ވިލާ ހޮޓެލްސްގެ ރިސޯޓްތަކަށް ގާނޫނާއި ގަވައިދާ ހިލާފަށް ފުލުހުންނާއި ކަސްޓަމްސް އަދި މޯލްޑިވްސް އިންލެންޑް ރިވެނިއު އޮތޯރިޓީ (މީރާ) ގެ އޮފިޝަލުން އަރައި ހިންގި އަމަލުތައް ޖުމްހޫރީ ޕާޓީން ކުށްވެރިކޮށްފިއެވެ.
މިކަމާ ގުޅިގެން ޖުމްހޫރީ ޕާޓީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ވިލާ ހޮޓެލްސް އިން ހިންގާ ފަސް ރިސޯޓަކަށް ފުލުހުންނާއި، ކަސްޓަމްސް އަދި މީރާގެ އޮފިޝަލުން އަރައި އެ ރިސޯޓުތަކުގައި ތިބި ގެސްޓުންނަށް ވެސް ބެލުމެއް ނެތި، އެ ރިސޯޓުތަކުގައި ބިރުވެރިކަން އުފެދިދާނެ ގޮތަށް އަމަލުތައް ކުރަމުން ގެންދިއުމާއި ރާއްޖޭގެ ރަންބިސް އަޅާ ކުކުޅު ކަމުގައިވާ ޓޫރިޒަމަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް އަދި ވިލާ ކުންފުނީގެ ރިސޯޓްތަކުގައި ތިބި ދުނިޔޭގެ ގައުމުތަކުގެ ފަތުރުވެރިންނަށާއި ތަނުގައި ވަޒީފާ އަދާ ކުރާ ދިވެހިންގެ ހިތްތަކަށް ބިރުވެރިކަން އުފެދޭ ގޮތަށް ކަންތައްތައް ކުރަމުން ގެން ދިއުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ފަތުރުވެރިންނަށް ހިދުމަތްދެމުންދާ ރިސޯޓްތަކުގެ އޮޕަރޭޝަން ހުއްޓުމަކަށް އަންނަ ގޮތަށް ކަމާބެހޭ މުއައްސަސާތަކުން ހަމައެއް ލަމައެއް ނެތި ގާނޫނާއި ގަވައިދާ އަދި ކޯޓު އަމުރާ ވެސް ހިލާފަށް ތަނުގެ މުދަލާއި ތަކެތި އެ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސް ރިސޯޓުތަކުގައި ތިބި ފަތުރުވެރިންނަށް ހިދުމަތް ނުދެވޭ މިންވަރަށް އަމަލުތައް ބެހެއްޓުމަކީ އަނިޔާވެރިކަމާއި ގަދަބާރުން ކަންކަން ކުރުމުގެ ސަގާފަތުގެ ތެރެއިން ހިންގަމުން ގެންދާ ޖަރީމާއެއް ކަމަށް އެޕާޓީން ބުނެއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ނުފޫޒާއި ބާރުން ރާއްޖޭގެ ކޯޓުތަކާއި ޖޫޑިޝަރީ ވަނީ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ތަންތަނަށް ވެފައި ކަމަށް އެޕާޓީން ބުނެއެވެ. އަދި ވިޔަފާރިވެރިންނަށް ހިތުހުރި ގޮތެއް ހަދަމުންދާ ފަނޑިޔާރުންގެ އެ އަމަލުތަކުގެ ސަބަބުން ރައްޔިތުން ބަލައިނުގަންނަ ކަމަށް ޖުމްހޫރީޕާޓީން ބުނެފައިވެއެވެ.
ގައުމުގެ އަމަން އަމާންކަން ގެއްލި ނާމާންކަމާއި ބިރުވެރިކަން ގައުމުގައި އާންމުވެފައިވާ އިރު ސިޔާސީ ފަރާތްތަކާ މެދު ރައީސް ޔާމީން ހިންގަވާ ޖަރީމާތަކާއި ވެރިންގެ ކުރިމަތީގައި ރައްޔިތުން ކުޑަ ކަކޫ މައްޗަށް ތިރިކުރުމަށް ހިންގާ ގާނޫނާއި ހިލާފު ކަންކަމުގެ ފުރިހަމަ ޒިންމާ ރައީސް ޔާމީން އުފުއްލަވަން ޖެހޭނެ ކަމަށާއި އަދި އެފަދަ އަމަލުތައް ބަލައި އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ބަޔާނުގައި ބުނެފައިވެއެވެ.
ވިލާ ގްރޫޕްގެ ސަން އައިލެންޑް ރިސޯޓާއި ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ހުރި ބަނގުރަލާއި އޫރުމަސް ގެންދިއުމަށް ކަސްޓަމްސް އިން މަސައްކަތް ކުރިއަސް، އެ ތަކެތި ނުގެންގޮސް އެ ދެ ރިސޯޓުން ފޭބީ ބުރާސްފަތި ދުވަހުގެރޭގެ ވަގުތެއްގައެވެ.
ވިލާގެ ރިސޯޓްތައް ބަލައި ފާސްކުރުމަށް 18 ގަޑިއިރުގެ މުއްދަތު ދީފައިވާއިރު، ކޯޓް އަމުރުގައި ތުހުމަތުކޮށްފައިވާ އެއްވެސް ކުށެއް ނުދެއްކުނު ކަމަށް، ވިލާ ގްރޫޕްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ސަފާ ޝަރީފް ވިދާޅުވިއެވެ.