ކ. މާލެ
|
10 ޖެނުއަރީ 2018 | ބުދަ 11:12
ޖެޓް އެއާވޭޒްގެ މަތިންދާބޯޓެއް
ޖެޓް އެއާވޭޒްގެ މަތިންދާބޯޓެއް
ފޭސްބުކް
ޖެޓް އެއާވޭޒް
ދަތުރުމަތީ ޒުވާބުކޮށް، މާރާމަރީ ހިންގި ދެ ޕައިލެޓުން ވަޒީފާ އިން ވަކިކޮށްފި
ފިރިހެން ޕައިލެޓް ވަނީ އަންހެން ޕައިލެޓްގެ މޫނުމަތީގައި ޖަހާފައި
ޕައިލެޓެއް ނެތި ކޮކްޕިޓް ހުހަށް ދޫކޮށްލި މައްސަލަ ވެސް ވަނީ ބަލާފައި

ދަތުރުމަތީގައި ޒުވާބުކޮށް، މާރާމާރީ ހިންގި ޖެޓް އެއާވޭޒްގެ ދެ ޕައިލެޓަކު ވަޒީފާއިން ވަކިކޮށްފިއެވެ.

އިންޑިއާއަށް ނިސްބަތްވާ އެ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވަޒީފާއިން ވަކިކޮށްފައި ވަނީ ފިރިހެން ޕައިލެޓަކާއި އަންހެން ޕައިލެޓެއް ކަމަށެވެ. އެ އެއާލައިނުން ބުނީ ދެ ޕައިލެޓުން ވަޒީފާ އިން ވަކިކުރީ މި އަހަރުގެ ފުރަތަމަ ދުވަހު އިނގެރޭސިވިލާތުގެ ލަންޑަނުން އިންޑިއާގެ މުމްބާއީ އަށް ކުރި ދަތުރުމަތީގައި ޒުވާބުކޮށް، މާރާމާރީ ހިންގައި، ދެ ޕައިލެޓުން ކުރެ ޕައިލެޓެއް ނެތި ބޯޓުގެ ކޮކްޕިޓް ހުހަށް ދޫކޮށްލި މައްސަލަ ތަޙުޤީޤު ކުރުމަށް ފަހު ކަމަށެވެ.

ކަން ހިނގައި ދިޔަ ގޮތް ތަފްޞީލުކޮށްދީ އެ އެއާލައިންގެ ބައެއް މުވައްޒަފުން ބުނެފައި ވަނީ ދަތުރުމަތީގައި ދެ ޕައިލެޓުންގެ ދެމެދުގައި ހިނގި ދެބަސްވުމެއްގެ ތެރެއިން ފިރިހެން ޕައިލެޓު އަންހެން ޕައިލެޓުގެ މޫނުމަތީގައި ޖަހާފައިވާ ކަމަށާއި، އެ ހަމަލާއަށް ފަހު އަންހެން ޕައިލެޓް ރޮމުން ކޮކްޕިޓް ދޫކޮށް ނުކުތް ކަމަށެވެ. އަދި އޭނާ އަނބުރާ ކޮކްޕިޓަށް ވަނީ ކެބިން ކްރޫއިންގެ އެދުމުގެ މަތިން ކަމަށް ވެސް މީޑީއާއަށް މައުލޫމާތުދިން މުވައްޒަފުން ވަނީ ބުނެފައެވެ. މި ކަން މިގޮތަށް ހިނގި ވަގުތު، ކޮކްޕިޓުގައި އެއްވެސް ޕައިލެޓެއް ނެތި، ކޮކްޕިޓް ހުހަށް ދޫކޮށްލުމަށް ފަހު ފިރިހެން ޕައިލެޓް ވެސް ކޮކްޕިޓުން ނުކުމެފައިވާ ކަމަށް ވެސް އެ މުވައްޒަފުން ބުނެފައި ވެއެވެ.

އެއާލައިނުން ބުނެފައިވާ ގޮތުގައި ދެ ޕައިލެޓުންގެ ދެމެދުގައި ޒުވާބާއި މާރާމާރީ ހިނގި އިރު، ބޯޓުގައި 324 ފަސިންޖަރުން ތިއްބެވެ.

ހާދިސާ ހިނގި ދަތުރަށް ފަހު މި ދެ ޕައިލެޓުން ވެސް ގްރައުންޑް ކޮށްފައި ތިބިއިރު، ދެ ޕައިލެޓުން ވަގުތުން ވަޒީފާ އިން ވަކިކުރުމަށް ނިންމާފައި ވަނީ އެއާލައިނުން ހިންގި ތަޙުޤީޤަކަށް ފަހުއެވެ.

ލަންޑަނާއި މުމްބާއީއާ ދެމެދު ކުރެވޭ ވައިގެ ދަތުރެއްގެ ދިގުމިނަކީ ގާތްގަނޑަކަށް ނުވަ ގަޑިއިރެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް