ވިލާ ގްރޫޕްގެ ރިސޯޓްތަކަށް ކަސްޓަމްސް އަދި ފުލުހުން އަރައި ބަލާ ފާސްކުރުމުގެ ތެރޭގައި ހަތަރު ރިސޯޓަކަށް ގަވާއިދާ ޚިލާފަށް ގިނަ އަދަދެއްގެ ބަނގުރާ ގެންގޮސް ބޭނުން ކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނެފިއެވެ.
ކަސްޓަމްސްގެ ބޮންޑެޑް ވެއަރހައުސް އިން ދޫކުރި ބަނގުރާތަކެއް ގަވާއިދާ ޚިލާފަށް ގެންގޮސްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ވިލާ ގްރޫޕްގެ ރިސޯޓްތަކެއް ބަލައި ފާސްކުރުމާއި ގުޅޭ ގޮތުން ކަސްޓަމްސް އިން ހުކުރުވިލޭރޭ މެންދަމުގެ ވަގުތެއްގައި ނެރުނު ނޫސް ބަޔާނުގައި ވަނީ، ވިލާ ގްރޫޕްގެ ފަސް ރިސޯޓެއް ފާސްކޮށްފައި ވަނީ ބޮންޑެޑް ވެއަރހައުސް އިން ރޯޔަލް އައިލެންޑް ރިސޯޓުގެ ނަމުގައި ދޫކޮށްފައިވާ ބަނގުރާ، ގަވާއިދާ ޚިލާފަށް ވިލާ ގްރޫޕްގެ އެހެން ރިސޯޓުތަކަށް ގެންގޮސްފައިވާ ކަމަށް ކަސްޓަމްސްގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ.
އެމައުލޫމާތާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ބަލައި ފާސްކުރި ފަސް ރިސޯޓުގެ ތެރެއިން ހަތަރު ރިސޯޓަކީ އެރިސޯޓްތައް އޮޕަރޭޓްކުރާ ކުންފުނިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހޭ ފައިސާ ގަވާއިދާއި އެއްގޮތަށް ނުދައްކާތީ މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން މިދިޔަ އަހަރުގެ މާޗްމަހުގެ 22 ވަނަ ދުވަހުން ފެށިގެން ކަސްޓަމްސް އިން ޚިދުމަތް ދިނުން މެދުކަނޑާލައި، ބަނގުރާ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ރިސޯޓްތަކެއް ކަމަށެވެ.
ކަސްޓަމްސް އިން ޚިދުމަތް ދިނުން މެދުކަނޑާލައި، ބަނގުރާ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ހަތަރު ރިސޯޓަކީ ޕެރަޑައިސް އައިލެންޑް ރިސޯޓާއި، ސަން އައިލެންޑް ރިސޯޓާއި ފަން އައިލެންޑް ރިސޯޓުގެ އިތުރުން ހޮލިޑޭ އައިލެންޑް ރިސޯޓެވެ.
ކަސްޓަމްސްގެ ބަޔާނުގައި ވަނީ، ބަނގުރަލަކީ އެއިދާރާގެ ކޮންޓްރޯލްގެ ދަށުން ދޫކުރާ އެއްޗަކަށްވެފައި، އެތަކެއްޗަކީ ތަކެތި ދޫކުރެވޭއިރު ވަކި ތަނަކަށް ގެންދިއުމަށް އިޤުރާރުކުރުމަށް ފަހު ހަމައެކަނި އެތަނެއްގައި ބޭނުން ކުރުމަށް ދޫކުރެވޭ އެއްޗަކަށްވެފައި، އެނޫން ތަންތަނަށް އެތަކެތި ގެންގޮސް ވިއްކާ ނުވަތަ ބޭނުންކޮށް ހެދުމަކީ ޤާނޫނީ ގޮތުން މަނާ ކަމެއް ކަމަށެވެ. އަދި ކަސްޓަމްސް އިން މިހާތަނަސް ބެލިބެލުމުން އެ ހަތަރު ރިސޯޓަށް ގަވާއިދާ ޚިލާފަށް ގިނަ އަދަދަކަށް ބަނގުރާ ގެންގޮސް ބޭނުން ކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި، ބަނގުރާ ދޫކުރެވޭ ތަންތަން ފިޔަވައި އެހެން ތަންތަނަށް ގަވާއިދާ ޚިލާފަށް ގެންދިއުމަކީ ބަނގުރާ ރާއްޖެއަށް އާއްމުވުމަށް ހުޅުވިގެންދާނެ ދޮރެއް ކަމަށް އެބަޔާނުގައިވެއެވެ.
ބަނގުރަލުގެ ބާވަތްތައް ގެންގޮސް ގަވާއިދާ ޚިލާފަށް އެތަކެތީގެ ވިޔަފާރި ކުރުމަކީ ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކައި އުޅުމަށް މަގުފަހިވާނެ ކަމަކަށްވާތީވެ، އެފަދަ އަމަލުތައް ހުއްޓުވުމަށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެމުއައްސަސާގެ ފަރާތުން އަޅަމުންދާނެ ކަމަށް އެބަޔާނުގައިވެއެވެ.
ކަސްޓަމްސް އިން ބަނގުރާ ދޫކުރާއިރު އެތަކެތި ގެންދިއުމަށް އިޤުރާރުވާ ތަން ނޫން އެހެން ތަނަކަށް އެތަކެތި ގެންގޮސް ވިއްކާ ނުވަތަ ބޭނުންކޮށް ހެދުމަކީ ޤާނޫނީ ގޮތުން މަނާ ކަމެއް ކަމަށް ކަސްޓަމްސް އިން ބުނި ނަމަވެސް ވިލާ ގްރޫޕްގެ ޤާނޫނީ ވަކީލު ސަފާ ޝަރީފް ވިދާޅުވެފައި ވަނީ، ބަނގުރަލާ ބެހޭ ގަވާއިދުގެ 19 މާއްދާގެ ދަށުން ހުއްދަ ކަމެއް ކަމަށެވެ.
އެގޮތުން އެމާއްދާގައި ބަނގުރާ ވިއްކުމުގެ ހުއްދަ އޮންނަ ފަރާތަކުން އެ ހުއްދަ އޮންނަ އެހެން ފަރާތަކަށް ވިއްކުމާއި ދިނުން އަދި ބަދަލު ކުރާ ނަމަ، އެމުއާމަލާތްތަކުގެ ތަފްސީލް ތިން އަހަރު ވަންދެން ބަހައްޓަންޖެހޭ ކަމަށާއި، އެގަވާއިދުގައިވާ ގޮތުން އެއީ ގާނޫނާއި ޚިލާފް ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ސަފާ ވިދާޅުވިއެވެ.
ވިލާ ގްރޫޕުން ވަނީ އެގްރޫޕުން ހިންގާ އެއްވެސް ރިސޯޓެއްގައި ޤާނޫނާއި ޤަވާއިދާ ޚިލާފް އެއްވެސް ކަމެއް ހިންގާފައިނުވާނެ ކަމަށް ބުނެފައެވެ.
ވިލާގެ ރިސޯޓްތަކަށް ފުލުހުންނާއި ކަސްޓަމްސްގެ އޮފިސަރުން އަރައި، ބަލައި ފާސްކުރި ނަމަވެސް އެ ރިސޯޓްތަކުން އެއްވެސް އެއްޗެއް ގެންގޮސްފައެއްނުވެއެވެ.
ކަސްޓަމްސް އާއި ފުލުހުން ވިލާގެ ރިސޯޓްތަކަށް އެރި މައްސަލާގައި އެ މުއައްސަސާތަކަށާއި ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
އެގޮތުން އެ އަމަލަކީ، ވިލާ ގްރޫޕްގެ ޗެއަރމަން އަދި މިހާރު ޖަލު ހުކުމެއްގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރައްވަމުން ގެންދަވާތީ، އެމަނިކުފާނަށް ދަތިކުރުމުގެ ނިޔަތުގައި ހިންގި އަމަލެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.