މި އަހަރުގެ ޖޫން އަދި ޖުލައި މަހު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތަށް، ހަނގުރާމަވެރި އައިސިސް ޖަމާޢަތުން ޓެރަރިސްޓް ހަމަލާއެއް ދިނުމަކީ ވަރަށް ގާތް ކަމެއް ކަމަށް އިގެރޭސިވިލާތުގައި ހިންގާ އެނަލައިސިސް ފަރމް، އައިއެޗްއެސް މާކިޓް އިން ބުނެފިއެވެ.
ފައިނޭންޝަލް މާކެޓާއި، ވައިގެ އުދުހުމާއި، ސަލާމަތާއި ރައްކާތެރިކަމާއި، އެއްގަމު ދަތުރުފަތުރުގެ ދާއިރާ އާއި، ހަކަތަ އާއި މިފަދަ އެކި ދާއިރާތަކުން، ވިޔަފާރިވެރިންނާއި ސަރުކާރުތަކަށް މަޢުލޫމާތާއި ތަފާސް ހިސާބު ފޯރުކޮށްދޭ އިންފޯމޭޝަން ހޭންޑްލިންގ ސަރވިސަސް މާކިޓް، ނުވަތަ އައިއެޗްއެސް މާކިޓްއިން ނެރުނު ރިޕޯޓްގައި، ރަޝީއާއަށް ހަމަލާއެއް ދިނުމަށް އައިސިސްއިން ޝައުޤުވެރި ވެދާނެ ކަމަށް ބެލެވޭ ބައެއް ސަބަބުތައް ވެސް ވަނީ ބަޔާން ކޮށްފައެވެ.
އައިއެޗްއެސް މާކިޓް އިން ބުނެފައިވަނީ އައިސިސްގެ އަމާޒަކަށް މި އަހަރުގެ ވޯލްޑް ކަޕް ވެދާނެ ކަމަށް ލަފާކުރެވޭ މައިގަނޑު ސަބަބަކީ، މެދުއިރުމަތީގައި އެ ޖަމާޢަތުގެ ބާރުކަނޑުވާލައި އެ ޖަމާޢަތް ލަދުގަންނަވައިލުމަށް ރަޝިއާއިން އަދާ ކުރި އިސް ރޯލު ކަމަށެވެ.
އަދި ހަމަ މިއާއި އެކު މި މުބާރާތުގައި ސައުދީ އަރަބިއާ އާއި އީރާނުން ބައިވެރިވާ ވުމަކީވެސް މި މުބާރާތަށް އަމާޒުކޮށް ހަމަލާއެއް ދިނުމުގެ ފުރުޞަތު އިތުރުވެގެންދާ ކަމެއް ކަމަށް އައިއެޗްއެސް މާކިޓްއިން ވަނީ ބުނެފައެވެ.
"ވަކިވަކި ސަރަޙައްދުތަކުގައި އައިސިސްއަށް ކުރިމަތިވަމުންދާ ނާކާމިޔާބީއާއިއެކު ވެސް، ރަޝިއާގައި ކާމިޔާބު ހަމަލާއެއް ދެވުން ވެގެންދާނީ އައިސިސްގެ ޕްރޮޕެގެންޑާ ޕްރޮމޯޓް ކުރުމަށް އިތުރު ބާރެއް ލިބި، އެ ޖަމާއަތުގެ ހަނގުމާވެރިންނާއި ސަޕޯޓަރުންނަށް އިތުރު ހިތްވަރެއް ލިބި، ބައިނަލްއަޤުވަމީ ފެންވަރުގައި އެ ޖަމާއަތާއިމެދު އޮތް ބިރު އިތުރުކުރުމަށް ލިބިގެންދާނެ މުހިއްމު ފުރުޞަތަކަށެވެ." އައިއެޗްއެސް މާކިޓްގެ ރިޕޯޓްގައި ވެއެވެ.
ނިމިގެންދިޔަ އަހަރުގެ ނޮވެމްބަރު މަހާއި ހަމައަށް، އިރާޤާއި ސީރިއާގައި އައިސިސްގެ ބާރު އެއްކޮށް ކެނޑިގެން ދިޔަ ނަމަވެސް، އިސްތަންބޫލާއި، ލަންޑަނާއި، މެންޗެސްޓަރ އާއި، ބާސެލޯނާގެ އިތުރުން ތެހެރާންގައި ދިން ވަރުގދަ ހަމަލާތަކުގެ ޒިންމާ އެ ޖަމާއަތުން ވަނީ ނަގާފައެވެ.