ކ. މާލެ
|
14 ޖެނުއަރީ 2018 | އާދީއްތަ 12:02
މިސްރުގެ އުތުރު ސައިނާގެ އަވަށެއްގައި މިސްރުގެ އަސްކަރިއްޔާގެ ހެލިކޮޕްޓަރަކާއި އަސްކަރީ ވެހިކަލެއްގައި މިސްރުގެ ސިފައިން ފޯރިމަރަނީ (ފައިލް)
މިސްރުގެ އުތުރު ސައިނާގެ އަވަށެއްގައި މިސްރުގެ އަސްކަރިއްޔާގެ ހެލިކޮޕްޓަރަކާއި އަސްކަރީ ވެހިކަލެއްގައި މިސްރުގެ ސިފައިން ފޯރިމަރަނީ (ފައިލް)
އޭޕީ
މިސްރުގައި ކުއްލި ހާލަތު
މިސްރުން އުތުރު ސައިނާގައި ކާފިއު އިއުލާންކޮށްފި
ކާފިއު ހިންގާފައިވާ ސަރަހައްދުތަކުގެ ތެރޭގައި ޣައްޒާ އާ ގުޅޭ ރަފާ ބޯޑަރު ހުންނަ އަވަށާއި، އަލް-އާރިޝް އަވަށް ހިމެނޭ
ރަފާ ބޯޑަރު ހުންނަ އަވަށުގައި ރޭގަނޑު 7 ން ހެނދުނު 6 އަކަށް ކާފިއު ހިންގާނެ
ކުއްލި ހާލަތުގެ މުއްދަތު ނިމެންދެން ކާފިއު ދެމިއޮންނާނެ

މިސްރުން އުތުރު ސައިނާގެ ބައެއް ސަރަހައްދުތަކުގައި ކާފިއު އިއުލާންކޮށްފި އެވެ.

މިސްރުގެ ސަރުކާރުގެ ރަސްމީ ގެޒެޓްގައި ވަނީ، އެގައުމުގައި އިއުލާން ކޮށްފައިވާ ކުއްލި ހާލަތުގެ މުއްދަތު އިތުރު ކުރުމާއެކު، އުތުރު ސައިނާގެ ބައެއް ސަރަހައްދުތަކުގައި ހޮނިހިރު ދުވަހުން ފެށިގެން ކާފިއު ހިންގަން ފަށާފައިވާ ކަމަށެވެ.

ކާފިއު އިއުލާންކޮށްފައިވާ ސަރަހައްދުތަކުގެ ތެރެއިން ފަލަސްތީނުގެ ޣައްޒާ އާއި މިސްރު ގުޅޭ ރަފާ ބޯޑަރު ހުންނަ އަވަށުގައި ރޭގަނޑު ހަތަކުން ހެނދުނު ހަ އަކާއި ދެމެދު، އަދި ސައިނާގެ އަލް-އާރިޝް އަވަށުގައި މެންދަމު އެކަކުން ފަތިހު ފަހެއް ޖެހުމާ ދެމެދު ކާފިއު ހިންގާނެ އެވެ.

މިސްރުގައި ޓެރަރިޒަމްގެ ނުރައްކަލާއި ކުރިމަތިލުމަށާއި، ޓެރަރިޒަމަށް ޚަރަދު ކުރާ ފަރާތްތަކާއި ދެކޮޅަށް ހިންގާ އޮޕަރޭޝަނަށް އެހީތެރިވުމުގެ ގޮތުން ކަމަށް ބުނެ، އެގައުމުގެ ސަރުކާރުން ވަނީ ކުއްލި ހާލަތުގެ މުއްދަތު އިތުރު ތިން މަސް ދުވަހަށް އިތުރު ކުރުމަށް މިދިޔަ ހަފްތާގައި ނިންމާފައެވެ.

މިސްރުގެ އުތުރު ސައިނާ ސަރަހައްދުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރިންނާއި ދެކޮޅަށް މިސްރުގެ އަސްކަރިއްޔާ އިން ދެކޮޅަށް އޮޕަރޭޝަންތައް ފަށާފައިވާތާ އަހަރުތަކެއް ވަނީވެފައެވެ. ސައިނާގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންގެ ހަމަލާތަކުގައި މިސްރުގެ ސަލާމަތީ ބާރުތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުންގެ އިތުރުން އާއްމުންގެ ގިނަ ބަޔަކު މަރުވެފައިވެއެވެ.

އުތުރު ސައިނާގެ މިސްކިތަކަށް މިދިޔަ ނޮވެމްބަރު މަހު ހަނގުރާމަވެރިން ދިން ހަމަލާއެއްގައި 300 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، މިހަމަލާ އަށްފަހު މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް-ސިސީ ވަނީ، ހަނގުރާމަވެރިންގެ ހަރަކާތްތައް ހުއްޓުވުމަށް މިސްރުގެ އަސްކަރިއްޔާ އަށް ތިން މަސް ދުވަހުގެ މުހުލަތެއް ދީފައެވެ.

މިސްރު ސަރުކާރުގެ ގެޒެޓުގައިވާ ގޮތުން، އުތުރު ސައިނާގައި ހިންގާ ކާފިއު، ކުއްލި ހާލަތުގެ މުއްދަތު ނިމެންދެން ދެމިއޮންނާނެއެވެ.

- ކޮމެންޓް