ކޮރަޕްޝަންގެ ތުހުމަތުގައި ޖަލަށް ލާފައިވާ މިސްރުގެ ކުރީގެ ދާޚިލީ ވަޒީރު ބަންދުން ދޫކޮށްލައިފިއެވެ.
މިސްރުގެ ކުރީގެ ދާޚިލީ ވަޒީރު ހަބީބް އަލް އަދްލީ ބަންދުން ދޫކޮށްލާފައި ވަނީ، އޭނާގެ މައްޗަށް ކުށް ސާބިތުކުރި މައްސަލައިގެ ޝަރީއަތް އަލުން ހިންގުމަށް އެގައުމުގެ އެންމެ މަތީ އިސްތިއުނާފް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.
އޭނާ ހަތް އަހަރަށް ޖަލަށް ލުމަށް މިދިޔަ އަހަރުގެ އޭޕްރީލް މަހު ހުކުމް ކޮށްފައި ވަނީ ދައުލަތުގެ ފައިސާ އަށް ހިޔާނާތްތެރިވިކަމުގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ. އޭނާގެ މައްޗަށް ޝަރީއަތް ހިންގާފައި ވަނީ 110 މިލިއަން އެމެރިކާ ޑޮލަރަށް ޚިޔާނާތްތެރިވި ކަމުގެ މައްސަލައެއްގައެވެ.
ހަބީބް އަލް އަދްލީގެ މައްޗަށް ކުށް ސާބިތުވުމާ އެކު، އޭނާ ވަނީ ފިއްލަވާފައެވެ. މިސްރުގެ ދާޚިލީ ވުޒާރާ އިން އޭނާއަކީ ފިލައިގެން އުޅޭ ކުށްވެރިއެއްގެ ގޮތުގައި ކަނޑައެޅުމާ އެކު، މިދިޔަ ޑިސެމްބަރު މަހު އޭނާ ވަނީ އަމިއްލަ އަށް މިސްރުގެ ކަމާ ބެހޭ އިދާރާތަކާ ހަވާލުވެފައެވެ.
އޭނާގެ މައްޗަށް ކުރިން ކޮށްފައިވާ ޝަރީއަތް ބާތިލް ކުރުމަށް މިސްރުގެ އިސްތިއުނާފީ އެންމެ މަތީ ކޯޓުން ބުރާސްފަތި ދުވަހު ނިންމާފައި ވަނީ، ޝަރީއަތުގައި ހުރި އިޖުރާއީ މައްސަލަތަކާ ގުޅިގެންނެވެ. އޭނާގެ މައްޗަށް އަލުން ޝަރީއަތް ކުރުމަށް އިސްތިއުނާފީ ކޯޓުން ހުކުމް ކުރި މަޖިލީހަށް އޭނާ ހާޒިރުވެފައެއް ނުވެއެވެ.
މިމައްސަލާގައި އަދްލީގެ އިތުރުން ދެން ޝާމިލްވާ ދާޚިލީ ވުޒާރާގެ ދެ އޮފިޝަލުންގެ މައްޗަށް، 110 މިލިއަން އެމެރިކާ ޑޮލަރު ދައުލަތަށް ދެއްކުމަށް އަމުރުކޮށް، ޖޫރިމަނާކޮށްފައިވާ ކަމަށް ރޮއިޓަރސް ނިއުސް އޭޖެންސީން ރިޕޯޓް ކުރެއެވެ.
އަދްލީއަކީ މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ވެރިކަމުގެ ދުވަސްވަރު އެގައުމުގެ ސަލާމަތީ އިސް އޮފިޝަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅުކެވެ. އޭނާ ވަނީ 1997 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން، 2011 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް މިސްރުގެ ދާޚިލީ ވަޒީރުކަން ކުރައްވާފައެވެ.
އޭނާގެ މައްޗަށް ކޮށްފައިވާ އެހެން ތުހުމަތުތަކުގެ ތެރޭގައި ނުހައްގު އަނިޔާ ދިނުމާއި، މީހުން ވަގަށް ނެގުމާއި، އިންސާނިއްޔަތާއި ޚިލާފަށް އެތައް ކުށްތަކަށް އަރައިގަތުން ހިމެނެއެވެ.
ހުސްނީ މުބާރަކްގެ ވެރިކަން 2011 ވަނަ އަހަރުގެ ކުރީކޮޅު ވެއްޓުމަށް ފަހު، އޭނާގެ މައްޗަށް ތަފާތު އެކި ކުށްތަކުގެ ޝަރީއަތް ހިންގި ނަމަވެސް، އެދައުވާތަކުން އޭނާ ވަނީ ސަލާމަތްވެވަޑައިގެންފައެވެ.
އޭނާގެ މައްޗަށް މަކަރު ހެދުމާއި މަނީ ލޯންޑްރިންގެ މައްސަލައެއް ސާބިތުވެ 2011 ވަނަ އަހަރުގެ މެއި މަހު، 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވެއެވެ. އަދި މުބާރަކްގެ ވެރިކަން ވައްޓާލި މުޒާހަރާތަކުގެ ބައިވެރިންނަށް އަމާޒުކޮށް ބަޑި ޖެހުމަށް ސަލާމަތީ ބާރުތަކަށް އަމުރު ކުރި ކަމުގެ ތުހުމަތުގައި އޭނާ އާއީ މުބާރަކް އުމުރަށް ޖަލަށް ލުމަށް 2013 ވަނަ އަހަރުގެ މާޗް މަހު ހުކުމްކޮށްފައި ވެއެވެ. އެހެންނަމަވެސް އެ ޝަރީއަތް އަލުން ހިންގުމަށް އިސްތިއުނާފީ ކޯޓުން ނިންމުމާ އެކު، ފަހުން ހިންގި ޝަރީއަތުގައި އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމުމާ އެކު 2015 ވަނަ އަހަރުގެ މާޗް މަހު އޭނާ ބަންދުން ދޫކޮށްލިއެވެ.