2018 ވަނަ އަހަރުގެ ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީ އިން ހުޅުވާލައިފިއެވެ.
އެ މިނިސްޓްރީ އިން ޖެނުއަރީ 3 ވަނަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެވޯޑަށް ކުރިމަތިލުމުގެ ދާއިރާތަކަކީ ސިޔާސީ ދާއިރާ، އިޤްތިސާދީ ދާއިރާ، އިޖްތިމާއީ ދާއިރާ، އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާ އަށް ކޮށްދީފައިވާ ހިދުމަތުގެ ދާއިރާގެ އިތުރުން އަންހެނުން އާންމުކޮށް ކޮށް ނޫޅޭ މަސައްކަތުގެ ދާއިރާއެވެ.
އަންހެނުންގެ ތަރައްޤީ އާއި އަންހެނުން ބާރުވެރިކުރުވުމާއި ޖެންޑަރ މެއިންސްޓްރީމް ކުރުމުގެ ދާއިރާއަށް ހަމައެކަނި ހުށަހެޅޭނީ ވަޒީފާދޭ ފަރާތްތައް ނުވަތަ މުއައްސަސާތަކުން ކަމަށް މި ނޫސްބަޔާނުގައިވެއެވެ.
މި ދާއިރާތަކަށް ކުރިމަތިލުމުގެ ސުންގަޑި އަކީ 4 ފެބްރުއަރީ ވާ އާދިއްތަ ދުވަހުގެ 2 ޖެހުމުގެ ކުރިން ކަމަށް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
ރެހެންދި އެވޯޑަކީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީގެ ފަރާތުން 2014 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑު ދިނުމުގެ މަޤްސަދަކީ މުޖުތަމައު އާއި ޤައުމުގެ ތަރައްޤީ ލާބަޔާ މަންފާ ލިބޭފަދަ އަގުހުރި ހިދުމަތްތަކެއް ކޮށްފައިވާ އަންހެނުންގެ އަގުވަޒަން ކުރުން ކަމަށް މިނިސްޓްރީ އިން ބުނެއެވެ.