ކ. މާލެ
|
10 ޖެނުއަރީ 2018 | ބުދަ 10:33
އަލްޖަޒީރާ އިން އަންނަނީ ޔަމަނު ހަނގުރާމައިގެ ޚަބަރުތައް ވަރަށް ބޮޑަށް ކަވަރުކުރަމުން
އަލްޖަޒީރާ އިން އަންނަނީ ޔަމަނު ހަނގުރާމައިގެ ޚަބަރުތައް ވަރަށް ބޮޑަށް ކަވަރުކުރަމުން
ރޮއިޓަރސް
ޔަމަނުގެ ދާޚިލީ ހަނގުރާމަ
ޔަމަނުގައި ހުންނަ އަލްޖަޒީރާ އޮފީސް ގަދަކަމުން ބަންދުކުރުވައިފި
އަލްޖަޒީރާގެ މުވައްޒަފުންތަކެއް ޔަމަނުގައި މިދިޔަ އަހަރު ވެސް ވަގަށް ނެގި

ޔަމަނުގެ ދެކުނުގެ ރަށެއް ކަމަށްވާ ތާއީޒްގައި ހުންނަ އަލްޖަޒީރާގެ އޮފީހަށް ސިފައިން ވަދެ، އެތަން ގަދަކަމުން ބަންދުކުރުވައިފިއެވެ.

ޤަތަރުގެ އަލްޖަޒީރާ ނެޓްވޯކުން ބުނީ އަންގާރަ ދުވަހު ޔަމަނު ސިފައިން ވަދެ، އަލްޖަޒީރާގެ އޮފީސް ބަންދުކުރަން އެންގި ސަބަބު ހާމަކޮށްފައި ނުވާ ކަމަށެވެ. އަލްޖަޒީރާ އިން ވަނީ އެތަނުގެ ނޫސްވެރިންނަށް މިނިވަންކަމާ އެކު ނޫސްވެރިކަން ކުރެވޭނެ މާހައުލެއް ފަހިކޮށްދީ، އޮފީސް އަލުން ހުޅުވައިދިނުމަށް ޔަމަނުގެ އަސްކަރިއްޔާއަށް ގޮވާލާފައެވެ.

މިިދިޔަ އަހަރުގެ ޖެނުއަރީ މަހުވެސް އަލްޖަޒީރާގެ 3 މުވައްޒަފެއް ތާއީޒްގައި ވަގަށް ނަގާފައިވެއެވެ. 

ޔަމަނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ތާއީޒްއަކީ ސަމާލުކަން ބޮޑުވެފައިވާ ސަރަހައްދެކެވެ. ސަބަބަކީ ވެރިރަށް ސަންޢާ އާއި ޔަމަނުގެ ދެކުނުގެ ސަރަހައްދުތަކާއި ގުޅުވައިދޭ ރަށަކީ ތާޢީޒް ކަމަށް ވުމެވެ. 

ޔަމަނުގެ ވެރިކަމާ ދެކޮޅަށް ނިކުތް ހޫޘީ ހަނގުރާމަވެރިންނާ ދެކޮޅަށް 2015 ވަނަ އަހަރު ސަޢޫދީ އިސްވެ އޮވެ އަސްކަރީ އޮޕަރޭޝަންތައް ހިންގަން ފެށި ފަހުން ޔަމަނުގެ ދެކުނުން ހޫޘީންގެ ބާރު ވަނީ ކަނޑުވާލެވިފައެވެ. އެހެން ނަމަވެސް އެޤައުމުގެ އުތުރާއި އަދި ވެރިރަށް ސަންޢާގެ ބޮޑު ބައެއް އަދިވެސް އޮތީ ހޫޘީ ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށުގައެވެ. 

ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި މިހާތަނަށް 10 ހާހަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އެޤައުމު ވެފައި ވަނީ ނޫސްވެރިންނަށް އެންމެ ބިރު ބޮޑު އެއް ޤައުމަށެވެ. މިދިޔަ މަހު ހޫޘީން ހަނގުރާމަވެރިން ވަނީ ޔަމަން އަލް ޔޫމް ޓީވީ ޗެނަލަށް ހަމަލާދީ، އެތަނުގެ އެތައް މުވައްޒަފުންނެއް ރަހީނުކޮށްފައެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް