ފަލަސްތީނުގެ ރައްޔިތުންނަށް އެހީވާ އދ ގެ އެޖެންސީއަކަށް އެމެރިކާ އިން ދޭ ފައިސާގެ އެހީ ކަނޑާލުމާ ގުޅިގެން ބައިނަލްއަގްވާމީ އެކި ޖަމިއްޔާތަކުން އެމެރިކާ އަށް ފާޑުކިޔައިފިއެވެ.
ދާދިފަހުން އެމެރިކާ އިން ވަނީ ފަލަސްތީނު ރައްޔިތުންނަށް އެހީވާ "ޔޫއެން ރިލީފް އެންޑް ވޯކްސް އެެޖެންސީ ފޯ ޕަލެސްޓޭނިއަން ރެފިއުޖީސް" (ޔޫއެންއާރްޑަބްލިޔުއޭ) އަށް ދޭން ނިންމައިފައިވާ 125 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖް އިން 65 މިލިއަން ޑޮލަރު ކަނޑާލާފައިވާ ކަމަށް ބުނެއެވެ.
ޔޫއެންއާރްޑަބްލިޔުއޭ އަކީ 1948 ވަނަ އަހަރު ކުރި އަރަބި-އިޒްރޭލު ހަނގުރާމާގައި އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމާއި ގުޅިގެން ފަލަސްތީނު ދޫކޮށް ހިޖުރަކުރި ހަތްލައްކަ އަށް ވުރެ ގިނަ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 1949 ވަނަ އަހަރު ވުޖޫދުވި ރިލީފް އޭޖެންސީއެކެވެ.
އެމެރިކާގެ އަމަލު ކުށްވެރިކޮށް އދ ގެ ކުރީގެ އަންޑާސެކްރެޓަރީ ޖެނެރަލް އަދި ނޯވޭގެ "ނޮވީޖަން ރެފިއުޖީ ކައުންސިލްގެ" ސެކްރެޓަރީ ޖެނެރަލް ޖެން އެޖްލެންޑް ވިދާޅުވީ އެމެރިކާ އިން ޔޫއެންއާރްޑަބްލިޔުއޭ އަށް ދޭ އެހީ ކަނޑާލުމުގެ ސަބަބުން ފަލަސްތީނުގެ ރެފިއުޖީ ކުދިންނަށް ވަރަށް ބޮޑު ނިކަމެތި ކަމަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އޭގޭ ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ފަލަސްތީނުގެ އެ ރެފިއުޖީ ކުދިން ތައުލީމަށް ބަރޯސާ ވަނީ ޔޫއެންއާރްޑަބްލިޔުއޭ އަށް ކަމަށެެވެ.
އެމެރިކާ އަށް ފާޑުވިދާޅުވަމުން ހިއުމަން ރައިޓްސް ގެ ޑެޕިއުޓީ ޔޫއެން ޑައިރެކްޓާ އަކްޝަޔާ ކުމާރު ވިދާޅުވީ ފަލަސްތީނު ދޫކޮށް ދާ އެގައުމުގެ ވަރަށް ގިނަ މީހުން ތިބީ ފަގީރު ހާލަތުގައި ކަމަށާއި އަދި ސީރިޔާ ގައި ތިބޭ ފަަލަސްތީނުގެ ގިނަ ރެފިއުޖީން ކާބޯތަކެއްޗަށް ބަރޯސާ ވަނީ ޔޫއެންއާރްޑަބްލިޔުއޭ އަށް ކަމަށެވެ.
ޔޫއެންއާރްޑަބްލިޔުއޭ އިން ފަލަސްތީނުގެ ފަސް މިލިއަނެއްހާ ރައްޔިތުންނަށް ތައުލީމާއި، ސިއްހީ ޚިދުމަތްތަކާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭއިރު، އެ އޭޖެންސީގެ ހަރަކާތްތައް އިޒްރޭލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތަކާއި، ސީރިއާ، ލުބުނާން އަދި އުރުދުންގައި ކުރިއަށް ގެންދެއެވެ.