ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހެއް ފާހަގަކުރަން ސަރުކާރުން ނިންމައިފިއެވެ.
މި އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ މާރޗު މަހުގެ 6 ވަނަ ދުވަހަކީ، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ވަނީ ހަމަޖައްސަވާފައެވެ.
މި ދުވަހަކީ، ދިވެހީންގެ މެދުގައި އިސްލާމީ ވަޙްދަތާއި ޤައުމީ ރޫޙު އުފައްދައި އާލާކުރުމުގެ މަޤްޞަދުގައި، 2017 ވަނަ އަހަރުގެ މާރޗު މަހުގެ 6 ވަނަ ދުވަހު [ތަރިކަ] މަޝްރޫޢު އިފްތިތާޙު ކުރި ދުވަހެވެ. މި ދުވަސް ފާހަގަކުރާ ގޮތަށް ރައީސް ޔާމީން ނިންމެވީ، އެ މަޝްރޫޢަކީ ދިވެހި ޤައުމިއްޔަތާ ގުޅުން ހުރި ވަރަށް ގިނަ ކަންތައްތަކެއް އެކުލެވޭ މަޝްރޫޢެއް ކަމުގައި ވާތީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ދުވަސް ފާހަގަ ކުރުމުގެ އެންމެހާ ކަންކަން ކުރިއަށް ގެންދާނީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި [ތަރިކަ] ކޮމިޓީ ގުޅިގެން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ދައުލަތުގެ ހުރިހާ މުއައްސަސާތަކަކުން ވެސް މި ދުވަސް ފާހަގަކުރުމަށް އެއްބާރުލުން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސް ކުރައްވާފައެވެ.