ޤަތަރުގެ ރަސްމީ ނިއުސް އެޖެންސީގެ ވެބްސައިޓާއި ސޯޝަލް މީޑިއާ އެކައުންޓްތައް ހެކްކޮށް، މެދުއިރުމަތީގެ މަސްލަހަތު ނަގާލާ ވާހަކަތައް އެޤައުމުގެ އަމީރު ދެއްކެވި ކަމަށް ބުނެ ޚަބަރު ފެތުރީ ގަލްފުގެ ޤައުމުތަކުން ކަމަށް ޤަތަރުން ބުނެފިއެވެ.
ޤަތަރު ޓީވީގައި ވާހަކަަ ދައްކަވަމުން އެޤައުމުގެ ޚާރިޖީ ވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަޙްމާން އަލް ޘާނީ ވިދާޅުވީ 2017 ވަނަ އަހަރު މިމައްސަލައިގައި ފެށި ތަހުޤީގުން ހާމަވާ ގޮތުގައި ވެބްސައިޓްތައް ހެކްކޮށް، ދޮގު ޚަބަރު ފެތުރީ ޤަތަރާ ދެކޮޅަށް މިހާރު ފިޔަވަޅު އަޅާފައިވާ ދެ ޤައުމަކުންނެވެ. އެހެން ނަމަވެސް އެއީ ކޮން ދެޤައުމެއް ކަން އެމަނިކުފާނު ވިދާޅެއް ނުވެއެވެ.
މިދިޔަ އަހަރު އަހަރުގެ މެއި 23 ވަނަ ދުވަހު ޤަތަރުގެ ރަސްމީ ނިއުސް އެޖެންސީ ހެކްކުރި ހެކަރުން ޕޯސްޓް ކޮށްފައިވާ ޚަބަރުތަކުގައި ބުނާ ގޮތުގައި ޤަތަރުގެ އަމީރު ވަނީ ޙަމާސް ޖަމާއަތާއި ހިޒްބުﷲ ޖަމާޢަތާ އެއްކޮޅަށް ވާހަކަ ދައްކަވާފައެވެ. އަދި އެމެރިކާއަށާއި ސަޢޫދީއަށް ފާޑުވިދާޅުވެފައެވެ. އެހެންނަމަވެސް ޤަތަރުން އެވެބްސައިޓް ހެކްކޮށްފައިވާ ކަމަށް ބުނެ، އަމީރު އެފަދަ ވާހަކަތަކެއް ނުދައްކަވާ ކަމަށް ބުނި ނަމަވެސް ސަޢޫދީ އާއި ގަލްފްގެ އެހެން ޤައުމުތަކުން އެވާހަކަތައް ޤަބޫލުނުކޮށް، ޤަތަރާ ދެކޮޅަށް ފިޔަވަޅު އެޅިއެވެ.
އަދި ޔޫއޭއީ އާއި ސަޢޫދީ ޢަރަބިއްޔާ އިން ޤަތަރުގެ އަލްޖަޒީރާ ވެބްސައިޓް އެޤައުމުތަކުގައި ބްލޮކްކޮށް، އަލްޖަޒީރާ ޓީވީ ޗެނަލް ވެސް ބްލޮކްކުރިއެވެ. ސަޢޫދީ އާއި ޔޫއޭއީ އިސްވެ އޮވެ، ބަޙްރައިނާއި މިސްރު އަދި ދިވެހިރާއްޖެއިން ވަގުތުން ޤަތަރާ އެކު އޮންނަ ސިޔާސީ ގުޅުން ވެސް ކަނޑާލިއެވެ.
މީގެ ކުރިން ވެސް ޤަތަރުން ވަނީ ހެކްކުރުމުގެ ފަހަތުގައި ވަނީ ޔޫއޭއީ ކަމަށް ބުނެ، އެޤައުމަށް ބަހުގެ ޙަމަލާތައް ދީފައެވެ.
ހެކްކުރުމުގެ ތަހުޤީޤަށް އެމެރިކާގެ އެފްބީއައިގެ އެހީތެރިކަން ޤަތަރުން ހޯދާފައިވެއެވެ.
ޤަތަރުން ބުނާ ގޮތުގައި އެޤައުމުގެ ރަސްމީ ނިއުސް އެޖެންސީގެ ވެބްސައިޓް ހެކްކުރުމުގެ ކުރިން ޤަތަރުން ޙިމާޔަތް ހޯދި ޔޫއޭއީގެ އަންހެނެއްގެ މައްސަލައިގައި ޤަތަރާއި ޔޫއޭއީއާ ދެމެދު މައްސަލަ ގޯސްވިއެވެ. އެގޮތުން ޔޫއޭއީގެ ސަރުކާރަށް ފާޑުކިޔަމުން ދިޔަ މީހެއްގެ އަނބިމީހާ ޤަތަރުގައި ހުއްޓައި، އެމީހާ އަނބުރާ ފޮނުވައިދިނުމަށް ޔޫއޭއީ އިން އެދުނު އެދުމަށް ޤަތަރުން އެއްބަސްނުވިއެވެ. އަދި އަންހެނަކު އެހެން ފޮނުވާނުލެވޭނެ ކަމަށާއި، ހިޖުރަކުރާ މީހުންނަށް މަރުޙަބާ ކިޔުމަކީ ޢަރަބިންގެ އާދަކާދައެއް ކަމަށް ޤަތަރުގެ އަމީރު ވިދާޅުވި ކަމަށް ވެއެވެ. އަދި ހަމައެއާ އެކު، ޔޫއޭއީއާއި ގަލްފުގެ އެހެން ޤައުމަކަށް ވެސް ޙަމަލާއެއް ދީފާނެ ބިމަކަށް ޤަތަރު ނަހައްދަވާނެކަމުގެ ޔަޤީންކަން ޤަތަރުގެ އަމީރު ޔޫއޭއީއަށާއި ގަލްފުގެ އެހެން ޤައުމުތަކަށް އޭރު ވެސް ދެއްވިކަމަށް ޤަތަރުގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.