ސަރުކާރުން ފަށާފައިވާ 1000 ކޭޝިއަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގެ ދަށުން އަނެއްކާ ވެސް ކޯހުގައ ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ޓްރެއިނިންގ (ޓިވެޓް) އޮތޯރިޓީން ކުރިއަށް ގެންދާ މި ޓްރެއިނިންގ ޕްރޮގްރާމަކީ ކޯހުގެ ތިއަރީ ބައި އޮންލައިންކޮށް ހިންގާ ކޯހެކެވެ. މި ކޯހުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ހިސާބުތަކަށް ހުޅުވާލައިފައިވާ އިރު އެއްވެސް ކޯސް ފީއެއް ދައްކަން ނުޖެހޭ ކަމަށް ޓިވެޓް އިން ބުނެއެވެ.
މި ޓްރެނިންގް ޕްރޮގްރާމުގެ ދަށުން ސެޓްފިކެޓް ލެވެލް 3 އަދި 4 ގެ ކޯހެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ޓިވެޓް އޮތީރޮޓީން ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާ އިރު މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންޖެހެއެވެ.
ކޭޝިއަރުން ތަމްރީނު ކުރުމަށް 2016 ވަނަ އަހަރު ވެސް ޓިވެޓް އިން ހުޅުވާލައިފައިވެއެވެ. މި ޕްރޮގްރާމަކީ އެޑިއުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމަކަށް ވާއިރު އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން 1000 ފޮޓޯގްރަފަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ވެސް ޓިވެޓް އިން ކުރިއަށްގެންދެއެވެ.
ސަރުކާރުން ވަނީ ފޮޓޯގުރާފަރުންނާއި ކޭޝިއަރުންގެ ދާއިރާއަކީ ދިވެހިންނަށް ހާއްސަ ދެ ދާއިރާއެއްގެ ގޮތުގައި ކަނޑައަޅާފައެވެ. ނަމަވެސް މި ދެ ދާއިރާގައި ވެސް ގިނަ އަދަދެއްގެ ބިދޭސީން އަދިވެސް ހަރަކާތްތެރިވަމުން ދެއެވެ.
މީގެ އިތުރުން ނަރުހުން ތަމްރީނު ކުރުމާއި ޕާމަސިސްޓުން ތަމްރީނުކުރުމުގެ ކޯސްތަކެއް ވެސް ޓިވެޓް އޮތޯރިޓީ އިން ކުރިއަށްގެންދެއެވެ.