'ޝިޓްހޯލް' ޤައުމުތަކުން ހިޖުރަކުރާ މީހުން ބޭނުން ނޫންކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އެމެރިކާގެ އިމިގްރޭޝަން ޤާނޫންތަކަށް ޓަރަމްޕް ބޭނުންވެވަޑައިގަންނަވާ އިސްލާހުތައް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކޮންގްރެސްގެ ޑިމޮކްރެޓިކް ޕާޓީއާއި ރިޕަބްލިކަން ޕާޓީގެ މެމްބަރުންނާއި އެކު އޯވަލް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ކެރީބިއަންގެ ފަޤީރު ޤައުމުތަކާއި އެފްރިކާގެ ޤައުމުތަށް ފަދަ "ދަށު ދަރަޖައިގެ" ޤައުމުތަކުން އެމެރިކާއަށް ހިޖުރަކުރާ މީހުން ބޭނުން ނޫންކަމަށެވެ. އަދި އެމެރިކާއިން ބޭނުންވަނީ ނޯވޭފަދަ ޤައުމުތަކުން ހިޖުރަކުރާ މީހުންކަމަށެވެ.
ޓްރަމްޕް މިހެން ވިދާޅުވުމުން އެތަނުގައި އެވަގުތު ތިއްބެވި ކޮންގްރެސް މެމްބަރުންނަށް ޙައިރާންކަން ލިބި، ސިހިވަޑައިގަތްކަމަށް ރިޕޯޓްތައް ބުނެއެވެ.
ކޮންްގްރެސްގެ މެމްބަރުންނާއިއެކު އެކަހެރިކޮށް ބޭއްވި ބައްދަލުވުމުގައި ދެކެވުނު ވާހަކަތައް މީޑިއާއަށް ލީކްވިކަން ޓްރަމްޕްއަށް އެނގިވަޑައިގަތީ މަރޓިން ލޫތަރ ކިންގް ޑޭ ފާހަގަކުރެއްވުމަށް ވީޑިއޯ މެސެޖެއް ރެކޯޑްކުރައްވަނިކޮށެވެ. އަދި އެމަނިކުފާނު ދެއްކެވި ވާހަކަތައް މީޑިއާތަކުން މާބޮޑުކޮށްލައިގެން އުޅެނީކަމަށް ޓްރަމްޕް ވިދާޅުވިކަމަށްވެއެވެ.
"ދަށް ފެންވަރުގެ ޤައުމުތަކުން" ހިޖުރަކުރާ މީހުން އެމެރިކާއަށް ބޭނުން ނުވާކަމަށް ޓްރަމްޕް ވިދާޅުވުމާއި ގުޅިގެން ވައިޓްހައުސްގެ ތަރުޖަމާނު ރާޖް ޝާހް ވިދާޅުވީ ޓްރަމްޕް މަސައްކަތްކުރައްވަނީ އެމެރިކާގެ އިޤްތިޞާދަށް އެބައެއްގެ ސަބަބުން ފައިދާކުރާނެ ބަޔަކު އެޤައުމަށް ހިޖުރަކުރުމަށްކަމަށެވެ. އަދި ފަޤީރު ޤައުމުތަކަށް ނިސްބަތްކުރައްވައި "ޝިޓް ހޯލް" ޤައުމުތަކޭ ވިދާޅުވިކަމަށް ދެކެވޭ ވާހަކަތައް ވައިޓް ހައުސްއިން ދޮގުކޮށްފައެއް ނުވެއެވެ.
ޓްރަމްޕް މިވާހަކަތައް ދެއްކެވިއިރު، ކޮންގްރެސްގެ މެމްބަރުންގެ އިތުރުން އެމަނިކުފާނުގެ ޚާއްސަ މުޝީރު ސްޓީވަން މިލަރ އާއި ވައިޓް ހައުސް ޗީފް އޮފް ސްޓާފް ޖެނެރަލް ޖޯން ކެލީވެސް އޯވަލް އޮފީހުގައި ތިއްބެވިއެވެ.
އެމެރިކާއަށް އެފްރިކާ ބައްރާއި މެދުއިރުމަތިން، ޚާއްސަކޮށް އިސްލާމީ ޤައުމުތަކާއި ފަޤީރު ޤައުމުތަކުން މީހުން ހިޖުރަކުރާ މައްސަލައިގައި ޓްރަމްޕް އަބަދުވެސް ހިތްހަމަނުުޖެހުން ފާޅުކުރައްވައެވެ. އަދި އެމެރިކާއަށް މުސްލިމުން ވަނުން މަނާކުރުމަށް ޓްރަމްޕް އަމުރު ނެރުއްވިނަމަވެސް، އެމެރިކާގެ ކޯޓުތަކުން އެންމެ ފުރަތަމަ އެއަމުރު ބާޠިލްކުރިއެވެ. އެހެން ނަމަވެސް ފަހުންވެސް ޓްރަމްޕް ވަނީ އެފަދަ އަމުރެއް ނެރުއްވާފައެވެ.