ވިއްސާރައާ ގުޅިގެން ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ބޯކޮށް ވާރޭވެހި މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް އަނެއްކާ ވެސް ފާޑުކިޔުން އޮއްސާލައިފި އެވެ.
ބުދަ ދުވަހުގެ ރޭ ފަތިހުން ފެށިގެން، ހެނދުނާ ހަމައަށް މާލެ ސަރަހައްދަށް ކުރި ވިއްސާރައިގައި އެންމެ ބޮޑަށް ފެންބޮޑުވެފައި ވަނީ މާފަންނުގަ އެވެ. މާފަންނުގެ ބައެއް ސަރަހައްދުތަކުގައި ދޮޅު ފޫޓަށް ފެންބޮޑުވެފައިވާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.
އަލަށް ހެދި މަޖީދީ މަގުގެ ބައެއް ސަރަހައްދުތައް ފެންބޮޑުވެފައިވާއިރު، މާފަންނުގެ ބޮޑު ސަރަހައްދެއް ވަނީ ފެންބޮޑުވެފަ އެވެ. އެންމެ ބޮޑަށް ފެންބޮޑުވެފައި ވަނީ އައިޖީއެމްއެޗް ހުންނަ ކަނބާއައިސާ ރަނި ހިނގުމާއި އެ މަގާއި ގުޅިފައިވާ މަގުތަކާއި ގޯޅިތަކުގަ އެވެ.
ހައުސިން މިނިސްޓްރީ ކަމެއް ރަނގަޅު ކުރުމަށް ކުރާ މަސައްކަތް، ތަކުރާރުކޮށް ކުރަންޖެހޭތީ އާއި ހަރަދުބޮޑުވާ ގޮތަށް ވިސްނުމެއް ނެތި "ގްރޭޓާ މާލޭ" އޭރިއާގެ ޕްލޭނަށް އަމަލުކުރަމުންދާތީ މުއިއްޒަށް ރައްދޮކޮށް ކިޔަމުންދާ ފާޑުތައް ސޯޝަލް މީޑިއާގައި މިއަދު ވަނީ ގަދަވެފަ އެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މެދުރާއްޖެ ތެރޭގެ 11 އަތޮޅަކަށް މެޓް އޮފީހުން ރޭ ވަނީ ޔެލޯ އެލާޓް ނެރެފައެވެ. އެ އެލާޓްގެ ވަގުތު މިއަދު ހެނދުނު 8:15 އަށް ވަނީ ހަމަވެފަ އެވެ.