ފަލަސްތީނުގެ ރެފިއުޖީންނަށް އެމެރިކާ އިން ދެމުން އައި އެހީގެ ތެރެއިން 65 މިލިއަން ޑޮލަރު ކަނޑާލުމަށް އެމެރިކާ ސަރުކާރުން ނިންމައިފިއެވެ.
އެހީ ކަނޑާލުމަށް ނިންމުމާ ގުޅިގެން ޕެލަސްޓައިން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) އިން ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅު ކޮށްފައެވެ. ޕީއެލްއޯ އިން ބުނީ އެހީ ކަނޑާލުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށާއި، އެކަމުން އެންމެ ބޮޑަށް ގެއްލުން ލިބޭނީ އެންމެ ނިކަމެތިންނަށް ކަމަށެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އެމެރިކާއިން ފަލަސްތީނުގެ ރެފިއުޖީންނަށް ދިނުމަށް ކަނޑައަޅާފައިވާ 125 މިލިއަން ޑޮލަރުގެ ގެ ތެރެއިން 65 މިލިއަން ޑޮލަރު ނުދީ ހިފަހައްޓާނެ ކަމަށް ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވާރކްސް އެޖެންސީ (ޔޫއެންއާރުޑަބްލިޔުއޭ) އަށް އެންގުމަށް ނިންމާފައެވެ.
ލުބްނާން އާއި ސީރިއާ، އުރުދުން، ގާޒާ އަދި ހުޅަނގު އައްސޭރީގައި ދިރިއުޅެމުންދާ ފަލަސްތީނުގެ ރެފިއުޖީންނަށް އިޖްތިމާއީ، ތައުލީމީ، އަދި ސިއްހީ ޚިދުމަތްތައް ފޯރު ކޮށްދިނުމުގައި އިސްކޮށް ހަރަކާތްތެރި ވަމުން ދަނީ ޔޫއެންއާރުޑަބްލިޔުއޭ އެވެ.
އެހީ ކަނޑާލުމާ ގުޅިގެން ޕީއެލްއޯ އިން ނެރުނު ބަޔާނެއްގައި ބުނި ކަމަށް އެސޯސިއޭޓެޑް ޕްރެސް ހާމަ ކޮށްފައި ވަނީ "އެހީ ކަނޑާލުމަށް ނިންމި ނިންމުމަކީ ފަސްތީނުގެ ރެފިއުޖީންނަށް ލިބެން ޖެހޭ އުނގެނުމުގެ ހައްގާއި، ސިއްހީ ޚިދުމަތުގެ ހައްގާއި، ބޯހިޔާވަހި ކަމުގެ ހައްގާއި، އަދި އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ހައްގުން މަހުރޫމު ކުރުމަށް ކުރި ކަމެއް" ކަމުގައެވެ.
މިކަމާ ގުޅިގެން އެސޯސިއޭޓެޑް ޕްރެސް އިން އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އަށް ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަންގާރަ ދުވަހު އޭނާ ވިދާޅުވީ އެހީ ކަނޑާލަން ނިންމިކަން ރަސްމީ ގޮތުން އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
ނަމަވެސް އދ ގެ ސެކްރެޓަރީ ޖެނެރަލް ވަނީ އެކަމާ ވަރަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
"ވަރަށް ކަންބޮޑުވާ ކަމެއް، އުއްމީދު ކުރަނީ އާޚިރުގައި އެމެރިކާ އިން ޔޫއެންއާރުޑަބްލިޔުއޭ އަށް ދެމުން ދިޔަ އެހީ އެގޮތުގައި ދަމަހައްޓާނެ ކަމަށް، ޔޫއެންއާރުޑަބްލިޔުއޭ ހިންގުމުގައި އެމެރިކާގެ ހިއްސާ ވަރަށް ބޮޑު" އދ ގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.
އަނެއް ކޮޅުން އެހީ ކަނޑާލުމަށް ނިންމުމާ ގުޅިގެން އދ އަށް އިޒްރޭލުން ކަނޑައަޅާފައި ހުންނަވާ ސަފީރު ޑެނީ ޑެމޮން ވަނީ އެކަމަށް މަރުހަބާ ވިދާޅުވެފައެވެ.
އިޒްރޭލުން ގަބޫލު ކުރާ ގޮތުގައި އިޒްރޭލާ ދެކޮޅަށް ހިންގާ ޕްރޮޕަގެންޑާ ތަކަށް ބާރު ލިބެނީ ޔޫއެންއާރުޑަބްލިޔުއޭ އަށް ދޭ އެހީގެ ސަބަބުންނެވެ. މީގެ އިތުރުން އިޒްލޭލުން ދެކެނީ ޔޫއެންއާރުޑަބްލިޔުއޭ މެދުވެރިކޮށް ފަލަސްތީނުގެ ރެފިއުޖީންނަށް ދޭ އެހީ އަކީ އިޒްރޭލުގެ ސަލާމަތައް އޮތް ނުރައްކަލެއް ކަމަށެވެ. އަދި ފަލަސްތީނުގެ ރެފިއުޖީންނަށް އެމީހުންގެ ވަޒަނަށް ކޮންމެވެސް ދުވަހަކުން އާދެވިދާނެ ކަމުގެ އުއްމީދު ލިބެނީވެސް ޔޫއެންއާރުޑަބްލިޔުއޭ ގެ ސަބަބުން ކަމަށްވެސް އިޒްރޭލުން ދެކެއެވެ.
އެހީގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ ފައިސާ އިން 65 މިލިއަން ޑޮލަރު ހިފެހެއްޓި ނަމަވެސް އެމެރިކާ އިން ބުނެފައިވަނީ ކުރިން ދިނުމަށް ކަނޑައަޅާފައިވާ ފައިސާގެ ތެރެއިން 60 މިލިއަން ޑޮލަރު ޔޫއެންއާރުޑަބްލިޔުއޭ ގެ މަސައްކަތައް ހުއްޓުނަ ނުދިނުމުގެ ގޮތުން ދޭނެ ކަމަށެވެ.
ޔޫއެންއާރުޑަބްލިޔުއޭ ގެ އަހަރީ ބަޖެޓް ގެ 30 އިން ސައްތަ އަކީ އެމެރިކާ އިން ދޭ އެހީއެވެ.