ޕާކިސްތާނުގެ ކަސޫރުގައި ވަގަށް ނަގައި ރޭޕްކޮށް މަރާލެވުނު ޒައިނަބްގެ ގާތިލުކަމަށް ފުލުހުން އެންމެ ބޮޑަށް ތުހުމަތުކުރާ މީހާގެ އައު ވީޑިއޯ ފުޓޭޖެއް ޕަންޖާބުގެ ފުލުހުން ހޮނިހިރުދުވަހު ޢާއްމުކޮށްފިއެވެ.
ޒައިނަބް ގެއްލިފައިވަނީ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހު އޭނާގެ މައިފުށުގެ ބޮޑުދައިތަގެ ގެއަށް ގުރުއާން ކިޔަވަން ދަނިކޮށެވެ. ޒައިނަބް ވަގަށްނަގާފައި ވަނީ އޭނާގެ ގެއާއި ދުރުނޫން ހިސާބެއްގައި ހުންނަ އެ ގެއަށް ދަނިކޮށްކަމަށް ވަނީ ބެލެވިފައެވެ.
އޭނާ ގެއްލުނުތާ ފަސްދުވަސް ފަހުން ޖެނުއަރީ މަހުގެ ނުވަ ވަނަ ދުވަހުފެނިފައި ވަނީ މަރާލައި ކުނިގޮޑަށް އެއްލާލައިފައި އޮއްވަ އެވެ.
އަލަށް ހާމަކުރި ވީޑިއޯގައި، ޒައިނަބް ރޭޕްކޮށް މަރާލި ގާތިލުކަމަށް ބެލެވޭ މީހާ ޒައިނަބްގެ ގެ ހުންނަ މަގުން ހިނގާފައިދެއެވެ.
އޭނާ ހުރީ ގަދަ ކުލައެއްގެ ތޮތްޕެއް އަޅައިގެން ފެންނަ ފެނުމަށް އަޅިކުލައިގެ ދިގު ކުރުތާއަކާއެކު މުށިކުލައިގެ ޖެކެޓެއް ލައިގެންނެވެ.
ފުލުހުންވަނީ މިހާތަނަށް ބެލިބެލުމުން އޭނާއަކީ މި މައްސަލައާއި ގުޅުމެއްވާކަމަށް ފެނުނު ހަމައެކަނި ފަރާތްކަމަށް ބުނެފައެވެ.
ފުލުހުންވަނީ އަލަށް މި ލިބުނު ވީޑިއޯއަކީ ކުރިން ލިބިފައިވާ ވީޑިއޯއަށްވުރެ ސާފު ވީޑިއޯއެއްކަމުން މިއީ މި މައްސަލައިގައި އިތުރަށް ކުރިޔަށް ދިއުމަށް އެހީވެދޭނެ ކަމެއްކަމަށް ބުނެފައެވެ.
ޑީއެންއޭ ޓެސްޓްތަކަށްފަހު ހުކުރު ދުވަހު ފުލުހުންވަނީ މި ޑިސްޓްރިކްޓްގައި މީގެ ކުރިން ހިނގާފައިވާ ރޭޕްގެ ހަތް މައްސަލައެއްގައިވެސް ޝާމިލްވަނީ މިފަހަރުގެ ޑީއެންއޭއިންވެސް ދައްކަ މީހާކަމަށް ކަށަވަރުކޮށްދީފައެވެ.