ޕާކިސްތާނުުގެ ސިލްސިލާކޮށް ކުޑަކުދިން މަރަމުންދާތީ އެކަމާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިނންގެ ތެރެއިން ދެ މީހަކު މަރުވެއްޖެއެވެ.
އުމުރުން ހަތް އަހަރުގެ ޒައިނަބްގެ ހަށިގަނޑު ފެނިފައި ވަނީ އޭނާ ގެއްލިގެން ހޯދަމުންދިޔަތާ އެތައް ދުވަހަކަށް ފަހު މިދިޔަ އަންގާރަ ދުވަހު ކުނިގޮނޑަކުންނެވެ. އޭނާ އޮތީ ރޭޕްކޮށްފައެވެ. އޭނާ މަރާލާފައި ވަނީ ކަރުގައި ހިފައި ނޭވާ ހާސްކޮށްލައިގެން ކަމަށް ރިޕޯޓްތަކުން ދައްކައެވެ.
މި ކަންކަމާ ގުޅިގެން ރުޅިގަދަވެފައި ތިބި މުޒާހިރީން ބުނަމުން ދަނީ މީހުން ވަގަށް ނެގުމާއި، ޖިންސީ ހާނިއްކަ އާއި، މެރުމާ ދެކޮޅަށް އިދާރާތަކުން މާބޮޑު ކަމެއް ނުކުރާ ކަމަށެވެ.
ކަސޫރުގެ ފުލުހުން ބުނީ ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެބާވަތުގެ 12 މަރެެއް ރެކޯޑް ކުރެވިފައި ވާކަމަށެވެ. ފުލުހުން ބުނީ އޭގެ ތެރެއިން ފަސް މަރެއްގެ ތުހުމަތު އެކަކަށް ކުރެވޭ ކަމަށާއި އޭނާ ހޯދުމުުގެ މަސައްކަތް އެތައް ސަތޭކަ ފުލުހުންނެއް ކުރަމުންދާ ކަމަށެވެ. އަދި އެފަދަ ކަމެއް ކުރުމުގެ ފުރުސަތު އޮތް 90 މީހެއްގެ ޑީއެންއޭ ސާމަޕަލް ނަގާފައިވާ ކަމަށެވެ.
މުޒާހަރާކުރި މީހުންގެ ތެރެއިން ދެ މީހަކު މަރުވެފައި ވަނީ ރުޅިގަދަވެފައި ތިބި މުޒާހަރާގެ ބައިވެރިން ކަސޫރުގެ ފުލުހުންގެ މައި މަރުކަޒަށް ވަންނަން މަސައްކަތްކުރުމުން މުޒާހަރާގެ ބައިވެރިނަށް އަމާޒުކޮށް ފުލުހުން ބަޑިޖެހުމުންނެވެ.
ޒައިނަބްގެ މަރާ އެކު ޕާކިސްތާނުގެ އެކި ކަންކޮޅުތަކުގައި ވަނީ މުޒާހަރާތައް ފެށިފައެވެ. ކުރީގެ ކްރިކެޓް ކުޅުންތެރިޔާ އަދި ތަހްރީޚީ އިންސާފް ޕާޓީގެ ލީޑަރު އިމްރާން ޚާން ވަނީ ގާތިލު ހައްޔަރު ކުރުމަށް ގޮވާލައްވާފައެވެ.
މުޒާހަރާތަކާ ގުޅިގެން އަސްކަރިއްޔާ އިން ވަނީ ފުލުހުންނަށް އެހީތެރިކަން ދިނުމަށް ހުށަހަޅާފައެވެ.