ކ. މާލެ
|
12 ޖެނުއަރީ 2018 | ހުކުރު 14:22
އިސްރާއީލުގެ ބޯޑަރު ކައިރީގައި ފަލަސްތީނުގެ ޒުވާނަކު އިސްރާއީލާ ދެކޮޅަށް އިހުތިޖާޖުކުރަނީ
އިސްރާއީލުގެ ބޯޑަރު ކައިރީގައި ފަލަސްތީނުގެ ޒުވާނަކު އިސްރާއީލާ ދެކޮޅަށް އިހުތިޖާޖުކުރަނީ
ރޮއިޓަރސް
ޤުދުސްގެ މައްސަލަ
އަނެއްކާ ވެސް ފަލަސްތީނުގެ ދެ ޒުވާނަކު ޝަހީދުކޮށްލައިފި
އިއްޔެ 16 އަހަރުގެ ކުޑަ ކުއްޖަކު ވެސް ޝަހީދުކޮށްލި
އިހުތިޖާޖްކުރި މީހުންނަށް ބަޑީގެ ހަމަލާތައް ދިން

އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީ ސިފައިންނާއި ފަލަސްތީނުގެ ޒުވާނުންނާ ދެމެދު ބުރާސްފަތި ދުވަހު ހިނގި ކުރިމަތިލުންތަކުގައި އިސްރާއީލުން ބަޑިޖަހައި ފަލަސްތީނުގެ ދެ ޒުވާނަކު ޝަހީދުކޮށްލައިފިއެވެ.

އެއް ޒުވާނަކު ޝަހީދުވެފައި ވަނީ ޣައްޒާގެ ބުރީޖު ރެފިއުޖީ ކޭމްޕްގެ އިރުމަތީގައި އިސްރާއީލާ ދެކޮޅަށް އިހުތިޖާޖުކުރަމުން ދަނިކޮށް، އިސްރާއީލް ސިފައިން އޭނާގެ މެޔަށް ބަޑި ޖެހުމުންނެވެ. އަދި ހުޅަނގު އައްސޭރީގައި ނާބުލްސްގެ ދެކުނުން އޮންނަ އަވަށެއް ކަމަށްވާ އިރާޤް ބުރީންގައި 16 އަހަރުގެ ކުޑަ ކުއްޖަކަށް އިސްރާއީލް ސިފައިން ދިން ބަޑީގެ ހަމަލާއަކަށް ފަރުވާ ދެމުންދަނިކޮށް ވަނީ މަރުވެފައެވެ.

ޣައްޒާގައި އިއްޔެ ހިނގި ހަމަނުޖެހުންތަކުގައި އިތުރު ތިން މީހަކަށް ވަނީ އަނިޔާވެފައެވެ. 

އިސްރާއީލް ސިފައިންގެ ތަރުޖަމާނަކު ބުނީ ޣައްޒާ އާއި އިސްރާއީލް ގުޅޭ ސަރަހައްދީ ރޮނގުގެ ދެ ސަރަހައްދަކަށް ފަލަސްތީނުގެ ޒުވާނުން އެއްވެ، އިސްރާއީލް ސިފައިންނާ ކުރިމަތިލާފާއި ވާކަަށެވެ. އަދި އެމީހުންގެ ފަރާތުން ނުރައްކަލެއް އޮތްކަމަށް ފެންނާތީ އިސްރާއީލް ސިފައިން ބަޑި ޖަހާފައިވާ ކަމަށެވެ. އެހެން ނަމަވެސް މެދުއިރުމަތީގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ފަލަސްތީނުގެ ޒުވާނުން އޮށްގައު އުކާއިރު، އޭގެ ސަބަބުން މާބޮޑު ބިރެއް ނެތް ނަމަވެސް އެމީހުންގެ ގަޔަށް ބަޑިޖެހުމަކީ އިސްރާއީލް ސިފައިންގެ އާދައެކެވެ.

ހުޅަނގު އައްސޭރީގައި ވެސް އިސްރާއީލް ސިފައިން ފަލަސްތީނުގެ ޒުވާނުންގެ ގަޔަށް ބަޑި ޖަހާފައި ވަނީ އެއްވެސް އިންޒާރެއް ދިނުމަކާ ނުލައެވެ.

ނިމުނު ހަފްތާތެރޭގައި ގޮތް ނޭނގޭ ބަޔަކު ޢިބްރީންގެ ދީނީ މީހަކަށް ދިން ބަޑީގެ ޙަމަލާއަކާ ގުޅިގެން ހުޅަނގު އައްސޭރީގައި ދިރިއުޅެމުންދާ އެތައް ހާސް ރައްޔިތުންނަކަށް އިސްރާއީލުން ވަނީ ދަތިކޮށްފައެވެ. އެގޮތުން ބޮޑެތި މަގުތައް ބަންދުކޮށް، ބައެއް އަވަށްތަކަށް ވަދެ ނިކުތުން ވަނީ މަނާކޮށްފައެވެ.

އެމީހާއަށް ޙަމަލާދީފައި ވަނީ ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިފާފައިވާ ބިންތަކުގައި ޖެނީވާ މުޢާޙަދާއާ ޚިލާފަށް އަޅާފައިވާ ގެތަކުގެ ތެރެއިން އޭނާ ދިރިއުޅޭ ގެ ކައިރީގައި ހުއްޓާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޤުދުސްއަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ބަލައިގަތުމަށް އެމެރިކާ އިން ނިންމުމާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު ހޫނުވެފައިވާއިރު، ކޮންމެ ދުވަހަކު ވެސް ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކު ނިކުމެ އިސްރާއީލާ ދެކޮޅަށް އިހުތިޖާޖުކުރަމުން ގެންދެއެވެ.

- ކޮމެންޓް