ރަށްރަށުގެ ތަރައްޤީ އަށް މަސައްކަތް ކުރި އަންހެނުންގެ ކޮމެޓީތަކަށް މި ސަރުކާރުން ވަރަށް އިހާނަތިކޮށް ކަންތައް ކޮށްފައިވާ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ ނާއިބު ރައީސް އައިމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ބުރާސްފަތި ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ނާދިރާ ވިދާޅުވީ ކޮމެޓީތަކުގައި މަސައްކަތް ކުރާ އަންހެނުންނަށް މި ސަރުކާރުން ދީފައިވަނީ ވަރަށް "ސްޓީރިއޯ ޓައިޕް" ރޯލުތަކެއް ކަމަށެވެ.
މި ސަރުކާރުގެ ވެރިކަމެއްގައި ގިނަ ރަށެއްގެ ސިއްޙީ ނިޒާމު ހަލާކުވެފައިވާ ކަމަށް ނާދިރާ ވިދާޅުވިއެވެ. އަދި ރަށްތަކުގައި އަންހެނުންގެ ކޮމެޓީތަކުން ޑިސްޕެންސަރީތައް ހިންގިއިރު މި ސަރުކާރަށް ވުރެން މާރަނގަޅަށް ހިންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ހަގީގަތުގައި މިއަދު އެ ޑިސްޕެންސަރީތައް ހިންގެވި އަންހެން ބޭފުޅުން އެތިބީ މަގުމަތިވެފައި. އެ ބޭފުޅުންނަށް އާމްދަނީ އޭގެން ލިބުނު. ވަރަށް ގިނަ ރައްޔިތުންތަކެއް އަޅުގަނޑުމެން ކައިރީ އެ ދެއްކި. ތިމަންނަމެން އަމިއްލަ އަށް ގޮސް އެސްޓީއޯގައި އެދުނީމޭ މި ބޭސްތައް ނަގައިދޭށޭ، ލިބުނު އަގުގައި ނަގައިދޭށޭ. އެއަކަށްވެސް ޖަވާބެއް ނުދެއްވި. ފޮށިތަކުގައި ޕެކްކޮށްފައި މި ހުރިހާ ބޭސް އުކާލި ރަށްރަށް އެބަހުރި. އެބޭފުޅުން ހެކިވާނެ މިއަދުވެސް. އެހެންވީމަ މިއީ ވަރަށް ބޮޑެތި ގެއްލުން ހަޤީޤަތުގައި. އަންހެނުން ކޮމެޓީތަކުގައި ތިއްބެވި އަންހެން ބޭފުޅުންނަށް ދިން ބޮޑު ގެއްލުމެއް މިއީ މި ސަރުކާރުން" ނާދިރާ ވިދާޅުވިއެވެ.
ޗުއްޓީތަކުގައި ރަށްރަށުން ޑޮކްޓަރަށް ދައްކަން އައިސް އުޅޭ ރައްޔިތުންނަށް ޑޮކްޓަރަށް ދެއްކުމަށްޓަކައި އެޕޮއިންޓްމަންޓް ނުލިބޭކަން ފާހަގަކުރައްވައި ނާދިރާ ވިދާޅުވީ ގިނަ ބޭސްތައް ވެސް މިހާރު އާސަންދާގެ ދަށުން ނުލިބޭ ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރަކީ ވޭނަކަށްވެފައި އޮތް ސަރުކާރެއް ކަމަށާއި ރައީސް ޔާމީންގެ ސަރުކާރުގައި ރައްޔިތުންނަށް ލިބުނު އެކައްޗެއް ވެސް ނެތް ކަމަށް ނާދިރާ ފާހަގަކުރެއްވިއެވެ.