ކ. މާލެ
|
15 ޖެނުއަރީ 2018 | ހޯމަ 09:18
އަބޫ ދާބީގެ ވަލީއަހުދު ޝެއިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން
އަބޫ ދާބީގެ ވަލީއަހުދު ޝެއިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން
ރޮއިޓަރސް
ގަތަރު މައްސަލަ
ޤަތަރުގެ ޝާހީ އާއިލާގެ ބޭފުޅަކު ނުރުހުމުގައި ޔޫއޭއީގައި ބަންދުކުރި ކަމަށް ބުނެފި
ސައުދީ އަރަބިއްޔާގެ ނިންމުމާ އެއްގޮތަށް ޔޫއޭއީން ވަނީ ގަތަރާ ގުޅުން ކަނޑާލާފައި
ޝެއިޚް އަބްދުﷲ ބިން އަލް ޘާނީއަކީ ޤަތަރުގެ މިހާރުގެ އަމީރުގެ ބޮޑުބޭބޭފުޅެއް

ޤަތަރުގެ ޝާހީ ބޭފުޅަކު އެކުވެރި އަރަބި އިމާރާތުގައި ނުރުހުމުގައި ބެހެއްޓެވިކަމަށް ވިދާޅުވެއްޖެއެވެ. މިދިޔަ އަހަރު ޤަތަރުގެ މައްސަލަ ފެންމަތިވުމުން ސައުދީ އަރަބިއްޔާއާއިއެކު މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގެންނެވި ޝެއިޚް އަބްދުﷲ ބިން އަލް ޘާނީ އެ ތުހުމަތު ކުރައްވާފައިވަނީ އާދީއްތަ ދުވަހު ޔޫޓިއުބުގައި ޢާއްމު ކުރެއްވި ވީޑިއޯއެއްގައެވެ.

އޭނާ ވިދާޅުވިގޮތުގައި އޭނާ ހިފަހައްޓަވާފައި ހުރީ އަބޫދާބީގެ ވަލީއަހުދެވެ. އަދި އޭނާއަށް ކަމެއް ދިމާވި ނަމަ އެކަމުގެ ފުރިހަމަ ޒިންމާ ވަލީއަހުދު ނަންގަވަން ޖެހިވަޑައިގަންނަވާނެއެވެ.

ޔޫއޭއީގެ އޮފިޝަލަކު ވަނީ އެ ތުހުމަތު ދޮގު ކުރައްވާފައެވެ.

ޤަތަރުގެ މިހާރުގެ އަމީރުގެ ބޮޑުބޭބޭފުޅެއް ކަމަށްވާ ޝެއިޚް އަބްދުﷲ ބިން އަލް ޘާނީ ޔޫއޭއީ އާއި ބެހޭގޮތުން ދެއްވާފައިވާ މި ވީޑިއޯ ބަޔާން ދެއްވާފައިވަނީ ސީދާ ކެމެރާއަށް ބައްލަވައިގެންނެވެ.

"އަޅުގަނޑު މިވަގުތު މި ހުރީ އަބޫދާބީގައި،ޝެއިޚް މުހައްމަދުގެ މެހެމާންދާރީގައި ،އެކަމަކު މިއީ މެހެމާންދާރީ ދޭ ގޮތެއް ނޫން. އޭގެ ބަދަލުގައި މި ހުރެވެނީ ބަންދެއްގައި. އެމީހުން ވަނީ އެއްވެސް ތަނަކަށް ނުދިއުމަށް އަންގާފަ" އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވަނީ"އަޅުގަނޑު ބޭނުން ދަންނަވާލަން، އަޅުގަނޑަށް އެއްވެސް ކަމެއް ވެއްޖެނަމަ،އެއީ ޤަތަރުގެ މައްސަލައެއް ނޫން"

އަބޫދާބީގެ އެޑިއުކޭޝަން ޑިޕާޓްމަންޓް އަދި ކައުންޓަރ އެކްސްޓްރީމިޒަމް ސެންޓަރގެ ވެރިޔާ އަލީ ރާޝިދް އަލް ނުއައިމިވަނީ ޝެއިޚް އަބްދުﷲ ހުންނެވީ ބަންދެއްގައި ނޫން ކަމަށާއި ބޭނުންފުޅު ވަގުތަކު ވަޑައިގަންނަވަންވީ ކަމަށް ވިދާޅުވެ ސިލްސިލާ ޓްވީޓްތަކެއް ކުރައްވާފައެވެ.

ޤަތަރުގެ ހައްޖުވެރިން ސައުދީއަރަބިއްޔާއަށް ހުއްދަދިނުމާ ބެހޭގޮތުން ކުރިޔަށް ގެންދިޔަ ވާހަކަތަކުގައި ޤަތަރުގެ ފަރާތުން ހުންނެވީ ޝެއިޚް އަބްދުﷲ އެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް