ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އެހެން ފަރާތްތަކުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދެއްވުމަށްޓަކައި ކުރެއްވި މަސައްކަތުގެ ބަދަލު ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ދެއްވަނީ ހުއްޓުމެއް ނެތި އަނިޔާ ދެއްވަމުން ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ނޭވާ ހޮޅިއަށް ދިޔުމުން ވިޔަފާރީތަކަށް އަރައިގަތުމުގެ ސަގާފަތުން ލިބުނު މޮޅެއް އަދި ފެނިވަޑައިނުގަންނަވާ ކަމަށެވެ.
2013 vana aharuge Riyaasee Inthikhaab kaamiyaab kohdhinumah @qasimibrahim adhi ehen faraaithakun kurehvi masaikathu ge badhal RY dhehvanee huhtumeh nethi aniyaa dhinumun. Verikan neyvaa holhi ah dhiumun viyafaari thakah araigathumuge saqaafathun libunu molheh adhi nufeney.
— Mohamed Jameel Ahmed (@MJameelAhmed) January 18, 2018
ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ބުދަ ދުވަހުގެރޭ ގާސިމް އިބްރާހިމްގެ ހުރިހާ ރިސޯޓްތަކެއް ބަލާ ފާސް ކޮށްފައެވެ.
ކޯޓު އަމުރަކާ އެކު ފުލުހުން ފާސްކުރީ ޕެރަޑައިސް އައިލެންޑް ރިސޯޓާއި ސަން އައިލެންޑާއި ހޮލިޑޭ އައިލެންޑްގެ އިތުރުން ފަން އައިލެންޑް ރިސޯޓެވެ.
ކޯޓުން ނެރެފައިވާ އަމުރުގައި ސަބަބެއް ކަމަށް ބުނެފައި ވަނީ ބޮންޑެޑް ވެއާ ހައުސް އިން ރޯޔަލް އައިލެންޑް އެންޑް ސްޕާ މެނޭޖްމަންޓްގެ ނަމުގައި ދޫކުރި ބަނގުރާ ފަން އައިލެންޑް ރިސޯޓަށް ގެންގޮސްފައިވާ ކަމުގެ ތުހުމަތުކުރެވޭތީ ހެއްކާއި ގަރީނާ ހޯދުމަށް ކަމަށެވެ.
ވިލާ ގްރޫޕްގެ އެއްވެސް ރިސޯޓަކުން ގާނޫނާ ހިލާފަށް ކަމެއް ކޮށްފައި ނޯންނާނެ ކަމަށާއި ފުލުހުންނާ އެކު ކަސްޓަމްސް އާއި މީރާ އިން ރިސޯޓްތަކަށް އެރީ ބިރު ދެއްކުމަށް ކަމަށް ވިލާ ކުންފުނިން ބުންޏެވެ.