ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ކަސްޓަމަރ ފްރަންޓް އޮފީހެއް ބުރާސްފަތި ދުވަހު ހުޅުވައިފިއެވެ.
އެ ކޯޕަރޭޝަން އިން ނެރުނު ބަޔާނެއްގައި ބަޔާނެއްގައި ބުނެފައި ވަނީ ވިލިމާލޭގައި ހުޅުވާފައިވާ ކަސްޓަމަރ ފްރަންޓް އޮފީހުން މާލެ ސިޓީ އަދި ހުޅުމާލެއެކޭ އެއް ފަދައިން ގިނަ އަދަދެއްގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ވެމްކޯގެ ކުނި އުކުމުގެ ހިދުމަތަށް އެދި ރަޖިސްޓްރީ ކުރުމާއި ބިލަށް ފައިސާ ދެއްކުމާއި ކަސްޓަމަރ ކެއަރއާ ގުޅުން ހުރި އެންމެހާ ހިދުމަތްތަކެއް ލިބިގެންދާނެ ކަމަށެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރ 1 ވަނަ ދުވަހު ވެމްކޯގެ ކުނި އުކުމުގެ ހިދުމަތް ވިލިމާލޭގައި ފަށާފައިވާއިރު ކުނި ނެގުމުގެ ހިދުމަތަށް އެދި ވިލިމާލެ އިން ރަޖިސްޓްރީ ކޮށްފައިވާ 655 ފަރާތަކަށް އެ ކޯޕަރޭޝަން އިން ދަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ.
ވިޔަފާރީތަކާއި ކުންފުނި ފަދަ ކޮމާޝަލް ކަސްޓަމަރުންގެ ގޮތުގައި ވިލިމާލޭގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް މި މަހުގެ 15 ވަނަ ދުވަހު ހިދުމަތް ފޯރުކޮށްދޭން ތައްޔާރުވަމުން އަންނަ ކަމަށް ވެމްކޯގެ ނޫސްބަޔާނުގައި ވެއެވެ.
ކުނި ނެގުމުގެ ޚިދުމަތަށް އެދި ރަޖިސްޓަރ ކުރަން ބޭނުންވާ ފަރާތްތަކަކާއި ކުނި ނެގުމާއި ގުޅޭ ޝަކުވާއެއް ހުށައެޅުމަށް ނުވަތަ މައުލޫމާތު ސާފުކުރަން އެދޭ ނަމަ، ވެމްކޯގެ ހޮޓްލައިން ނަމަބްރު، 1666 އަށް ގުޅުމަށް ވެމްކޯއިން އެދިފައި ވެއެވެ.