އުސޫލާއި ޚިލާފަށް ރަލުގެ ވިޔަފާރިކުރާކަމަށް ތުޙުމަތުކޮށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ ފަސް ރިސޯޓަކަށް ފުލުހުންނާއި ކަސްޓަމްސްގެ އޮފިސަރުންނާއި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އޮފިޝަލުން އަރައި، އެރަށްތައް ފާސްކުރީ، ޤާސިމް އިބްރާހިމާމެދު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ގެންގުޅުއްވާ ހަސަދަވެރި ކަމަކާއި، އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ގެންގުޅުއްވާ ޒާތީ ރުޅިވެރިކަމެއްގެ ސަބަބުން ކަމަށް، ޖުމްހޫރީ ޕާޓީން ބުނެފިއެވެ.
ގުޅިފައިވާ ޕާޓީތަކުން ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް، އަޙުމަދު ސަމީރު ވިދާޅުވީ، ފުލުހުންނާއި ކަސްޓަމްސްގެ އޮފިސަރުންނާއި މީރާގެ އޮފިޝަލުން ބޭނުންކޮށްގެން ހިންގާފައިވާ މި އަމަލަކީ ޤާސިމް އިބްރާހިމްގެ ވިޔަފާރި ނެތިކޮށްލުމަށް ހިންގާފައިވާ ވަރަށް ދަށު ދަރަޖައިގެ، ފިނޑި އަމަލެއް ކަމަށެވެ.
"މި އަމަލަކީ ރައީސް ޔާމީންގެ ހަސަދަވެރިކަމާއި، އިކޮނޮމިކް މިނިސްތަރ މުޙައްމަދު ސައީދުގެ ޒާތީ ރުޅިވެރިކަމުގަ، ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހިމްގެ ވިޔަފާރި ނެތިކޮށްލުމަށް ހިންގާފައިވާ ވަރަށް ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގަ އަޅުގަނޑުމެން މިކަން ފާހަގަ ކުރަނީ. އަދި ފިނޑި އަމަލެއްގެ ގޮތުގައި އަޅުގަނޑުމެން މިކަން ފާހަގަކުރަނީ. މި ދެބޭފުޅުންގެ މަޤާމުގެ ނާޖާއިޒު ނުފޫޒު ބޭނުންކުރައްވައިގެން، ނަހަމަ ގޮތުގައި (ނުފޫޒުގެ ބޭނުން) ހިފައިގެން ހިންގާފައިވާ އިޤުތިޞާދީ ބޮޑު ޖަރީމާއެއް ކަމަށާ، އަދި އެކަންކަން ގުޅިފައިވާ ޕާޓީތަކުން ކުށްވެރިކުރަން"، ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ، ވިލާގެ ރިސޯޓްތައް ބަލައި ފާސްކުރުމުގައި އިސްކޮށް ހަރަކާތްތެރިވީ މޯލްޑިވްސް ކަސްޓަމްސްއިން ކަމަށްވާއިރު އެ މުއައްސަސާއަކީ ސީދާ އިކޮނޮމިކް މިނިސްޓަރގެ ބެއްލެވުމުގެ ދަށުން ހިންގާ ތަނެއް ކަމަށެވެ. ސަމީރު ވަނީ މިނިސްޓަރ ސައީދަކީ "ކާން ދިން އަތުގައި ދަތް އެޅި" ބޭފުޅެއް ކަމަށް ވިދާޅުވެ މިނިސްޓަރ ސައީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ސައީދު މިނިސްޓަރުކަމަށް ވަޑައިގަތީވެސް ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައިކަން ސަމީރު ފާހަގަކުރެއްވިއެވެ.
ސަމީރު ވިދާޅުވީ ސަރުކާރުގެ ފަރާތުން ކިތަންމެ ވަރަކަށް ފިއްތުންތައް ކުރިމަތިވި ނަމަވެސް، ގުޅިފައިވާ ޕާޓީތަކުގެ ބަދަހި ގުޅުމަށް ބުރޫއެއް ނާރާނެ ކަމަށެވެ.
ހުކުރު ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ގުޅިފައިވާ ހުރިހާ ޕާޓީތަކުންވެސް ވަނީ ފުލުހުންނާއި ކަސްޓަމްސް އާއި މީރާގެ މުވައްޒަފުން ލައްވައި ސަރުކާރުން ކުރި ކަމަކީ ސިޔާސީ ކަމެއް ކަމަށާއި، އެއީ ސީދާ ޤާސިމް އިބްރާހިމްއަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއްގެ ގޮތުގައި ސިފަކޮށް، ސަރުކާރުގެ އަމަލުތައް ކުށްވެރި ކޮށްފައެވެ.