ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގުމާ ހަވާލުކޮށްފައިވާ ނޫރުލް އިސްލާމް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް މައްސަލަ ހައްލު ކުރުމަށް ދިހަ ދުވަހުގެ މުއްދަތެއް ދެއްވާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
ހެލްތް މިނިސްޓްރީން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ނާޒިމް ވިދާޅުވީ ނޫރުލް އިސްލާމް އިންޓަރނޭޝަނަލް ކުންފުނީގެ ޕާޓްނަރުންގެ މެދުގައި ޖެހުނު މައްސަލަ އާއި ގުޅިގެން ހޮސްޕިޓަލް ހިންގުމަށް ބުރޫ އަރާތީ އެ މައްސަލަ ހައްލުކުރުމަށް މުހުލަތެއްދީފައިވާ ކަމަށާއި އަދި މިހާރު ހެލްތް މިނިސްޓްރީ އެ ހޮސްޕިޓަލް ހިންގުމުގެ ކަންތައްތައް "ޓޭކް އޯވާ" ކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ވާނީ 10 ދުވަހުގެ މުއްދަތެއް އެބޭފުޅުންގެ އިންޓާނަލް ކުންފުނީގެ މައްސަލަ ހައްލު ކުރުމަށް ދީފައި. އެބޭފުޅުންނަށް އެ މުއްދަތުގެ ތެރޭގައި މައްސަލަ ހައްލު ނުކުރެވިއްޖެ ކަމަށްވާނަމަ އެގްރީމަންޓެއްގައި އޮންނަ ޤާނޫނީ އުސޫލުތަކުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުތައް ޤާނޫނީ ބޭފުޅުންގެ ލަފަ އާއިއެކީ އަޅަމުން ގެންދާނަން. އެ ކޮންޓްރެކްޓް ބާތިލް ކުރަން ޖެހިއްޖެ ހާލަތެއްގައި ބާތިލްކޮށްގެން ނަމަވެސް ދިވެހި ރައްޔިތުންނަށް ކުޅުދުއްފުށީ ހޮސްޕިޓަލުން ދެމުންދިޔަ ހިދުމަތް މެދުނުކެނޑި ދެވޭނެކަން މިހާރުވެސް ކަށަވަރުކޮށްފައިވާ ފަދައިން އަޅުގަނޑުމެން ކަށަވަރު ކުރަމުންދާނަން" މިނިސްޓަރ ވިދާޅުވިއެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުގެ ހިންގުން އިތުރަށް ރަނގަޅު ކުރުމަށް ބޭރުގެ ކުންފުންޏަކާ ހަވާލުކޮށް މިދިޔަ އަހަރު ނިމުނުއިރު ވެސް އެދެވޭ ނަތީޖާއެއް ފެނިފައިނުވާތީ އެކަމާ ގުޅިގެން މިނިސްޓަރ "ރިގްރޭޓް" ކުރައްވާތޯ ނޫސްވެރިއަކު ސުވާލުކުރުމުން ނާޒިމް ވިދާޅުވީ އެކަމާ އެއްވެސް ވަރަކަށް "ރިގްރޭޓް" ނުކުރައްވާ ކަމަށާއި މީގެ މުހިންމު ކަމަކީ މައްސަލަ ދިމާވުމުން އެ މައްސަލަ ހައްލުކުރުމަށްޓަކައި މިނިސްޓްރީން އަމަލީ މަސައްކަތް ފަށާފައިވާކަން ކަމަށެވެ.
މީގެ އިތުރުން އެ ހޮސްޕިޓަލްގެ މުވައްޒަފުންގެ މުސާރައިގެ ކަންތައްތައް ވެސް ހެލްތް މިނިސްޓްރީން ހަމަޖައްސާނެ ކަމަށް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.
"ދިވެހި ރައްޔިތުންގެ ކަންކަން ދިވެހި ދައުލަތުން ބަލަހައްޓާނެ. މިއަދުވެސް މުވައްޒަފުންނަށް އެނގިފައިވަނީ އެމީހުންގެ މުސާރައަށް ވެސް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް. އެ މަސައްކަތް އަޅުގަނޑުމެން ކުރަމުންދާނަން. މިހާތަނަށް ވެސް މުސާރައިގެ ކުރެވުނު ހުރިހާ ކަމެއް ކުރެވިފައި ހުރީ ދިވެހި ދައުލަތުން މި ސަރުކާރުން" މިނިސްޓަރ ވިދާޅުވިއެވެ.
އެގްރީމަންޓް ބާތިލުކުރަން ޖެހިއްޖެނަމަ އެކަން ވެސް މިނިސްޓްރީން ކުރުމަށް އޮތީ ތައްޔާރަށް ކަމަށް މިނިސްޓަރ ނާޒިމް ތަކުރާރުކޮށް ވިދާޅުވިއެވެ.