަވަޅުތަކަށް ތާޢިދުކުރައްވައި ވާހަކަ ދައްކަވަމުން ގެންދެވި ޤަތަރުގެ ޝާހީ އާއިލާގެ މެމްބަރެއްކަމަށްވާ ޝައިޚް އަބްދުﷲ ބިން ޢަލީ އަލްޘާނީ ވިދާޅުވެއްޖެއެވެ.
ޝައިޚް އަބްދުﷲ ވިދާޅުވީ ޤަތަރުގެ މުއްސަނދިކަން ފޭރިގަންނަން ބޭނުންވީ އަބޫދާބީގެ ވަލީޢަޙުދު މުޙައްމަދު ބިން ޒައިދު އާއި ސަޢޫދީގެ ވަލީޢަޙުދު މުޙައްމަދު ބިން ސަލްމާން ކަމަށެވެ. އަދި ސަޢޫދީ އާއި ޔޫއޭއީގެ އިސްވެރިންގެ ވާހަކަތަކަށް ނުހެއްލުމަށް ޝައިޚް ޢަބްދުﷲ ޤަތަރުގެ ރައްޔިތުންނަށް ގޮވާލެއްވިއެވެ.
ޤަތަރާއި ދެކޮޅަށް ފިޔަވަޅު އަޅައި، އެޤައުމާއި އެކު އޮންނަ ގުޅުން ކަނޑާލުމަށް ސަޢޫދީ އާއި ޔޫއޭއީއިން އިސްނަގައިގެން މިދިޔަ އަހަރު މެދުތެރޭ ފެށި މަސައްކަތްތަކަށް އެންމެ ބޮޑަށް ތާޢިދުކުރެއްވި އެއް ބޭފުޅަކީ ޝައިޚް ޢަބްދުﷲ އެވެ. ޤަތަރުގެ ޝާހީ އާއިލާއަށް ނިސްބަތްވާ ޝައިޚް ޢަބްދުﷲ ވަނީ އެދުވަސްވަރު ގިނަގިނައިން ސަޢޫދީ އާއި ޔޫއޭއީގެ ޓީވީ ޗެނަލްތަކުގައި ޤަތަރުގެ ޝާހީ ޢާއިލާއާއި ސަރުކާރާއި ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. އަދި އެޤައުމުތަކުން ދިޔައީ ޝައިޚް ޢަބްދުﷲ އަކީ ޤަތަރުގެ އިދިކޮޅު ލީޑަރުގެ ގޮތުގައި ދައްކަމުންނެވެ.
މަންޒަރު ބަދަލުވެގެން ދިޔައީ ނިމިގެން ދިޔަ ހަފްތާގައި ޝައިޚް ޢަބްދުﷲ އަބޫދާބީގައި ހުންނަވައިގެން ސޯޝަލް މީޑިއާގައި އާއްމުކުރެއްވި ވީޑިއޯއަކާއި ގުޅިގެންނެވެ. އެވީޑިއޯގައި ޝައިޚް ޢަބްދުﷲ ވިދާޅުވީ އޭނާ އަބޫދާބީގައި ހުންނަވަނީ ވަލީޢަހުދު މުޙައްމަދު ބިން ޒައިދުގެ ޤައިދީއެއްގެ ގޮތުގައި ކަމަށާއި، އޭނާއަށް މިނިވަންކަމެއް ނެތްކަމަށެވެ. އަދި އޭނާއަށް ތަންތަނަށް ދިޔުމުގެ މިނިވަންކަމެއްވެސް ނެތްކަމަށެވެ. އެއާއިއެކު ޔޫއޭއީގެ ޚާރިޖީ ވުޒާރާއިން ބުނީ ޝައިޚް ޢަބްދުﷲ ހުންނަވަނީ މިނިވަންކަމާއި އެކު، އަބޫދާބީގައި މެހުމާނެއްގެ ގޮތުގައިކަމަށެވެ.
މިމައްސަލަ ފެންމަތިވުމާއިއެކު ޝައިޚް ޢަބްދުﷲ ކުވައިތަށް ވަޑައިގަތެވެ. އަދި އެޤައުމަށް ވަޑައިގެންނެވިއިރު އޭނާގެ ޙާލު ވަރަށް ދެރަކަމަށް ޢާއިލާއިން ބުނެއެވެ. އަދި އަބޫދާބީގައި ބަންދުގައި ހުންނެވއިރު އަމިއްލައަށް މަރުވާ ހިސާބަށް ކަންތައް ދިޔަކަމަށް ޝައިޚް ޢަބްދުﷲ ވިދާޅުވިކަމަށް އަލްޖަޒީރާއިން ބުނެއެވެ.