ކ. މާލެ
|
11 ޖެނުއަރީ 2018 | ބުރާސްފަތި 08:51
ރެފިއުޖީ ކޭމްޕެއްގައި ދިރިއުޅެމުންދާ ފަލަސްތީނުގެ ކުޑަކުދިންތަކެއް
ރެފިއުޖީ ކޭމްޕެއްގައި ދިރިއުޅެމުންދާ ފަލަސްތީނުގެ ކުޑަކުދިންތަކެއް
އަލްޖަޒީރާ
ޤުދުސްގެ މައްސަލަ
އެހީ ހުއްޓާލާނެކަމުގެ އިންޒާރާއިއެކު ފަލަސްތީނުގެ ރެފިއުޖީން ކަންބޮޑުވުމެއްގެ ތެރޭގައި
5 މިލިއަނެއްހާ ފަލަސްތީން ރައްޔިތުން އުޅެނީ ރެފިއުޖީ ކޭމްޕްތަކުގައި
ރެފިއުޖީންނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެނީ ޔޫއެން ރިލީފް އެޖެންސީއިން
އެމެރިކާގެ އެހީ ކަނޑާލައިފިނަމަ، ރެފިއުޖީންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިވާނެ

ފަލަސްތީނުގެ އެތައް މިލިއަން ރައްޔިތުންނަކަށް އެހީވާ އދގެ އެހީދޭ ޖަމާޢަތަށް ޚަރަދުކުރުން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާއިން ދިނުމާއިއެކު ރެފިއުޖީ ކޭމްޕްތަކުގައި ދިރިއުޅެމުންދާ ފަލަސްތީނުގެ ރެފިއުޖީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ފަލަސްތީނާއި، އަވަށްޓެރި ޤައުމުތަކުގައި ރެފިއުޖީ ކޭމްޕްތަކުގައި ފަލަސްތީނުގެ 5 މިލިއަނެއްހާ ރެފިއުޖީން ދިރިއުޅެމުންދެއެވެ. އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ، އެބިންތަކުން ފަލަސްތީނު މީހުން ބޭރުކުރުމުން، އެމީހުން ދިރިއުޅެމުންދަނީ ރެފިއުޖީ ކޭމްޕްތަކުގައެވެ. ފާއިތުވި 70 ވަރަކަށް އަހަރު ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވަމުން އަންނަ މައިގަނޑު ޖަމްއިއްޔާއަކީ ޔޫއެން ރިލީފް އެންޑް ވޯކްސް އެޖެންސީއެވެ. އެގޮތުން ރެފިއުޖީ ކޭމްޕްތަކަށް ކާބޯތަކެއްޗާއި، ތައުލީމާއި، ސިއްހީ އަދި އިޖްތިމާޢި އެހީތެރިކަމުގެ އިތުރުން ވަޒީފާގެ ފުރުސަތުވެސް ފޯރުކޮށްދެނީ އެޖަމާޢަތުންނެވެ. ފަލަސްތީނުގެ ރެފިއުޖީންގެ 2/3 ކުދިން ކިޔަވަނީ ރިލީފް އެޖެންސީން ހިންގާ ސްކޫލްތަކުގައެވެ.

ޔޫއެން ރިލީފް އެޖެންސީއަށް އެންމެ ބޮޑަށް އެހީވާ ޤައުމަކީ އެމެރިކާއެވެ. އެމެރިކާއިން ރިލީފް އެޖެންސީއަށް 2016ވަނަ އަހަރު ވެސް 364 މިލިއަން އެމެރިކާ ޑޮލަރު ދިނެވެ. އަދި އޭގެ އިތުރަށް ފަލަސްތީނުގެ ސަރުކާރު ހިންގުމަށް އަހަރަކު 400 ވަރަކަށް މިލިއަން ޑޮލަރު އެމެރިކާއިން ދެއެވެ.

ޔޫއެން ރިލީފް އެޖެންސީއަށްދޭ އެހީ ކަނޑާލާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވީ، ފަލަސްތީނާއި އިސްރާއީލުން ޤުދުސްގެ މިލްކުވެރިކަމާއިމެދު ދައުވާ ކުރަމުންދަނިކޮށް، އިސްރާއީލުގެ ވެރިރަށަކީ ޤުދުސްކަމަށް ބަލައިގަތުމަށް ޓްރަމްޕް ނިންމެވުމާއި ގުޅިގެން، ފަލަސްތީނުން އެކަމަށް ދެކޮޅު ހެދުމުންނެވެ. އަދި އެމައްސަލައިގެ ފަހުން ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސް ވަނީ މެދުއިރުމަތީގެ ސުލްހައިގެ ވާހަތަކުގެ މެދުވެރިއެއްގެ ރޯލު އަދާކުރަން އެމެރިކާއަށް ދެން ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ހަމައެއާއިއެކު ބައިނަލްއަޤްވާމީ މުޖްތަމައުން ދަނީ އެމެރިކާގެ ނިންމުމާއި ދެކޮޅު ހަދަމުންނެވެ. އދގެ ޢާއްމު މަޖިލީހުގައި ވެސް މިމައްސަލައިގައި އެމެރިކާއާއި ދެކޮޅަށް ޤަރާރެއް ފާސްކޮށްފައިވެއެވެ.

ޔޫއެން ރިލީފް އެޖެންސީއަށްދޭ އެހީ މަދުކުރުމަށް އެމެރިކާއިން ނިންމި ނިންމުމަށް އިސްރާއީލުގެ ބޮޑުވަަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މަރުހަބާ ކިޔުއްވާފައެވެ.

 

- ކޮމެންޓް