ޖޫން މަހުގެ ހަތަރު ވަނަ ދުވަހު ޑިންގީއެއްގައި މަހަށް ނިކުމެ އުޅެނިކޮށް ގެއްލުނު މުހައްމަދު ސުމައިދުގެ ބޭބެއެއް މަރުވެފައި އޮތްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ ހުކުރު ދުވަހުގެ ރޭ 6:15 ހާއިރު އުމުރުން 37 އަހަރުގެ ފިރިހެނެއް މަރުވެގެން ހޮސްޕިޓަލަށް ގެންގޮފައިވާ ކަމުގެ ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި ފުލުހުން އެ މައްސަލަ ތަޙުގީގު ކުރަމުންދާތީ، އިތުރު ތަފްސީލު ދެވެން ނެތް ކަމަށެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި އޮތްވާ ފެނުނީ މަހަށް ނިކުމެ އުޅެނިކޮށް ގެއްލުނު ޕޮލިސް ކޯޕްރަލް މުހައްމަދު ސުމައިދުގެ އާއިލާގެ މެމްބަރެއްކަމަށްވާ އަބްދުﷲ މުސްދިޤްއެވެ. އޭނާ މަރުވެފައި އޮތީ ކޮޓަރި ތެރޭގައިކަމަށް މައުލޫމާތު ލިބެއެވެ.
ސުމައިދު ހޯދުމުގެ މަސައްކަތް ފުލުހުންގެ އެހީތެރިކަމާއި އެކު އެމްއެންޑީއެފުން މިހާރު ވެސް ދަނީ ކުރަމުނެވެ. ސުމައިދު ގެއްލުނު ސަރަޙައްދުގެ ބޮޑުބައެއް މިހާތަނަށް ބަލާފައިވާ އިރު، މިހާތަނަށް ބެލިބެލުމުން އޭނާގެ ފޯނު ފެނުން ނޫން އިތުރު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.
މި މައްސަލަ ތަހުގީގުކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓީމެއް އައްޑުއަށް ގޮސްފައިވާއިރު ސުމައިދުގެ ފޯނު ފެނުނީ، ޝަންގްރިއްލާ ރިސޯޓް ކައިރީ އޮންނަ "މަޑިހެރާ" ކިޔާ ފަޅުރަށުގެ ކައިރިން، ހަ މީޓަރު އަޑިންނެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ކުރުމަށްޓަކައި ފުލުހުން ގެންދަނީ ފަޅު ރަށްތައް ވެސް ބަލަމުންނެވެ.
މިމައްސަލާގައި ސުވާލު ކުރަން ޖެހޭ މީހުންނާ ސުވާލު ކުރަމުން އަންނަ ކަމަށާއި ތަހުގީގު ކުރިއަށް ދާތީ މި ހާދިސާއާ ގުޅޭ އިތުރު ތަފުސީލެއް އަދި ދެވެން ނެތް ކަމަށް ފުލުހުން ބުންޏެވެ.