ކ. މާލެ
|
17 ޖެނުއަރީ 2018 | ބުދަ 08:58
ގަތަރުގެ ފައިޓަރ ޖެޓެއް
ގަތަރުގެ ފައިޓަރ ޖެޓެއް
އަލްޖަޒީރާ
ގަތަރުގެ މައްސަލަ
ބޯޓްތަކަށް ހުރަސްއެޅިކަމަށް ޔޫއޭއީއިން ކުރާ ތުހުމަތާމެދު ތަޖުރިބާކާރުން ސުވާލު އުފައްދައިފި
ޔޫއޭއީއިން ބުނާގޮތުގައި އެ ގައުމުގެ ދެ ބޯޓަކަށް ގަތަރުން ހުރަސްއަޅާފައިވޭ
އެއްވެސް އެއާލައިނަކުން ޝަކުވާއެއް ކޮށްފައެއް ނުވޭ

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ފަސިންޖަރުން އުފުލާ މަތިންދާ ބޯޓެއް ޤަތަރުގެ ހަނގުރާމަމަތީ މަތިންދާ ބޯޓަކުން ހުއްޓުވި ކަމަށް އެ ގައުމުން ބުނާ ބުނުމާއިމެދު ދިރާސާ ކުރާ ފަރާތްތަކުން ސުވާލު އުފައްދައިފިއެވެ.

ގަތަރުގެ ބޯޓަކުން ޔޫއޭއީގެ ބޯޓެއް ހުއްޓުވިކަމަށްބުނާ ވާހަކަ އެންމެ ފުރަތަމަ ރިޕޯޓްކޮށްފައި ވަނީ ޔޫއީގެ ދައުލަތުގެ މީޑިއާ ޑަބްލިއުއޭމްއިން ހޯމަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ.

އެ ގައުމުގެ ޖެނެރަލް ސިވިލް އޭވިއޭޝަން އޮތޯރިޓީ(ޖީސީއޭއޭ) އާއި ހަވާލާދީ ބުނެފައި ވަނީ ގަތަރުން ހުރަސްއެޅި އެ ބޯޓަކީ ބަހްރެއިން މަގުން، އާއްމު ފަސިންޖަރުން ގޮވައިގެން ދަތުރުކުރާ ބޯޓެއް ކަމަށެވެ.

ޖީސީއޭއޭއިން ވަނީ އެކަން ކުށްވެރިކޮށް އެ ކަމަކީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމަށް ކުރިމަތިކުރުވި ސީރިއަސް ނުރައްކަލެއްކަމަށާއި އަދި އެއީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ޚިލާފްކަމެއް ކަމަށް ބުނެފައެވެ.

ދެވަނަ ބޯޓަކަށް ހުރަސް އެޅިކަމަށް ރިޕޯޓް ކޮށްފައިވަނީ ވެސް ހޯމަ ދުވަހުއެވެ. ޑަބްލިއުއޭއެމްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެވަނައަށް ހުއްޓުވާފައިވަނީ ބަހްރެއިންއަށް ދަތުރު ކުރަމުން ދިޔަ ފަސިންޖަރުން އުފުލާ މަތިންދާ ބޯޓެކެވެ.

ޤަތަރުގެ ފޮރިން މިނިސްޓްރީއިން ވަނީ މި ތުހުމަތުތައް ދޮގު ކޮށްފައެވެ.

ގަތަރުން މީގެ ކުރިން ވަނީ އެ ގައުމުގެ ވައިގެ ސަރަހައްދަށް ޔޫއޭއީގެ ހަނގުރާމަ މަތީ މަތިންދާ ބޯޓް ގަވައިދާ ޚިލާފަށް ވަދެފައިވާ ކަމަށް ބުނާ ދެ މައްސަލައެއް އދ. އަށް ހުށަހަޅާފައެވެ.

ވައިގެ ދަތުރުފަތުރާ ބެހޭ ދާއިރާ ދިރާސާ ކުރައްވާ ފަރާތެއް ކަމަށްވާ އިލެކްސް މަޝެރާސް ވިދާޅުވީ ހޯމަ ދުވަހު ހިނގާފައިވާ ކަމަށް ޔޫއޭއީއިން އެ ބުނާ ހާދިސާއަކީ އެގައުމުން އެ ބުނާގޮތަށް ހިނގާފައިވާ ކަމެއްނަމަ އެ އެކަން ދިމާވި އެއަރލައިނުން ބައިނަލްއަގްވާމީ އިދާރާތަކަށް ޝަކުވާ ހުށަހަޅާނެކަމަށް ބެލެވޭ ކަމަށެވެ. އަދި ބޯޓުގައި ތިބި ފަސިންޖަރުން ފޮޓޯނަގައި އެ ވާހަކަ ޝެއަރ ކުރަމުންދާނެ ކަމަށެވެ.

ޔޫއޭއީން ހޯމަ ދުވަހު މި ތުހުމަތުތައް ކޮށްފައިވާއިރު ޤަތަރާއެކު ގުޅުން ކަނޑާލައި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާއި ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަން ދަނީ ބޮޑުވަމުންނެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ގަތަރާއި ގުޅުން ކަނޑާލައި ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ ސައުދީ އަރަބިއްޔާ،ޔޫއޭއީ، މިސްރު އަދި ބަހުރެއިނުންނެވެ.

 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް