މަސްވެރިކަމަށް ނުކުތް ފަހުން ޚަބަރެއް ނުވެގެން މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދަމުން ދިޔަ "ނޫރު" ދޯނި ފެނިއްޖެއެވެ.
އެމްއެންޑީއެފް އިން ބުނީ އެގާރަ މީހުންނާއެކު މަސްވެރިކަމަށް ނުކުތް ދޯންޏާއި ބުރާސްފަތި ދުވަހުގެރޭ 09:00 ހާއިރު ގުޅުނު އިރު އެ ދޯނި އޮތީ ކ. ދިއްފުށީ ބޮޔާ ހިސާބުގައި ކަމަށެވެ. އަދި މި ދޯނިން ދަތުރުކުރި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށާއި މި ދޯންޏާއި ނުގުޅުނީ ބޭރުގައި މަސްވެރިކަން ކުރަން އުޅުމުގެ ސަބަބުން ކަމުގައި ދޯނީގެ ކެޔޮޅު އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.
ދިވެހިރާއްޖޭގެ ހުރިހާ އޮޑިވެރިންނާއި ކެޔޮޅުންނާއި އަދި ފަޅުވެރިންނާއި ޖުމްލަކޮށް ހުރިހާ މަސްވެރިން، އެމީހުން މަސްވެރިކަމުގައި ހޭދަކުރާ ވަގުތު އާއިލާއަށް ގުޅައި އެމީހުންނަށް ޚަބަރުތައް ހިއްސާކުރުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އިލްތިމާސް ކޮށްފައެވެ.
ހަމަ އެހެންމެ ޚަބަރެއް ނުވެ ފާއިތުވެގެންދާ ދުވަސްތަކަކީ އާއިލާއަށް ވަރަށް ބޮޑެތި އުނދަގޫތައް ތަހައްމަލު ކުރަންޖޭ ވަގުތުތަކަކަށް ވާތީވެ، މަސްވެރިންނާއި އޮޑިވެރިންނާއި ކެޔޮޅުން އެމީހުންގެ އާއިލާތަކަށް ނުތަނަވަސްކަން ތައްހައްމަލުވިޔަ ނުދީ އެހީތެރި ވެދެއްވުމަށްވެސް އެމްޑީއެފް އިން އިލްތިމާސް ކުރިއެވެ.
މަސް ދޯނިފަހަރު ޚަބަރެއް ނުވުމުގެ މަސައްލައަކީ އެމްއެންއެންޑީ އެފް ކޯސްޓްގާޑުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން ގެންދާ ކަމެއް ކަމަށާއި އުޅަނދެއް ޚަބަރެއް ނުވެގެން ހޯދުމަށްޓަކައި އެމްއެންޑީއެފުން ކުރާ މަސައްކަތްތަކުގައި ވަރަށް ގިނަ ވަސީލަތްތަކެއް ބޭނުންކުރަން ޖެހޭ ކަމަށް އެ ފަރާތުން ވަނީ ހާމަކޮށްފައެވެ.