5 ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާދިއްތަ ދުވަހު އިންޑިއާއަށް ވަޑައިގަންނަވާނެއެވެ.
ނަތަންޔާހޫ އިންޑިއާއަށް މިވަޑައިގަންނަވަނީ، ޤުދުސް އަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ބަލައިގަތުމަށް އެމެރިކާއިން ނިންމި ނިންމުމާއި ދެކޮޅަށް އދގެ އާއްމު މަޖަލީހުގައި ފާސްކުރި ޤަރާރާއި އެއްކޮޅަށް ވޯޓުދީ، ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށް އިސްރާއީލުން ހިންގާ އަމަލުތަކަށް އިންޑިއާއިން ފާޑުކިޔާފައިވަނިކޮށެވެ.
މިމައްސަލައިގައި ނަތަންޔާހޫ ވިދާޅުވީ އިންޑިއާއަށް ހިތްބުރަކަމެއް ނެތްކަމަށާއި، މި ތާރީޚީ ދަތުރުފުޅުން ދެޤައުމުގެ ގުޅުންތައް ރަނގަޅުވާނެ ކަމަށެވެ.
"ހަޤީގަތުގައި އަޅުގަނޑު ބޭނުން އިންޑިއާއިން އެނޫން ގޮތަކަށް އެމައްސަލައިގައި ވޯޓު ދޭން. އެހެން ނަމަވެސް ވޯޓުގެ ސަބަބުން އިންޑިއާއާއި އިސްރާއީލާއި ދެމެދު އޮތް ގުޅުމަށް ބުރުލެއް އަރާފާނެ ކަމަށް ނުދެކެން،" އިންޑިއާއިން ޤުދުސްގެ މައްސަލައިގައި ދިން ވޯޓާއި ބެހޭ ގޮތުން ނަތަންޔާހޫ ބުދަ ދުވަހު ވިދާޅުވިއެވެ.
ޤުދުސްގެ މައްސަލައިގެ އިތުރުން، ދާދިފަހުން އިންޑިއާ އާއި އިސްރާއީލާއި ދެމެދު އޮތް ބައި ބިލިއަން ޑޮލަރުގެ އަގުހުރި ހަތިޔާރު އެއްބަސްވުމެއް ކެންސަލް ކުރި މައްސަލަ ވެސް ނޫސްވެރިން ވަނީ ފާހަގަ ކޮށްފައެވެ. ނަތަންޔާހޫ ވިދާޅުވީ އެކަން އެމަގުން ހިނގާފައި އޮތް ނަމަވެސް، އިޤްތިޞާދީ ގޮތުން ދެޤައުމުގެ ގުޅުން ކުރިއަށް އޮތްތަނުގައި ބަދަހިވެގެން ދާނެ ކަމަށެވެ.
ނަތަންޔާހޫގެ ދަތުރުފުޅުގެ ކުރިން، ޤުދުސްގެ މައްސަލައިގައި އިސްރާއީލާއި އެމެރިކާއާއި ދެކޮޅަށް އިންޑިއާގެ އެކި ސަރަހައްދުތަކުގައި ބޮޑެތި މުޒާހަރާތައް ކޮށްފައިވެއެވެ.
އިންޑިއާގެ ބޮޑުވަޒީރަކު އިސްރާއީލަށް ކުރެއްވި ފުރަތަމަ ޒިޔާރަތުގައި މޯދީ ވަނީ މިިދިޔަ އަހަރުގެ ޖުލައި މަހު އެޤައުމަށް ވަޑައިގެންފައެވެ.
އިންޑިއާގެ ޚާރިޖިއްޔާއިން ބުނާ ގޮތުގައި ނަތަންޔާހޫގެ މި ދަތުރުފުޅަކީ މިމަހުގެ 14 އިން 19 އަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. އަދި މިއީ އިސްރާއީލުގެ ބޮޑުވަޒީރަކު އިންޑިއާއަށް ކުރައްވާ ދެވަނަ ރަސްމީ ދަތުރުފުޅެވެ.