މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) އަކީ ހަމައެކަނި ޓުއަރިޒަމް ފެއަރ ތަކަށް ދާން ތިބޭ ބަޔަކަށް ވެގެން ނުވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ވިލާގެ ރިސޯޓް ތަކަށް ފުލުހުންނާއި ކަސްޓަމްސް އަދި މީރާގެ ފަރާތުން ކުއްލިގޮތަކަށް އަރާ ޗެކް ކޮށްފައި ވަނިކޮށް އަލީ ވަހީދު ބުރާސްފަތި ދުވަހުގެރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޓީއަކީ ހަމައެކަނި ޓުއަރިޒަމް ފެއަރ ތަކަށް ދާން ތިބޭ ބަޔަކަށް ވެގެން ކަމަކު ނުދާނެ ކަމަށެވެ. ޓުއަރިޒަމް އިންޑަސްޓްރީގެ ހިމާޔަތުގައި މަޓީގެ ދަތްޕިލައިގައި ދަތް ހުންނަން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން ވިލާ ކުންފުނީގެ ރިސޯޓްތަކަށް އެރިއެރުމަށް އިޝާރާތް ކުރައްވާ އެޓްވީޓުގައި ޢަލީ ވަހީދު ވިދާޅުވީ މަޓީގެ ބޭފުޅުންގެ ހަނު ހުރުމަކީ، ސިޔާސީ ކޮށި ވިސްނުންތެރިންނަށް ގޯސް ހަދަން ދެވޭ ވިސާއެއް ނޫން ކަމަށެވެ. އަދި މިއަދު ވިލާ ކަމަށާއި މާދަމާ ކޮންތަނެއްތޯ ޢަލީ ވަހީދު ވަނީ ސުވާލު އުފައްދަވާފައިވެއެވެ.
MATI akee hama ekani tourism fair thakah dhaan thibey bayakah vegen kamaku nudhaane! Tourism industryge himaayathugai MATIge dhaiypilaagai dhaiy hunnan jehey. Thiyabeyfulhunge hanu hurumakee, siyaasee koshi visnuntherinnah goas hadhan dhevey visa eh! Miadhu Villa, Maadhamaa ?????
— Ali Waheed (@ali20waheed) January 18, 2018
ބުދަ ދުވަހުގެރޭ ވަރަށް ކުއްލި ގޮތަކަށް ވިލާގެ ރިސޯޓް ތަކަށް އަރާފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. ކޯޓުން ނެރެފައިވާ އަމުރުގައި ސަބަބެއް ކަމަށް ބުނެފައި ވަނީ ބޮންޑެޑް ވެއާ ހައުސް އިން ރޯޔަލް އައިލެންޑް އެންޑް ސްޕާ މެނޭޖްމަންޓްގެ ނަމުގައި ދޫކުރި ބަނގުރާ ފަން އައިލެންޑް ރިސޯޓަށް ގެންގޮސްފައިވާ ކަމުގެ ތުހުމަތުކުރެވޭތީ ހެއްކާއި ގަރީނާ ހޯދުމަށް ކަމަށެވެ.