ކ. މާލެ
|
16 ޖެނުއަރީ 2018 | އަންގާރަ 09:59
މިސްރުގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މުހައްމަދު އަންވަރު ސާދާތު
މިސްރުގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މުހައްމަދު އަންވަރު ސާދާތު
ރޮއިޓަރސް
މިސްރުގެ ރިޔާސީ އިންތިޚާބު
މިސްރުގެ ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވުމަށް އަންވަރު ސާދާތު ނިންމަވައިފި
މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެ ފަދަ މާހައުލެއް ނެތް: ސާދާތު
އިންތިޚާބުގެ ވަށައިގެން ބިރު ދެއްކުމާއި، ހުރަސްއެޅުމުގެ އަމަލްތަކުގެ މާހައުލެއް ގާއިމްވާތަން ދަނީ ފެންނަމުން
ސާދާތުގެ އިތުރުން ކުރީގެ ބޮޑުވަޒީރު ޝަފީގް ވެސް ވަނީ ރިޔާސީ ރޭހަށް ނުނިކުންނެވުމަށް ނިންމަވާފަ

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މިސްރުގެ ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވުމަށް ނިންމެވިކަން، އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެމްބަރު މުޙައްމަދު އަންވަރު ސާދާތު އިއުލާން ކުރައްވައިފި އެވެ.

މުޙައްމަދު އަންވަރު ސާދާތު ހޯމަ ދުވަހު ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވުމަށް ނިންމެވީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެ ފަދަ މާހައުލެއް ނެތް ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ.

މިސްރުގެ ވެރިރަށް ޤާހިރާގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ސާދާތު ވިދާޅުވީ، މިސްރުގެ ރައްޔިތުން އުއްމީދުކުރާ ފަދަ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެކަމަށް ގަބޫލުނުކުރެއްވޭ ކަމަށާއި، އެހެންކަމުން ބަލިވެފައިވާ ހަނގުރާމައެއްގެ ތެރެއަށް ވަނުމަށް ބޭނުންނުވާ ކަމަށެވެ.

މީގެ އިތުރުން ރިޔާސީ އިންތިޚާބު ބާއްވާއިރު އެގައުމުގައި ކުއްލި ހާލަތު އިއުލާން ކޮށްފައިވުމާއެކު، ރިޔާސީ ކެމްޕެއިނަށް ނިކުމެއްޖެނަމަ، އޭނާގެ ކެމްޕެއިން ޓީމުގެ ސަލާމަތާއި ރައްކާތެރިކަމާއިމެދު ކަންބޮޑުވުންތަކެއް އެބަހުރި ކަމަށްވެސް ސާދާތު ވިދާޅުވި އެވެ. އެގޮތުން އިންތިޚާބުގެ ވަށައިގެން ބިރު ދެއްކުމާއި، ހުރަސްއެޅުމުގެ އަމަލްތަކުގެ މާހައުލެއް ގާއިމްވާތަން ފެންނަމުންދާ ކަމަށާއި، މިހާރުގެ ރައީސް ސިސީ އާ ވާދަކުރުމަށް އިންތިޚާބަށް ނިކުންނަވައިފިނަމަ އޭނާގެ ސަޕޯޓަރުންނަށް ލިބިދާނެ އަނިޔާ އަކާއިމެދު ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އިންތިޚާބުގައި ވާދަނުކުރެއްވުމަށް ނިންމެވީ އެހުރިހާ ކަންކަމަށް ބެއްލެވުމަށްފަހު، އެފަދަ ސަބަބުތަކާއި ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

މުޙައްމަދު އަންވަރު ސާދާތު އަކީ، މިސްރުގެ ތިންވަނަ ރައީސް އަދި އެގައުމުގެ ނައިބު ރައީސްގެ މަގާމާއި، ބޮޑުވަޒީރުގެ މަގާމާއި ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ މަގާމް ފުރުއްވާފައިވާ ކުރީގެ ސިޔާސީ ލީޑަރު މުޙައްމަދު އަންވަރު އަލް-ސާދާތު އަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ.

ސާދާތުގެ އިތުރުން މިސްރުގެ ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވާނެކަން އެގައުމުގެ ކުރީގެ ބޮޑުވަޒީރު އަހުމަދު ޝަފީޤްވެސް ވަނީ އިއުލާން ކުރައްވާފައެވެ.

ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް އަބްދުލް ފައްތާހް އަލް-ސިސީ އާ ވާދަ ކުރައްވާނެ ކަން ކުރިން އިއުލާން ކުރެއްވި ނަމަވެސް، އެ ނިންމެވުން ބަދަލު ކުރައްވާފައިވަނީ އަމިއްލަ އަށް އަރުވާލެވިގެން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.

މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ވެރިކަމުގެ ދުވަސްވަރު އެގައުމުގެ ބޮޑުވަޒީރުކަން ކުރެއްވި ޝަފީގް، މިމަހުގެ ކުރީކޮޅު ނެރުއްވި ބަޔާނެއްގައި ވަނީ، 2018 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވުމަށް ނިންމެވީ، އޭނާ އަކީ އެކަމަށް އެންމެ ރަނގަޅު ފަރާތް ނޫންކަން ގަބޫލްކުރައްވާ ކަމަށެވެ.

މިހާތަނަށް މިއިންތިޚާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާން ކޮށްފައިނުވިނަމަވެސް، މިހާރުގެ ރައީސް އަބްދުލް ފައްތާހް އަލް-ސިސީ ރިޔާސީ އިންތިޚާބަށް ނިކުންނަވައި، ފުރަތަމަ ބުރުން އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވެއެވެ.

މިސްރުގެ ރިޔާސީ އިންތިޚާބު އަންނަ މާޗް މަހުގެ 26-28 އާދެމެދު ބޭއްވުމަށް ތާވަލްކޮށްފައިވާއިރު، އިންތިޚާބަށް ކެމްޕެއިން ކުރުމުގެ މުއްދަތު ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ފެށޭނެ އެވެ. އަދި އެދުވަހުން ފެށިގެން އަންނަ މާޗް މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް، އިންތިޚާބަށް ކެމްޕެއިން ކުރުމުގެ ފުރުޞަތު ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބިގެންދާނެ އެވެ.

މިސްރުގެ އަސްކަރިއްޔާގެ ވެރިޔާގެ މަގާމުގައި ކުރިން ހުންނެވި ސިސީ އެގައުމުގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންނެވީ، ޑިމޮކްރެޓިކް އުސޫލުން އިންތިޚާބުވި މިސްރުގެ ފުރަތަމަ ރައީސް މުޙައްމަދު މުރްސީގެ ވެރިކަން 2013 ގެނައި އަސްކަރީ ބަޣާވާތަކުން ވައްޓާލުމަށްފަހު، 2014 ވަނަ އަހަރު ބޭއްވި އިންތިޚާބުގައެވެ. ސިސީ އިސްވެ ހުންނަވައިގެން ގެނައި ބަޣާވާތުގައި މުރްސީގެ މުސްލިމް ބްރަދަހުޑް ޕާޓީގެ ވެރިކަން ނިމުމަކަށް ގެނައުމަށްފަހު، ރައީސް ކަމަށް އިންތިޚާބުވެވަޑައިގަތުމާއި ދެމެދު އެގައުމުގެ ވެރިކަން ކުރައްވާފައިވަނީވެސް ސިސީ އެވެ.

- ކޮމެންޓް