ޓްރެޒަރީ ބޮންޑުގެ މުއާމަލާތެއްގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ތުހުމަތު ކުރެވި އެކަމާ މެދު ބަހުސްކުރަމުން ދަނިކޮށް ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި މާރާމާރީ ހިންގައިފިއެވެ.
ގާނޫނު ހަދާ މަޖިލީހުގައި މާރާމާރީ ހިނގަން މެދުވެރިވީ ބޮންޑުގެ މައްސަލާގައި އެގައުމުގެ ބޮޑު ވަޒީރު ރަނިލް ވިކްރަމްސިންހަ ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށް އިދިކޮޅު މެމްބަރުން އިހްތިޖާޖް ކުރައްވަން ފެއްޓެވި ފަހުންނެވެ.
ދާދިފަހުން ލަންކާގެ ރައީސް ބޮންޑުގެ މައްސަލާގައި ހިންގެވި ތަހުގީގަކުން ހާމަވީ ލަންކާގެ ކުރީގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރުގެ ދަނބިދަރި އަށް ބޮންޑުގެ މައްސަލާގައި ލިބުނު ސިއްރު މައުލޫމާތުތަކުގެ ސަބަބުން ނާޖައިޒު ފައިދާއެއް ލިބިފައިވާ ކަމެވެ.
ލަންކާގެ ސެންޓްރަލް ބޭންކުގެ ކުރީގެ ގަވަރުނަރަކީ ބޮޑު ވަޒީރު ރަނިލް ވިކްރަމްސިންހަ ގެ ގާތް ބޭފުޅެއްގެ އިތުރުން އެމަނިކުފާނު ގަވަރުނަރުގެ މަގާމަށް ހޮއްވެވި ބޭފުޅެކެވެ.
ލަންކާގެ ރައީސް ބޮންޑުގެ މައްސަލާގައި ހިންގެވި ތަހުގީގުން ހާމަވީ ސެންޓްރަލް ބޭންކުގެ ގަވަރުނަރުގެ ދަނބިދަރި އަށް ބޮންޑުގެ މައްސަލައިގެ ސަބަބުން 72 މިލިއަން ޑޮލަރުގެ ފައިދާ ލިބިފައިވާ ކަމަށާއި އަދި ދައުލަތަށް 55 މިލިއަން ޑޮލަރުގެ ގެއްލުންވެފައިވާ ކަމަށެވެ.
ބުދަ ދުވަހު ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި އިދިކޮޅު މެމްބަރުންނާ އަދި ސަރުކާރުގެ މަޖިލިސް މެމްބަރުންނާ ދެމެދު ހިނގި މާރާމާރީގައި 50 މެމްބަރަކު ބައިވެރިކަމަށް ރިޕޯޓުތައް ބުނެއެވެ. އެއްވެސް މެމްބަރަކު ޒަޚަމްވިކަމެއް ނޭނގެއެވެ. އެހެންނަމަވެސް ބައެއް މެމްބަރުންގެ ގަމީސްކޮޅު އިރައިގެން ދިޔަކަމުގެ ރިޕޯޓުތައް ލިބިފައިވެއެވެ.