ޖައްވަށް ދާން ހަމަޖެހުނު އެމެރިކާގެ ކަޅު ނަސްލުގެ ފުރަތަމަ އެސްޓްރޮނޯޓް ޑރ. ޖެނެޓް އެޕްސް ޖައްވަށް މިއަހަރު ނުފޮނުވަން ނާސާއިން ނިންމައިފިއެވެ.
ޑރ. އެޕްސް ޖައްވަށް ނުފޮނުވަން ނިންމި ސަބަބެއް އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ހާމަކޮށްފައެއް ނުވެއެވެ. އޭނާގެ ބަދަލުގައި ބައިނަލްއަޤްވާމީ ޖައްވީ ސްޓޭޝަން އައި.އެސް.އެސް އަށް ފޮނުވަން މިހާރު ނިންމާފައިވަނީ އެހެން އަންހެން އެސްޓްރޮނޯޓެއްކަމަށްވާ ސެރޭނީ އަނޯން-ޗާންސެލަރ އެވެ.
އައި.އެސް.އެސް އަށް އަންނަ ޖޫން މަހު ފޮނުވާ ޖައްވީ ފަޅުވެރިންގެ ތެރޭގައި ޑރ. އެޕްސް ހިމެނޭކަން އިއުލާންކުރުމަށްފަހު، އަންނަ ޖޫން މަހު ކުރަން ހަމަޖެހިފައިވާ މިޖައްވީ ދަތުރުގައި އޭނާ ބައިވެރިނުކުރިނަމަވެސް، ކުރިއަށް އޮތް ދަތުރުތަކުގައި އޭނާ ބައިވެރިކުރާނެކަމަށް ނާސާއިން ބުނެއެއެވެ.
ޑރ. އެޕްސް ވަނީ 2000 ވަނަ އަހަރު އެއަރޯސްޕޭސްގެ ދާއިރާއިން ޑޮކްޓަރޭޓް ހަދާފައެވެ. އަދި އެއަށްފަހު ލެބޯޓަރީއެއްގައި މަސައްކަތްކުރަމުން ދަނިކޮށް، އޭގެ 2 އަހަރު ފަހުން އެމެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާ (ސީއައިއޭ) އިން އޭނާ ރެކްރޫޓްކުރިއެވެ. ސީއައިއޭ ގައި ޑރ. އެޕްސް މަސައްކަތްކުރީ ޓެކްނިކަލް އިންޓެލިޖެންސް އޮފިސަރެއްގެ ގޮތުގައެވެ. ސީއައިއޭގައި މަސައްކަތްކުރި އިރު އިރާޤު ހަނގުރާމައިގެ ތެރޭގައި އިރާޤުގައިވެސް އޭނާ މަސައްކަތްކޮށްފައިވެއެވެ. އަދި ނާސާގެ އެސްޓްރޮނޯޓް ކްލާހަށް އޭނާ ޖޮއިން ކުރީ 2009 ވަނަ އަހަރުއެވެ.
ޖޫން މަހު އައި.އެސް.އެސް އަށް އެސްޓްރޮނޯޓުން ދަތުރުކުރާނީ ރަޝިޔާގެ ސޮޔޫޒް އުޅަނދެއްގައެވެ. އަދި މި އުޅަނދުގައި ނާސާގެ އެސްޓްރޮނޯޓެއްގެ އިތުރުން ޔޫރަޕިއަން ސްޕޭސް އެޖެންސީގެ އެސްޓްރޮނޯޓަކާއި ރަޝިޔާގެ ކޮސްމޮނޯޓެއް ޖައްވީ ސްޓޭޝަން އައި.އެސް.އެސްއަށް ދަތުރުކުރާނެއެވެ. ސޮޔޫޒް އުޅަނދު އުދުއްސާލުމަށް ހަމަޖެހިފައިވަނީ ކަޒަކިސްތާނުގެ ބައިކޮނޫރުންނެވެ.