ކ. މާލެ
|
12 ޖެނުއަރީ 2018 | ހުކުރު 16:40
އުއްތަމަ ފަނޑިޔާރާއި ދެކޮޅަށް ތެދުވެ، މީޑިއާއާއި ބައްދަލުކުރެއްވި 4 ފަނޑިޔާރުން
އުއްތަމަ ފަނޑިޔާރާއި ދެކޮޅަށް ތެދުވެ، މީޑިއާއާއި ބައްދަލުކުރެއްވި 4 ފަނޑިޔާރުން
ދި ހިންދޫ
އިންޑިއާގެ ސުޕްރީމް ކޯޓު
އިންޑިއާގެ ސުޕްރީމް ކޯޓުގެ 4 ފަނޑިޔާރަކު އުއްތަމަ ފަނޑިޔާރާއި ދެކޮޅަށް ތެދުވެވަޑައިގެންފި!
މިއީ އިންޑިއާގެ ތާރީޚުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މީޑިއާއާއި ބައްދަލުކުރެއްވި ފުރަތަމަ ފަހަރު
އުއްތަމަފަނޑިޔާރު މައްސަލަތަކުގެ ނިޔާ އަށް ނުފޫޒު ފޯރުވާކަމަށް ތުހުމަތުކުރެއްވި
ޑިމޮކްރަސީ ނެތިދާނެކަމުގެ ބިރު އެބައޮތް

އިންޑިއާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އެޤައުމުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މީޑިއާއާއި ބައްދަލުކުރައްވައި، އުއްތަމަ ފަނޑިޔާރާއި ދެކޮޅަށް ވާހަކަ ދައްކަވައިފިއެވެ.

އުއްތަމަ ފަނޑިޔާރު ދީޕަކް މިޝްރާ، ފަނޑިޔާރުންނަށް މައްސަލަތައް ހަވާލުކުރައްވަނީ ނާއިންސާފުންކަމަށް ތުހުމަތު ކުރައްވަނީ ނުފޫޒުގަދަ 4 ފަނޑިޔާރެކެވެ. 

އެ 4 ފަނޑިޔާރުންނަކީ، ފަނޑިޔާރު ރަންޖަން ގޮގޯއީ، ފަނޑިޔާރު މަދަން ލޮކޫރު، ފަނޑިޔާރު ކޫރިއަން ޖޯސެފް އަދި ފަނޑިޔާރު ޗެލަމެސްވަރެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވިދާޅުވީ ޑިމޮކްރަސީ އޮތީ ނުރައްކަލުގެ ތެރޭގައިކަމަށެވެ. ފަނޑިޔާރުން ވިދާޅުވީ މައްސަލަތައް ފަނޑިޔާރުންނާއި ޙަވާލުކުރުމުގައި އުއްތަމަ ފަނޑިޔާރު ހިތްޕުޅަށް އަރާވަޑައިގެންނެވި ގޮތަކަށް ކަންތައް ކުރެއްވުމުގެ ބަދަލުގައި، ކޯޓުގެ ނިޒާމުގެ ތެރެއިން އެކަން ނުކުރައްވައިފިނަމަ އިންޑިއާގައި ޑިމޮކްރަސީ ނެތި ހިނގައިދާނެކަމަށެވެ.

ޕްރެސް ކޮންފަރެންސެއް ބޭއްވުމުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަނީ މިމައްސަލައިގައި ބަޔާނެއްވެސް ނެރުއްވާފައެވެ. މި ބަޔާނުގައި އުއްތަމަ ފަނޑިޔާރަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވާއިރު، މައްސަލަތަކުގެ ނިޔާ ކަނޑައަޅާއިރު އެނިޔާއަށް ނުފޫޒު ފޯރުވުމަށް އުއްތަމަ ފަނޑިޔާރަށް ފުރުސަތު ލިބޭ ގޮތަށް މައްސަލަ ބަލާ ބެންޗްތައް އެކުލަވާލައްވާކަމަށް ތުހުމަތުކޮށްފައިވެއެވެ. އަދި ދުރު މުސްތަޤްބަލުގައި އެކަމުގެ ހިތި ނަތީޖާ ނިކުންނަފަދަ މައްސަލަތައް އުޞޫލުން ބޭރުން ނިންމަމުންދާކަމަށް ފަނޑިޔާރުން ތުހުމަތުކުރެއެވެ.

ފަނޑިޔާރުން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ދުވަހަކުވެސް މީޑިއާއާއި ބައްދަލުނުކުރިނަމަވެސް، ފުރަތަމަ ފަހަރަށް މީޑިއާއާއި ބައްދަލުކުރަން ޖެހުނީ އެބޭފުޅުންގެ ކަންބޮޑުވުންތަކަށް އުއްތަމަ ފަނޑިޔާރު ބީރު ކަންފަތެއް ދެއްވުމުންކަމަށެވެ. 

މައްސަލަތައް ފަނޑިޔާރުންނާއި ހަވާލުކުރާ ގޮތުން ކަންބޮޑުވުން ފާޅުކުރެއްވިނަމަވެސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އެއީ ކޮން މައްސަލަތަކެއްކަމެއް ވިދާޅެއް ނުވެއެވެ. އެހެން ނަމަވެސް އިންޑިއާގެ ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މީޑިއާއާއި ހިސާބަށް ނިކުމެވަޑައިގަންނަވަން ޖެހުނީ ދާދި ފަހުން ފެންމަތިވި ހައިކޯޓުގެ ކުރީގެ ފަނޑިޔާރެއްގެ ކޮރަޕްޝަންގެ މައްސަލަ ބަލާ ބެންޗް އެކުލަވާލި ގޮތާއި މެދު ހިތްހަމަނުޖެހިގެންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މީޑިއާއާއި ބައްދަލުކުރުމާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ލޯ މިނިސްޓަރ ރަވީ ޝަންކަރު ޕްރަސާދު އާއިއެކު ކުއްލި ބައްދަލުވުމެއް ބާއްވަވާފައެވެ. އަދި އިދިކޮޅު ކޮންގްރެސް ޕާޓީއިންވެސް ވަނީ އެމައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. 

- ކޮމެންޓް