ބޭސްފަރުވާގެ ފުރިހަމަ ހައްޤު ލިބުން ލަސްވެ، ފަސްވުމުން ލިބޭ ހިތްދަތިކަން ތަޖުރިބާ ކުރައްވައިފި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ޤާސިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެހެން ޤައީދީންނެކޭ އެއްފަދައިން ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބަށް ބޭސްފަރުވާގެ ފުރިހަމަ ހައްޤު ލިބެން ޖެހޭނެ ކަމަށާއި އެއްވެސް ރައްޔިތެއްގެ ބޭސްފަރުވާ އަށް ހުރަސް އެޅުމަށް ޤާނޫނު އަސާސީ ހުއްދަ ނުކުރާ ކަމަށެވެ.
Beysfaruvaa ge furihama haggu libun lasve fasvumun libey hiydhathikan thajuribaa koffin. Ehen gaidheen nekey ehfadhain Kureege VP Adeeb ah beysfaruvaa ge full haggu liben jehey. Evves Rayyithehge beysfaruvaa ah huras elhumah QA huhdha eh nukurey. #AuthorizeMedical4Adeeb -Qasim
— Qasim Ibrahim (@qasimibrahim) January 4, 2018
\ޤާސިމް މިވަގުތު ހުންނެވީ ބޭސްފަރުވާ އަށް ޖަރުމަންވިލާތަށް ވަޑައިގެންނެވެ. އަދި ޤާސިމް ޖަރުމަންވިލާތަށް ވަޑައިގެން ހުންނެވީ ގަވާއިދާ ހިލާފަށް ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި ގާސިމް ބޭސްފަރުވާ އަށް ޖަރުމަންވިލާތަށް ވަޑައިގެންނެވީ ކަރެކްޝަންސް އަށް އެންގުމެއް ނެތިއެވެ. އަދި ގާސިމް ޖަރުމަން ވިލާތަށް ވަޑައިގެންނެވީ ގަވާއިދާ ހިލާފަށް ކަމަށާއި އެ މައްސަލަ ކަމާ ބެހޭ މުއައްސަސާތަކަށް ހުށަހަޅުއްވާނެ ކަމަށް މިނިސްޓަރު އަޒްލީން ވިދާޅުވިއެވެ. އަދި ކަރެކްޝަންސް އެންގުމެއް ނެތި ގާސިމް ބޭސްފަރުވާ އަށް ޖަރުމަންވިލާތަށް ވަޑައިގެންނެވި މައްސަލައިގައި ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓަރު އަޒްލީން ވިދާޅުވިއެވެ.
ބޭސްފަރުވާއަށް ގާސިމް ސިންގަޕޫރަށް ވަޑައިގެންނެވީ ސެޕްޓެމްބަރު 6 ވަނަ ދުވަހު އެވެ. ސަރުކާރުން ފުރަތަމަ ދިން 10 ދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިން ސެޕްޓެމްބަރު 13 ވަނަ ދުވަހު އަނެއްކާ ވެސް 10 ދުވަސް ދިނެވެ. އެއަށް ފަހު އެ މުއްދަތު ހަމަވަމުން ސެޕްޓެމްބަރު 26 ވަނަ ދުވަހު ފަސް ދުވަސް އިތުރުކޮށްދިނެވެ.
ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަށް ގާސިމް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ.