މޯލްޑްވިސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނަރ އޮފް ޓެކްޒޭޝަން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޓެކްޒޭޝަންގެ މަޤާމަށް ދެ ބޭފުޅުން އައްޔަންކޮށްފައިވަނީ ޤާނޫނާ ހިލާފަށް ކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަން އިން ބުނެފިއެވެ.
ހޯމަ ދުވަހު ޓްރޭޑް ޔޫނިއަން އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މީރާގެ ބޯޑާއި ކޮމިޝަނަރ އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޓެކްޒޭޝަންގެ ދައުރަކީ 5 އަހަރު ކަމަށާއި މީރާ އިން އެންމެ ފަހުން ބޯޑު އެކުލަވާލުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ނަންތައް ފޮނުވާފައިވާއިރު ކޮމިޝަނަރ އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޓެކްޒޭޝަންގެ ނަން ހިމަނާފައި ނުވާ ކަމަށެވެ. އަދި އެ މަޤާމުގައި ދެ ބޭފުޅުން ވެސް ހުންނަވަނީ މަޖިލީހުގެ ރުހުން ނުލިބި ކަމަށްވާތީ މަޤާމުގެ ސައްހަކަން ގެއްލިފައިވާ ކަމަށް ވެސް ޔޫނިއަން އިން ބުންޏެވެ.
މީގެ އިތުރުން ޤާނޫނާއި ހިލާފަށް އެ މަޤާމުގައި ދެ ބޭފުޅުން ތިއްބަވައިގެން ނިންމާ ނިންމުންތަކުގައި އެއްވެސް ކަހަލަ ޤާނޫނީ ބުރަދަނެއް ނުހުންނާނެކަން ފާހަގަކުރައްވައި ޓްރޭޑް ޔޫނިއަން އިން ވަނީ މީރާ އަށް ނުވަނުމަށާއި އެ ދެ ބޭފުޅުން އެތަނުގައި ކުރައްވާ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާފައެވެ.
ޤާނޫނީ ހަސިއްޔަތެއް ނެތް ދެ ބޭފުޅުން އެ މުއައްސަސާ (މީރާ) ގައި މަސައްކަތް ކުރުމުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރު މީރާގެ މުވައްޒަފުންނަށް ކޮށްފައިވާ މިންވަރު ހާމަވެގެން ގޮސްފައިވާ ކަމަށް އެ ނޫސް ބަޔާނުގައިވެއެވެ. އެގޮތުން މީރާގެ މުވައްޒަފުން ސޯޝަލް މީޑީއާ އެކްޓިވިސްޓުންނަށް ބަދަލުކޮށް މުވައްޒަފުންގެ މަޤާމުގެ މަސްއޫލިއްޔަތުގެ ބޭރުން އެތައް ސިޔާސީ ކަންކަމެއް އެ މުވައްޒަފުން ލައްވާ ކުރުވާކަން ވަނީ ފާހަގަކޮށްފައެވެ.
ޓެކްސް ނެގުމާއި ބެހޭ އިދާރީ ޤާނޫނުގެ 4 ވަނަ މާއްދާ އާއި 8 ވަނަ މާއްދާ އާއި ހިލާފަށް އެ މަޤާމުގައި ބޭފުޅުންތަކެއް އައްޔަނުކޮށްފައި ހުރުމުން އެ ޔޫނިއަން އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ބަޔާން ނިންމާލަމުން ޓްރޭޑް ޔޫނިއަން އިން ވަނީ އެ ދެބޭފުޅުން ވެސް މީރާ އަށް ނުވަދެވޭގޮތް ހެދުމަށް ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކަށް އިލްތިމާސްކޮށްފައެވެ.