ރަނގަޅު ބޭސްފަރުވާގެ ފުރުސަތު ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އަށް ފޯރުކޮށްދެވޭން ޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދީބަށް ސިއްހީ ބޭސްފަރުވާ ފޯރުކޮށް ނުދިނުމަކީ އިންސާނިއްޔަތާ ހިލާފު ކަމެއް ކަމަށާއި ރަނގަޅު ސިއްހީ ބޭސްފަރުވާއެއް ހޯދުމުގެ ފުރުސަތު އަދީބަށް ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ.
Appropriate healthcare must be provided to former Vice President Ahmed Adeeb. It is inhumane to deny it.
— Mohamed Nasheed (@MohamedNasheed) January 4, 2018
މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން އަދީބު ހުންނަވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ހުކުމް ތަންފީޒު ކުރަމުންދާ އެހެން ގައިދީން ކަރެކްޝަނުން ބަލަހައްޓާ ޖަލުތަކުގައި ބަންދުކުރި ނަމަވެސް، އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލު ކުރީ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ކަމަށް ބުނެ ހޯމް މިނިސްޓަރުގެ އަމުރެއްގެ ދަށުންނެވެ. ފުލުހުން ބުނާ ގޮތުގައި، އެ މުއައްސަސާ އިން ބަލަހައްޓަމުން ދަނީ އަދީބުގެ ސަލާމަތީ ކަންކަމެވެ. އަދީބުގެ ބޭސްފަރުވާގެ ކަންކަން ބަލަހައްޓަމުން ދަނީ ކަރެކްޝަނުންނެވެ.
އަދީބުގެ ސިއްހީ ހާލުކޮޅު ދެރަވެ ފުރާނައަށް ގެއްލުން ވެދާނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އާއި ވަކީލުން ދަނީ ބުނަމުންނެވެ. އަދީބުގެ އެތެރެހަށީގައި ސިސްޓް އުފެދިފައިވާއިރު ލޮލަށް ގްލޮކޮމާ ޖެހިފައިވާ ކަމަށާއި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް އާއިލާ އާއި ވަކީލުން ބުނެއެވެ.
އަދީބަށް އިތުރު ފަރުވާ ދިނުމަށް ވީހާ ވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދީފައިވާއިރު، ސަރުކާރުން ވަނީ އެ ހުއްދަ އަދީބަށް ނުދިނުމަށް ނިންމާފައެވެ. ސަރުކާރުން ބުނަމުން ދަނީ އަދީބު ފިއްލަވާފާނެ ކަމަށާއި، އަދީބު ފިއްލަވައިފި ނަމަ ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބޭނެ ކަމަށެވެ.