އިންޑިއާ ގައި ސްކޫލް ކުދިންތަކެއް އަރުވައިގެން ދަތުރު ކުރަމުން ދިޔަ ބޯޓެއް މުމްބާއީގެ އައްސޭރިފަށާ ދިމާލުން ބަންޑުން ޖަހައިފިއެވެ.
ބޯޓުން 40 ކުދިން ދަތުރު ކުރި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައިވެއެވެ.
ކުދިން ސަލާމަތް ކުރުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި 32 ކުދިން މިހާތަނަށް ސަލާމަތް ކުރެވިފައިވާ ކަމަށާއި އަދި ދެ ކުއްޖެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.
ޓައިމްސް އޮފް އިންޑިއާ އިން ބުނެފައިވާ ގޮތުގައި ބޯޓަށް ނުތަކާ ވަރަށް ބޯޓަށް ކުދިން އަރުވާފައިވެއެވެ. އަދި ކުދިން ތިބީ ލައިފް ޖެކެޓް ނާޅާ ކަމަށް ވެސް މި ޚަބަރުގައި ބުނެފައިވެއެވެ.
ބޯޓު އަރި އަޅާލި ކަމަށް އެންޑީޓީވީން ބުނީ، ސެލްފީ ނެގުމަށް ގިނަ އަދަދެއްގެ ކުދިން ބޯޓުގެ އެއްފަރާތައް އެއްފަހަރާ ޖެހުމުގެ ސަބަބުން ކަމަށެވެ.
އިންޑިއާގެ ކޯސްޓް ގާޑުން މި ހާދިސާގައި 2 ކުއްޖަކު މަރުވެފައިވާކަން ހާމަކޮށްފައިވާ އިރު، އިންޑިއާގެ ރައީސް ރާމް ކޯވިންދު ވަނީ ހާދިސާ މަރުވި ކުދިން ނިސްބަތްވާ އާއިލާ ތަކަށް ތައުޒިއާ ފޮނުއްވާފައެވެ.
Anguished to hear of boat carrying schoolchildren capsizing in Dahanu, Maharashtra. State government has rescued most of the passengers and is making efforts to trace those still missing. My condolences to bereaved families #PresidentKovind
— President of India (@rashtrapatibhvn) January 13, 2018
ޖާގަ އަށް ވުރެ އިތުރަށް ފަސިންޖަރުން އެރުވުމާއި، ސަލާމަތީ ކަންކަމަށް ފަރުވާލެއް ނުބެހެއްޓުމުގެ ސަބަބުން އިންޑިއާގައި މިފަދަ އެކްސިޑެންޓްތައް ގާތްގާތުއި ހިނގަމުންދާ ކަން ފާހަގަ ކުރެވެއެވެ.
މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އަންދްރަ ޕްރަދޭޝް އާ މާދުރުނޫން ހިސާބެއްގައި ބޯޓެއް ބަންޑުން ޖަހާލުމުގެ ސަބަބުން 16 މީހުން ގެނބުނު ކަމަށް ވަނީ ރިޕޯޓު ކުރެވިފައެވެ.
އިންޑިއާގައި ހޮނިހިރު ދުވަހު ހިނގި އެހެން ހާދިސާ އެއްގައި މުމްބާއީ އާ ދިމާލުން ކަނޑަށް ހެލިކޮޕްޓަރެއްގެ ވެއްޓި މަދުވެގެން 3 މީހުން އެ ހާދިސާގައި މަރުވެއްޖެ ކަމަށް ޚަބަރުތައް ބުނެއެވެ. ހެލިކޮޕްޓަރުގައި ދަތުރު ކުރީ އިންޑިއާގެ ތެޔޮ ކުންފުންޏެއް ކަމަށްވާ އޯ.އެން.ޖީ.ސީ. ގެ މުވައްޒަފުން ކަމަށްވެސް އިންޑިއާގެ މީޑިއާ އިން ހާމަ ކޮށްފައި ވެއެވެ.