ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ(ސީއޯއޯ) ހުސައިން ފިޔާޒު މޫސާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ބުނެފި އެވެ.
ފިޔާޒުގެ މައްޗަށް ދައުލަތުން ކުރީ އަތްލުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ކުރީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ ރޭ މުލިއާގެ ކައިރިން ފެނުނު އައިޑީ ނައްތާލަން ސްޓޭޑިއަމް ސަރަހައްދުގައި ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް ފުލުހެއްގެ މޭ މަތީގައި އޭނާ ޖަހާފައިވާ ކަމަށް ބުނެއެވެ.
ފިޔާޒުގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ އޯގަސްޓް 27 ވަނަ ދުވަހު އެވެ.
އެ ހުކުމް އިސްތިއުނާފު ކުރުމާއި ގުޅޭގޮތުން ރާއްޖެއެމްވީއިން ސުވާލުކުރުމުން ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ އިސްތިއުނާފު ކުރުމާ މެދު ގޮތެއް ނުނިންމިވަނީ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ނުލިބިވާތީ ކަމަށެވެ.
އެހެން ނަމަވެސް، ރިޕޯޓް ލިބުނު ކަމުގައިވީ ނަމަވެސް މައްސަލަ އިސްތިއުނާފު ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ނުލިބޭ ކަމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ބުނި ނަމަވެސް، ކްރިމިނަލް ކޯޓުން ބުނަމުންދަނީ ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހާ ރިޕޯޓް ހަވާލުކޮށްފައިވާ ކަމަށެވެ.
ފިޔާޒުގެ އިތުރުން ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމާއި ލީވާން އަލީ ނަސީރުގެ އިތުރުން އާދަމް ޒަރީރުގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރި އެވެ. ވިސާމާއި ލީވާން 28،800 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހުކުމް ކުރިއިރު، ޒަރީރު ޖޫރިމަނާ ކޮށްފައިވަނީ 3000 ރުފިޔާއިންނެވެ.